Roadha Mihaaru
"މިހާރު" އަޑުއެހޭ ގޮތް ހަދައިފި

"މިހާރު" އަޑުއެހޭ ގޮތް ހަދައިފި

24 މެއި 2023

"މިހާރު" ނޫހުގައި ޝާއިއުކުރާ ލިޔުންތަކުގެ އޯޑިއޯ އަޑުއަހާލެވޭ ގޮތް ހަދައި "އޯޑިއޯ ނިއުސް" މިއަދު ތައާރަފްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

"މިހާރު" ނޫހުގައި ޝާއިއުކުރާ ލިޔުންތަކުގެ އޯޑިއޯ އަޑުއަހާލެވޭ ގޮތް ހަދައި "އޯޑިއޯ ނިއުސް" މިއަދު ތައާރަފްކޮށްފި އެވެ.

މިއަދު ފާހަގަކުރާ "މިހާރު"ގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރި އޯޑިއޯ ނިއުސް އަކީ އެ ލިޔުމެއް އެއްކޮށް ކިޔައިދޭ ފީޗާއެކެވެ. ކޮންމެ އާޓިކަލްއެއްގެ މަތީގައި އޯޑިއޯ އަޑުއެހޭގޮތަށް ފީޗާ އިންނައިރު ކޮންމެ އާޓިކަލްއެއް ޕަބްލިޝްކުރާތާ އިރުކޮޅެއްގެ ތެރޭ އޯޑިއޯ ލިބޭނެ އެވެ.

"މިހާރު" ގެ ސީއޯއޯ ހަސަން މާހިރު ވިދާޅުވީ ރާއްޖޭގެ މެއިންސްޓްރީމް ނޫހަކުން ފުރަތަމަ ފަހަރަށް ތައާރަފްކުރާ މި ފީޗާ އަކީ ޓެކްނޮލޮޖީއާ އެކު ކިޔުންތެރިންނަށް އިތުރު ފަސޭހަތައް ގެނެސްދިނުމުގެ ފެށުމެއް ކަމަށެވެ.

"މިއީ ކިޔުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ. ކިޔުންތެރިންނަށް ފަސޭހަވުމުގެ އިތުރުން ލޮލަށް ފެނުމުގައި ދަތިކަން ހުންނަ މީހުންނާއި ކިޔަން އުނދަގޫ މީހުންނަށް ވެސް މިއީ ވަރަށް ބޮޑު އެހީއަކަށް ވާނެ،" ހަސަން ވިދާޅުވި އެވެ.

އޯޑިއޯ ނިއުސް ޑިވެލޮޕްކުރި "ޖަވާބު" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް އާއި "މިހާރު"ގެ ސީއޯއޯ ހަސަން މާހިރު (ކ) އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: މިހާރު

އޯޑިއޯ ނިއުސް ޑިވެލޮޕްކުރި "ޖަވާބު" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް އާއި "މިހާރު"ގެ ސީއޯއޯ ހަސަން މާހިރު (ކ) އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ އޯޑިއޯ ނިއުސް ވެސް ކިޔުންތެރިންގެ ޚިޔާލާ އެކު އިތުރަށް ތަރައްގީކޮށް، ކުރިއަށް އޮތްތަނުގައި ތަފާތު ގޮތަކަށް ފެންނާނެ ކަމަށެވެ.

"މިހާރު" އަށް އެކްސްކުލޫސިވްކޮށް މި ފީޗާ ޑިވެލޮޕްކޮށްދިން "ޖަވާބު" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ވިދާޅުވީ މިއީ ރާއްޖޭގައި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ވައްޓަފާޅިއަށް އައި ބޮޑު ބަދަލެއް ކަމަށެވެ.

"ބުރަކޮށް އުޅެމުން ވެސް މިހާރު އަޑުއަހައިލެވޭނެ ގޮތް މި ހަމަޖެހުނީ. އަދިވެސް އިތުރު ފަސޭހަތައް ހޯދައިދޭން މަސައްކަތްކުރަމުން ގެންދާނަން. ރާއްޖޭގެ އެންމެ ބޮޑު ނޫހުގައި މިކަން ފެށުމުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" ޖައިލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އަދިވެސް ތަރައްގީވަމުން އަންނަ ފީޗާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އަދިވެސް ތަފާތުތައް ފެންނާނެ ކަމަށެވެ.

ޖައިލަމް ވިދާޅުވީ "މިހާރު" ގެ ވެބްސައިޓްގައި ލިޔުންތައް ޝާއިއުކުރާތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޯޑިއޯ ކިޔާލަން ލިބޭނެ ކަމަށެވެ. އަދި މިހާރު ވެސް އަންނަނީ މި ފީޗާ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި ލަސްތަކެއް ނުވެ އިތުރު ބަދަލުތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.