Roadha Mihaaru
މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން: އެމްޑީޕީ

ދައްކަނީ ބޭކާރު ވާހަކަ، މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން: އެމްޑީޕީ

13 ޑިސެމްބަރ 2016

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭއްވުމާ ގުޅޭ ގޮތުން ސަރުކާރުން ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަށާއި މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭއްވުމާ ގުޅޭ ގޮތުން ސަރުކާރުން ދައްކަނީ ބޭކާރު ވާހަކަތަކެއް ކަމަށާއި މަޝްވަރާތައް ނުބާއްވަން އުޅެނީ ސަރުކާރުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކާ އެކު މިދިޔަ މަހު މަޝްވަރާތައް ފަށަން ނިންމާފައި އޮތަސް، އެ މަޝްވަރާތައް އަދިވެސް ނުފަށަ އެވެ. އެންމެ ފަހުން މަޝްވަރާތަކަށް ހުރަސް އެޅުނީ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރަން ރައީސް އޮފީހުން އެދުމުންނެވެ.

އެ އެންގުމަށް އެމްޑީޕީން ތަބާވާކަށް ބޭނުމެއް ނުވެ އެވެ. އަދި އެމްޑީޕީއާ އެކު މަސައްކަތް ކުރަމުން އަންނަ އަދާލަތު ޕާޓީން ވެސް މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެއް ނާޅަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ކަނޑައަޅަން އެއްވެސް ޕާޓީއަކަށް އެންގުމުގެ ފުރުސަތު ރައީސް އޮފީހަށް ނޯންނާނެ ކަމަށެވެ.

"ޕާޓީގެ އެއްވެސް ގުނަވަނަކުން ކަންކަން ކުރުމަށް ރައީސް އޮފީހަކަށް ނޭނގޭނެ، އަޅުގަނޑުމެންނެއް ނޫން މަޝްވަރާގައި ބައިވެރިނުވާން ތިބީ. ސަރުކާރުން ބާއްވަން ނޫޅެނީ،" ޝިފާޒް ވިދާޅުވި އެވެ.

"ޕާޓީ ހިންގަންވީ ގޮތެއް ރައީސް އޮފީހަކަށް ނޭނގޭނެ. އެ ދައްކަނީ ބޭކާރު ވާހަކަތަކެއް."

ޝިފާޒް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމުގައި މެދުވެރިއެއްގެ ރޯލް ކުޅެން އދ. އިން ކަނޑައެޅުއްވި ތަމްރަތު ސެމިއުލްއާ އެކު މަޝްވަރާތައް ފަށަން ވެސް ގޮވާލައްވައިފަ އެވެ.

ސިޔާސީ ގޮތުން ހުރި ދެބަސްވުންތައް ނައްތާލައި، ގައުމުގެ ހައްގުގައި މަސައްކަތްކޮށް އަދި ޑިމޮކްރަސީ އާއި މިނިވަން މުއައްސަސާތައް ހަރުދަނާކުރެވޭނެ ހައްލުތަކެއް ހޯދޭނީ ވާހަކަތައް ފަށައިގެން ކަމަށާއި ހުރިހާ ފަރާތެއް ހިމެނޭ، ތެދުވެރި ވާހަކަތަކަށް އދ. އިން އަބަދުވެސް އެހީތެރިވާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އދ.ގެ ޕޮލިޓިކަލް އެފެއާާޒް ޑިޕާޓްމަންޓުގެ ސީނިއަ އެޑްވައިޒަރު ތަމްރަތު އެންމެ ފަހުން ވަޑައިގެން ވެސް، ވަކިވަކި ފަރާތްތަކާ އެކު ބައްދަލުކުރައްވައި "ޕްރޮކްސީ ޓޯކްސް" ބާއްވަން މަސައްކަތް ކުރެއްވިޔަސް، އެކަމުން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި އެކަން ލަސްވަނީ ބައެއް ޕާޓީތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެހެންވެ، ހުރިހާ ޕާޓީތަކުން މަޝްވަރާތައް ކުރިއަށް ގެންދަން އެއްބާރުލުން ދޭން ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. ސަރުކާރުގެ ގޮވާލުމަށް އިޖާބަދީ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އިންނެވެ.

ބޭރުގެ ބައެއް ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އެނގިފައިވާ ގޮތުގައި، ސަރުކާރާއި ޕާޓީތަކުގެ އޮފިޝަލުން ބޭރު ގައުމެއްގައި ބައްދަލުކޮށް، މަޝްވަރާކުރެވޭތޯ އެވެ. އެ ގޮތުން، އަވަށްޓެރި ސްރީ ލަންކާގެ އިތުރުން، މޯލްޓާގައި މަޝްވަރާތައް ބޭއްވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވެ އެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ލަންކާގައި މަޝްވަރާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.