Roadha Mihaaru
ސްކަވޯލީނީއާ އެކު އިޓަލީގެ މޮޅު ޑިޒައިން ރާއްޖެ އަށް

ސްކަވޯލީނީއާ އެކު އިޓަލީގެ މޮޅު ޑިޒައިންތައް ރާއްޖެ އަށް

13 ޑިސެމްބަރ 2016

ބަދިގެ އާއި ފާހާނާ އަށް ބޭނުންވާ ތަކެތި އުފައްދާ އިޓަލީގެ މަޝްހޫރު ސްކަވޯލީނީ ބްރޭންޑުގެ ތަކެތި ރާއްޖެ އަށް ތައާރަފްކޮށް، އެ ތަކެއްޗަށް ހާއްސަ ޝޯރޫމެއް މިއަދު ހުޅުވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ބަދިގެ އާއި ފާހާނާ އަށް ބޭނުންވާ ތަކެތި އުފައްދާ އިޓަލީގެ މަޝްހޫރު ސްކަވޯލީނީ ބްރޭންޑުގެ ތަކެތި ރާއްޖެ އަށް ތައާރަފްކޮށް، އެ ތަކެއްޗަށް ހާއްސަ ޝޯރޫމެއް މިއަދު ހުޅުވައިފި އެވެ.

އަމީރު އަހުމަދު މަގުގައި ހުންނަ ކެފޭ، ކެފެއާއާ ޖެހިގެން ހަދާފައިވާ މި ޝޯރޫމް ހުޅުވައިދެއްވީ މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމެވެ.

ސްކަވޯލީނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ ޝޯރޫމް.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

ސްކަވޯލީނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ ޝޯރޫމް.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

މި ޝޯރޫމްގައި، ސްކަވޯލީނީގެ ތަފާތު ވައްތަރުތަކުގެ ބަދިގެ ކަބަޑު ސެޓާއި ފާހާނާގައި ހަރުކުރާ ތަކެއްޗާއި ސިޓިން ރޫމްގައި ބަހައްޓާ ކަބަޑު ފަދަ ތަކެތި ދައްކާލަން ބަހައްޓާފައި ހުއްޓެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ސްކަވޯލީނީން އެންމެ ފަހުން ބާޒާރަށް ނެރުނު ވައްތަރުތަކެވެ.

ޔޫރޯ މާކެޓިންގެ ހިއްސާދާރުން ހިންގަވާ އެހެން ކުންފުންޏެއް ކަމަށްވާ ހޯޓެކްއާ ގުޅިގެން ހެދި ޝޯރޫމާ ގުޅޭ ގޮތުން، ސްކަވޯލީނީގެ އެކްސްޕޯޓް ސޭލްސް ޑިރެކްޓަރު ރޮބާޓޯ ގްރަމަޗިއޯނީ ވިދާޅުވީ މީގެ ބައި ގަރުނު ކުރިން ކުޑަ ވަޑާންގެއެއްގެ ގޮތަށް ފެށި ސްކަވޯލީނީ ފުޅާކޮށް، މިހާރު 600 އަށް ވުރެ ގިނަ ވައްތަރުތައް އުފައްދާ ކަމަށެވެ. އޭގެ ތެރޭގައި ބަދިގެ ކަބަޑާއި ފާހާނާގައި ހަރުކުރާ ތަކެތީގެ އިތުރުން، ސިޓިން ރޫމްގައި ބޭނުންކުރާ ތަކެތި ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިޓަލީގެ އެންމެ ފުރިހަމަ، މޮޅެތި ޑިޒައިންތައް ރާއްޖެ އަށް ތައާރަފްކުރުމަކީ ވަރަށް ބޮޑު އުފަލެއް،" ރޮބާޓޯ ވިދާޅުވި އެވެ.

ސްކަވޯލީނީގެ އުފެއްދުންތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ އެކްސްޕޯޓް ސޭލްސް ޑިރެކްޓަރު ރޮބާޓޯ ގްރަމަޗިއޯނީ މިއަދު މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

ސްކަވޯލީނީގެ އުފެއްދުންތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ އެކްސްޕޯޓް ސޭލްސް ޑިރެކްޓަރު ރޮބާޓޯ ގްރަމަޗިއޯނީ މިއަދު މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

ސްކަވޯލީނީގެ އެންމެ ހާއްސަ ކަމަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމަރުން ބޭނުންވާ ބަދަލުތައް ކަބަޑު ސެޓު ފަދަ ތަކެއްޗަށް ގެނެސް، ކޮންމެ މީހަކަށް ވެސް ތަފާތު އުފެއްދުމެއް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ ޝޯރޫމުން ވެސް އެ ހިދުމަތް ލިބޭނެ ކަމަށާއި އެކަން ކަށަވަރު ކުރުމަށް އެ ޝޯރޫމުގައި މަސައްކަތް ކުރާ ޑިޒައިނަރުން އިޓަލީ އަށް ގެންގޮސް، ސްކަވޯލީނީގެ ޑިޒައިނަރުން ލައްވާ ތަމްރީނުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާއްމުކޮށް ބޭނުންކުރާ ކަބަޑު ސެޓް ފަދަ ތަކެއްޗާ ސްކަވޯލީނީގެ އުފެއްދުންތަކާ ތަފާތެވެ. ބޭރު ފުށުން ފެންނަ އިރު ހުންނަ ރީތިކަމާއި ސާދާ ބައްޓަންތަކުގެ އިތުރަށް، ބާރަށް ދޮރުފަތް ލެއްޕުމުގެ ބަދަލުގައި ގޮސް ޖެހެނީ މަޑުމަޑުންނެވެ. އަދި ޖާގައިގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފޭނެ ގޮތަށް، ކެއްކުމުގައި ބޭނުންކުރާ ތަކެތި އަޅާ ފުޅި އާއި އެ ނޫން ވެސް އާލާތްތައް ބަހައްޓާނެ ތަންތަން ވެސް ކަބަޑު ސެޓުގައި ހިމަނާފައި ހުރެ އެވެ.

ސްކަވޯލީނީން ޔޫރަޕްގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ އިރު، މި ބްރޭންޑުގެ އުފެއްދުންތައް ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުުމުގައި ވިއްކަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ލެޓިން އެމެރިކާގެ ގައުމުތަކުގެ އިތުރަށް، ޓޫރިޒަމަށް މަޝްހޫރު ގައުމުތައް ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ.