Roadha Mihaaru
މީހެއްގެ ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދައިފި

މީހެއްގެ ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދައިފި

11 ޖެނުއަރީ 2022

އިންސާނެއްގެ ހިތުގެ ބަދަލުގައި އޭނާގެ ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދުމަށް ކުރި ކާމިޔާބު އޮޕަރޭޝަނަށް ފަހު، ބަލިމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، ޔުނިވަސިޓީ އޮފް މެރީލޭންޑް މެޑިސިން އިން ބުނެފި އެވެ.

އިންސާނެއްގެ ހިތުގެ ބަދަލުގައި އޭނާގެ ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދުމަށް ކުރި ކާމިޔާބު އޮޕަރޭޝަނަށް ފަހު، ބަލިމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، ޔުނިވަސިޓީ އޮފް މެރީލޭންޑް މެޑިސިން އިން ބުނެފި އެވެ.

އެ ޔުނިވަސިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޑޭވިޑް ބެނެޓް ކިޔާ އުމުރުން 57 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދުމުގެ އޮޕަރޭޝަން ކުރީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އަދި އޮޕަރޭޝަން ކުރިތާ ތިން ދުވަސްވެގެން ދިޔައިރު، ބަލިމީހާގެ ހަށިގަނޑު އަންނަނީ އެކަށީގެންވާ ގޮތެއްގައި ރަނގަޅު ވަމުން ކަމަށް ވެސް އެ ޔުނިވަސިޓީން ބުންޏެވެ.

ޔުނިވަސިޓީން ބުނި ގޮތުގައި ބެނެޓްގެ ހިތް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތީ، އޭނާގެ ހިތް ބަދަލުކުރުން ނޫން އެހެން ގޮތެއް ނެތެވެ. އަދި އޭނާގެ ހަށިގަނޑުގެ ދުޅަހެޔޮކަން ހުރި ނިސްބަތަށް ބަލާއިރު، އިންސާނެއްގެ ހިތެއް ހޯދުން ދަތިވެފައިވާތީ އާއި ޕަމްޕެއް ލައްވައިގެން ވެސް ހިތް މަސައްކަތް ކުރުމުގެ ފުރުސަތު ނެތުމުން، ހިތް ބަދަލުކުރަން މަޖުބޫރުވީ އެވެ.

"އަހަންނަށް އޮތީ މަރުވުން، ނޫނީ ހިތް ބަދަލުކުރުން. އަހަރެން ދިރި ހުންނަން ބޭނުން. މިއީ ވަރަށް އުނދަގޫ ނިންމުމެއް ކަން ވެސް އެނގޭ. އެހެން ވިޔަސް މިއީ އަހަރެންނަށް އޮތް އެންމެ ފަހުގެ އިޚްތިޔާރު،" އޮޕަރޭޝަންގެ ކުރިން ބެނެޓް ބުންޏެވެ.

ކުއްލި ހާލަތެއް ކަމަށް ބަލައި، ބެނެޓްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދިނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ބެނެޓްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދީ އެ ހިތަށް ވިރާސީ ބަދަލުތަކެއް ގެނައުމަށް ފަހުގައި ކަމަށް ޔުނިވަސިޓީގެ ޑޮކްޓަރުން ބުންޏެވެ. އެ ގޮތުން، އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ދެކޮޅު ހަދާ ތިން ޖީނެއް ވަނީ އޫރުގެ ހިތުން ނަގައިފަ އެވެ. އަދި އޫރުގެ ހިތް އިތުރަށް ބޮޑުކޮށްދޭ ޖީން ވެސް ވަނީ އެ ހިތުން ނަގައި ވަކިކޮށްފަ އެވެ. އޭގެ ބަދަލުގައި އިންސާނުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ގަބޫލުކުރާ އިންސާނީ ތިން ޖީނެއް ވަނީ، އޫރުގެ ހިތަށް ލައްވައިފަ އެވެ.

މި ބަދަލުތައް ގެނައުމަށް ފަހު ބެނެޓްގެ ހަށިގަނޑުގައި އޫރުގެ ހިތް އިންދުމަށް ފަހު މިހާތަނަށް، ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ ހިތާ ދެކޮޅަށް އެއްވެސް ކަމެއް ކުރިކަމަކަށް ފާހަގައެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި ހަށިގަނޑުގެ އެކި ބައިތަކަށް ލޭ ފޮނުވައިދިނުމުގައި ބަރާބަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ހިތުގެ ތަފާތު ބަލިތަކުގައި ހިތުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ އެތައް ބަޔަކު، އިންސާނީ އާ ހިތެއް ލެއްވޭނެ ދުވަހެއްގެ އިންތިޒާރުގައި މިހާރު ވެސް އެބަ ތިއްބެވެ. އެ އިންތިޒާރުގައި ތިބި ކިތަންމެ ބަޔަކު، ހިތް ހަދިޔާ ކުރާނެ މީހަކު ނުލިބިގެން އުޅެނިކޮށް މަރުވެއްޖެ އެވެ.

ހިތް ހަދިޔާ ކުރާނެ މީހުން ލިބެނީ ވަރަށް ނާދިރު ހާލަތްތަކެއްގައި ކަމަށްވާތީ، އޫރުގެ ހިތް އިންސާނުންގެ ހަށިގަނޑުގައި ކާމިޔާބުކަމާ އެކު މަސައްކަތް ކުރާ ނަމަ، އެއީ ހިތުގެ ބަލިތަކުގައި އުޅޭ ގިނަ ބަޔަކަށް ލިބޭނެ ވަރަށް އުންމީދީ ހަބަރަކަށް ވާނެ އެވެ.

އެމެރިކާގައި ހިތް ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި މިހާރު ވެސް 106،657 މީހުން ތިބި އިރު، އޭގެ ތެރެއިން ދުވާލަކު އެވްރެޖް ގޮތެއްގައި ހަތް މީހުން މަރުވެ އެވެ.