Roadha Mihaaru
"އިންޑިޔާގެ ގުޅުމުން ނުރައްކަލެއް ނެތް، ވާނީ ފައިދާ"

އިންޑިޔާގެ ގުޅުމުން ނުރައްކަލެއް ނެތް، ވާނީ ފައިދާ: ސަރުކާރު

19 ޑިސެމްބަރ 2021

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށާއި އެކަމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށާއި އެކަމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން "އިންޑިޔާ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕެއިނާ ގުޅިގެން ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކެމްޕެއިނަކީ މަދު ސިޔާސީ ބަޔަކު ވެގެން ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާ ހަރަކާތެއް ކަމަށެވެ.

އެ ހަރަކާތާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރަން ޖެހޭނީ ޑިމޮކްރަޓިކް އަދި ޒިންމާދާރު ގޮތެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިޔާއާ މެދު ނަފްރަތު އުފައްދާ ދޮގު ތުހުމަތުތައް ކުރުމަކީ މި ގައުމަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދޭ އިންޑިޔާއާ އެކު އޮންނަ ގުޅުން ހީނަރުވެގެންދާނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކު ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އެއްބަސްވުންތަކާއި ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން،" ފޮރިން މިިނިސްޓްރީން ބުންޏެވެ.

އެފަދަ މުއާމަލާތްތަކަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ މިނިވަން ކަމަށް އެއްވެސް ބުރުލެއް އަދި އުނިކަމެއް އަންނާނެ މުއާމަލާތްތަކެއް ނޫން ކަމަށް ސަރުކާރުން ބުންޏެވެ. އޭގެ ބަދަލުގައި އެއީ ރާއްޖޭގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރާނެ ފަދަ ގުޅުންތަކެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ސިޔާސީ ލީޑާޝިޕުން ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރުމާއި އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާފަދަ ދޮގު ވާހަކަތައް ނުފަތުރުމަށް ވެސް އެ ބަޔާނުގައި ސަރުކާރުން ގޮވާލި އެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ކުރަމުން އަންނަ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަނީ "އިންޑިޔާ އައުޓް" ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން އެކި ރަށްރަށަށް ވަޑައިގެން އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވެސް ވަނީ އެއީ އިންޑިޔާއާ ދެކޮޅު ކެމްޕެއިނެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ބޭލުވުމަށް ހިންގާ ކެމްޕެއިނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކެމްޕެއިނުގައި އެހެން ސިޔާސީ ފަރާތްތަކުން ބައިވެރި ނުވާތީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.