Roadha Mihaaru
"މިހާރު" ބޮއިކޮޓްކުރުން ނާތަހުޒީބު: އެޑިޓާސް ގިލްޑް

ކްލަބްތަކުން "މިހާރު" ބޮއިކޮޓް ކުރުމަކީ ނާތަހުޒީބު އަމަލެއް: އެޑިޓާސް ގިލްޑް

25 ޑިސެމްބަރ 2021

"މިހާރު" ނޫސް ބައިވެރި ވާތީ ބައެއް ފުޓްބޯޅަ ކުލަބުތަކުންް ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރަން ނިންމި ނިންމުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި މިކަމުން ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށް އެޑިޓާސް ގިލްޑުން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"މިހާރު" ނޫސް ބައިވެރި ވާތީ ބައެއް ފުޓްބޯޅަ ކުލަބުތަކުންް ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރަން ނިންމި ނިންމުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި މިކަމުން ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށް އެޑިޓާސް ގިލްޑުން ރޭ ބުނެފި އެވެ.

ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން، ނުވަތަ އެޑިޓަރުން ހިމެނޭ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ "މިހާރު" ބޮއިކޮޓް ކުރަން ކްލަބުތަކުން ނިންމުމަކީ ކުޅިވަރަށް އިތުރު ބަނަކަމެއް ގެނުވާނެ ފަދަ ވިސްނުމެއް ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކުން "މިހާރު" އާ އެކު ޕްރެސް ކޮންފަރެންސްގައި ބައިވެރި ނުވާނެ ސަބަބެއް ކަމަށް ބުނެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ އަށް ގެއްލުންވާ ގޮތަށް، ހަގީގަތާ ހިލާފަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމެވެ. އެހެންވެ، މިހާރު ކުރިއަށް ގެންދާ ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތުގެ ޕްރެސް ކޮންފަރެންސްތައް ބައެއް ކްލަބްތަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮއިކޮޓް ކޮށްފަ އެވެ.

ފުޓްބޯޅައަކީ ކްލަބްތަކާއި އެ އަށް ލޯބިކުރާ ސަޕޯޓަރުންގެ މަސްލަހަތު ހިމެނޭ ކުޅިވަރަކަށް ވާއިރު، އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރި ނަމަ، އެކަން ފާހަގަކޮށް ފާޑުކިޔުމަކީ ކުޅިވަރުގެ ކުރިމަގަކަށްޓަކައި ބޭނުންތެރި އަދި މީޑިއާގެ ޒިންމާ އަދާކުރުމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ގިލްޑްގެ ބަޔާނުގައިވެ އެވެ.

"މިފަދަ ފާޑުކިޔުންތަކަކީ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގެންފައިވާ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަން ވެސް ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

ނުފޫޒުތަކާއި ޖަޒުބާތުތަކުން ކުލަބުތަކާއި އެފްއޭއެމް ދުރުވެ، މީޑިއާތަކުގެ ފާޑުކިޔުން ޒިންމާދާރުކަމާ އެކު ބަލައިގަންނަން ވަނީ ގޮވާލައިފަ އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗުތަކުގެ ޕްރީ މެޗު އަދި ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސަށް ހާޒިރުވެ މީޑިއާ އަށް މައުލޫމާތު ދިނުމަކީ ކްލަބްތަކުން ކުރަން ޖެހޭނެ ކަމެކެވެ. އެހެންވެ، ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިނުވުމަކީ އެ ކްލަބްތަކުން ގަވާއިދާ ހިލާފުވުމެވެ.

ފުޓުބޯޅަ އަށް ގެއްލުންވާ ގޮތަށް "މިހާރު" ގައި ލިޔާ ކަމަށް ބުނެ "މިހާރު" ބައިވެރިވާ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރަން ބައެއް ކްލަބްތަކުން ނިންމިއިރު، އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ކުޅިވަރުގެ ދާއިރާ އިން ކިޔަވައި ވިދާޅުވެފައިވާ ހާމިދު އަބްދުލްޣަފޫރު "މިހާރު" ގައި މިހާރު ލިޔުއްވާ ކޮލަމާ މެދު ވެސް އެ ކްލަބްތަކުން ހިތްހަމައެއް ނުޖެހޭ ކަމަށް ވެ އެވެ.

ހާމިދު ގެންދަވަނީ ދިވެހި ފުޓުބޯޅަ އާއި އެފްއޭއެމްގެ ހުރި މައްސަލަތަކަށް އަލިއަޅުވާލައްވައި ކޮންމެ ބުދަ ދުވަހެއްގައި "މިހާރު" ގައި ކޮލަމެއް ލިޔުއްވަމުންނެވެ.