Roadha Mihaaru
ހިޔާނާތުގެ ރަށްތަކުން ހަމައަގު ހޯދުމުގެ އޮޑިޓް ނިމިއްޖެ

ހިޔާނާތުގެ ރަށްތަކުން ހަމައަގު ހޯދުމުގެ އޮޑިޓް ނިމިއްޖެ

19 ޑިސެމްބަރ 2021

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ތެރެއިން ނުއަގުގައި ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ވެލުއޭޝަން ރިޕޯޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ތެރެއިން ނުއަގުގައި ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ވެލުއޭޝަން ރިޕޯޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ދޫކުރި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމެވެ.

މި ރަށްތަކުގެ ވެލުއޭޝަނެއް އޮޑިޓް އޮފީހުން ހެދީ ހިޔާނާތް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސަށް އެރުވި ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓުގައި، ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް، ހަމައެއްލަމައެއް ނެތް ގޮތަށް ކަމަށް ބުނެފައިވެ އެވެ.

ގާނޫނީ އިމުގެ ތެރެއަށް ރަށްތައް ވައްދައި ހަމައަގު ހޯދަން ލަފާދީފައިވާތީ، އޮޑިޓް އޮފީސް މެދުވެރިކޮށް ހެދި ރިޕޯޓާ ގުޅޭ ގޮތުން އެ އޮފީހުން އަދި އެއްޗެއް ނުބުނެ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ނުއަގުގައި ދޫކުރި ރަށްތަކާ ގުޅޭ ގޮތުން ސަރުކާރުން ގޮތެއް ނިންމުމަށް ބޭނުންވާ ވެލުއޭޝަން އޮޑިޓް އޮފީހުން ހެދީ ބަޔަކާ ހަވާލުކޮށްގެންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި ހިޔާނާތުގެ ތެރެއިން ދޫކުރި ރަށްތައް އަތުލަން ޖެހެ އެވެ. އެއީ، އެމްއެމްޕީއާރުސީގެ ޑީލްތަކުގައި ރަށްތައް ހޯދާފައި ވަނީ ނުއަގުގައި ކަން އެ ހޯދި ފަރާތްތަކަށް ވެސް އެނގޭނެތީ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި އެ ރަށްތައް ލިބުނު މީހުން އޭސީސީގެ ރިޕޯޓުން އެނގެން އޮތް އިރު، މި ޚިޔާނާތުގައި އެ ފަރާތްތައް ވެސް ކުށްވެރިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ވެސް ކުރިން ބުރަވެ އަދި ސަރުކާރަށް ގޮވާލާފައި އޮތީ ރަށްތައް އަތުލުމަށެވެ.

އެކަމަކު، ހިޔާނާތުގެ ތެރެއިން ދޫކުރި ބައެއް ރަށްތައް ނިންމައި މިހާރު ވަނީ އޮޕަރޭޓްކުރަން ފަށައިފަ އެވެ. އިންވެސްޓަރުންގެ އިތުބާރު ވެސް ދަމަހައްޓަން ޖެހޭއިރު، އެގޮތަށް ރަށްތައް ދައުލަތަށް ނެގިދާނެތޯ އެއީ އުފައްދާ ސުވާލެކެވެ.

ރަށްތަކުން ހަމަ އަގު ހޯދަން ގެންގުޅޭ ވިސްނުން ނުވަތަ ރަށްތައް އަނބުރާ ދައުލަތަށް ނަގާނީތޯ ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެމްއެމްޕީއާރުސީގެ އަސްލު މައްސަލައަކީ ދައުލަތަށް ގެއްލުންވި ފައިސާ ހޯދުން ކަަމަށްވާ އިރު މި ރަށްތައް ދޫކޮށްގެން ހިންގި ހިޔާނާތުން މަންފާވި މީހުންގެ ފަހަތުން ގޮސް މައްސަލައިގެ އަމާޒު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

އެމްއެމްޕީއާރުސީގެ ރަށްތަކާ މެދު އަދި ގޮތެއް ނުނިންމިޔަސް ޓޫރިޒަމަށް ދޫކޮށް، ނުހެދި ގިނަ ދުވަސްވެފައި ހުރި 50 އަށް ވުރެން ގިނަ ރަށާ މެދު ސަރުކާރުން ވަނީ ނިންމުމެއް ނިންމައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ނުހެދި ހުރި ރަށްތަކާ އެކު އަލުން އެއްބަސްވުން އާކޮށް ތިން އަހަރު ތެރޭގައި ނުހުޅުވައިފި ނަމަ ރަށް އަތުލާނެ އެވެ. މީގެތެރޭގައި އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް ހިމެނި ކަމެއް ހާމައެއް ނުކުރައްވަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަށް ރިޔާސީ ކޮމިޝަނެއް އުފައްދައި ފުލުހުންނާއި އޭސީސީއާ ގުޅިގެން ޖޮއިންޓް ތަހުގީގެއް ފަށާފައިވީ ނަމަވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ވެސް ފެންނާކަށެއް ނެތެވެ. ކޮމިޝަނުން އަދި އެހެން އިދާރާއަކުން ވެސް ނިންމި މައްސަލައެއްގައި މަދަނީ ދައުވާ ކުރަން މިހާތަނަށް ފޮނުވައިފައެއް ނުވެ އެވެ. ކޮމިޝަންގެ ގާނޫނުގައި އޮންނަނީ މައްސަލަތައް ނިންމައި ހުށަހެޅުމުން ދައުވާކުރަން ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އެޓާނީ ޖެނެރަލް އެވެ.

އެކަމަކު އެ އޮފީހަށް މިހާތަނަށް އެއްވެސް މައްސަލައެއް ނުފޮނުވަ އެވެ. އެކަމަކު ޖޮއިންޓް ތަހުގީގަށް ފަހު އިންވެސްޓިގޭޝަންގައި ބައެއް މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވެ އެވެ.