14 ޑިސެމްބަރ 2016
އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލެއްގެ ގޮތުގައި އަންނަ އަހަރު މިހާރަށް ވުރެ ގިނަ ސައިކަލު ނުވަތަ ފަޔާ ބައިކް ބޭނުން ކުރަން ފަށާނެ ކަމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) އިން މިއަދު ބުނެފި އެވެ.
އަލިފާން ނިއްވުމަށް ބޭނުންކުރާ ވެހިކަލެއްގެ ގޮތުގައި އަންނަ އަހަރު މިހާރަށް ވުރެ ގިނަ ސައިކަލު ނުވަތަ ފަޔާ ބައިކް ބޭނުން ކުރަން ފަށާނެ ކަމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) އިން މިއަދު ބުނެފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އެފްއާރުއެސްގެ ކޮމާންޑަރު އަބްދުﷲ ޒުހުރީ ވިދާޅުވީ، ތޮއްޖެހިފައިވާ މާލޭގައި އަލިފާނުގެ ހާދިސާތައް ގިނައިން ހިނގާއިރު، ޓްރެފިކުން ސަލާމަތްވެ، ވީ އެންމެ އަވަހަކަށް އެތަނަކަށް ދަތުރުކުރުމަކީ ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންވެ، އަލިފާން ނިއްވާ ވަސީލަތްތައް ހަރުކޮށްފައިވާ އިތުރު ސައިކަލުތައް އަންނަ އަހަރުން ފެށިގެން ބޭނުން ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްއާރުއެސްގައި މިހާރު ވެސް މި ފަދަ އެއް ސައިކަލު ބޭނުން ކުރެ އެވެ. އެކަމަކު އެ ސައިކަލްތައް އެހާ އާންމުކޮށް ބޭނުމެއް ނުކުރެ އެވެ.
ޓްރެފިކްގެ އިތުރުން، ހަނި ގޯޅިތަކުން ވެހިކަލަށް ދަތުރުކުރުމުގެ ދަތިކަން ވެސް ޒުހުރީ ފާހަގަކުރެއްވި އެވެ. އެކަމަކު ފަޔާ ބައިކް އާންމުކޮށް ބޭނުން ކުރަން ފެށުމުން، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް އަވަހަށް ދެވޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ބައިކްގައި ހުންނާނެ އަލިފާން ނިއްވުމަށް އެ ވަގުތަށް ބޭނުން ކުރެވޭ ވަސީލަތްތައް. އެހެން ފަޔާ ވެހިކަލްތައް ދާންވާއިރަށް ވެސް މީގެ ބޭނުން ކުރެވޭނެ،" ޒުހުރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ ގެތައް ހުންނަނީ ވަރަށް ފަސޭހައިން އަލިފާންގަނޑު ފެތުރިގެންދާނެ ފަދަ ގޮތަށެވެ. އެހެންވެ، އެ ފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ހަބަރު ލިބިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެތަނަކަށް ގޮސް އަލިފާން ނިއްވުމަށް މަސައްކަތް ކުރާ ކަމަށް ޒުހުރީ ވިދާޅުވި އެވެ.
އެހެން ބައެއް ގައުމުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ދިޔުމަށް ގަޑިއިރެއްހާއިރު ނަގާއިރު، އެފްއާރުއެސްއިން އެތަނަކަށް ދިޔުމަށް ކަނޑައަޅާފައި އޮންނަނީ އެންމެ ލަސްްވެގެން 15 މިނިޓެވެ.
ޒުހުރީ ވިދާޅުވީ ގިނަ ދަތިތަކެއް ހުރި ނަމަވެސް، 15 މިނިޓް ވުމުގެ ކުރިން، ހާދިސާ ހިނގައިގެން އުޅޭ ތަނަށް ދިޔުމަށް މަސައްކަތް ކުރާ ކަމަށެވެ.
ދާދި ފަހުން މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައި، އާއްމުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެހެންވެ، މި ފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި އަލިފާން ނިއްވާ ސިފައިން ވަނީ މިދިޔަ ހަފުތާއިން ފެށިގެން، ތަންތަން ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ.
މި އޮޕަރޭޝަނުގެ ދަށުން، މިހާތަނަށް 229 ތަނެއް ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ތަންތަން ހުރީ އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވެވޭނެ ގޮތަކަށް ނޫން ކަމަށް ސިފައިން ބުންޏެވެ.
މި ފަދަ ތަންތަން ބަލާ ފާސްކުރުމުގައި ސިފައިން ބަލަނީ އެތަންތަން އިމާރާތްކޮށްފައި ހުރި ގޮތާއި އެ ތަންތަނުގައި ހުރި ތަކެއްޗާއި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކޮށްފައި ހުރި ގޮތާއި އެ ފަދަ ވަސީލަތްތައް ހުރިތޯ އާއި، އަލިފާން ނިއްވުމަށް އެތަނުގައި ސިފައިންނަށް ހަރަކާތްތެރި ވެވޭނެ ގޮތެވެ. އަދި އެ ފަދަ ހާދިސާއެއް ހިނގައިފިނަމަ ސަލާމަތް ވާނެ ގޮތް ވެސް ހުރި ނެތް ގޮތް ސިފައިން ބަލަ އެވެ. އެފްއާރުއެސް އިން ބުނިގޮތުގައި މި މައުލޫމާތުގެ ސަބަބުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެތަނުގައި ހުރި މުދަލަށް ބަލައި، ސިފައިން ގެންދާނެ ތަކެއްޗާއި އަލިފާން ނިއްވުމަށް ހަރަކާތްތެރިވާނެ ގޮތާއި މީހުންނާއި ތަކެތި ސަލާމަތް ކުރާނެ ގޮތް ކުރިން ސިފައިންނަށް އެނގޭނެ އެވެ.
ޒުހުރީ ވިދާޅުވީ އަލިފާން ނިއްވުމުގެ ނިޒާމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަށް އިތުރު ވަސީލަތްތައް ހޯދުމަށް ބަޖެޓަކަށް އެދިފައިވާނެ ކަމަށެވެ.
އަވަސް ކުރަން ޖެހޭ 26 ގުދަން ދެމަސް ތެރޭ ނިމޭނެ
ޗެކް ކުރި ގިނަ ތަންތަން އަލިފާނުން ރައްކާތެރިއެއްނޫން
އަލިފާން ނިއްވާ ޒަމާނީ ވަސީލަތެއް ތައާރަފްކޮށްފި
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
އީޕީއޭގެ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު
އަލިފާނުގެ ހާދިސާ ހިނގުމުން ހައިދަރު ރާއްޖެއަށް
ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި