Roadha Mihaaru
އަލްޒައިމާގެ އާ ބޭހަށް އީޔޫން ހުއްދައެއް ނުދިން

އަލްޒައިމާ ބަލީގެ އާ ބޭހަށް އީޔޫން ހުއްދައެއް ނުދިން

19 ޑިސެމްބަރ 2021

ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝިއާގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒައިމާ އަށް ވިއްސަކަށް އަހަރު ފަހުން އުފެއްދި ފުރަތަމަ ބޭހަށް އީޔޫން ހުއްދަ ނުދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަނދާންނެތޭ ބަލި ނުވަތަ ޑިމެންޝިއާގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒައިމާ އަށް ވިއްސަކަށް އަހަރު ފަހުން އުފެއްދި ފުރަތަމަ ބޭހަށް އީޔޫން ހުއްދަ ނުދޭން ނިންމައިފި އެވެ.

ބޭސް އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބައޯޖެން އިން އަޑުކަނުމެބް (Aducanumab) ގައި ނަމުގައި އުފެއްދި ބޭހަށް ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) އިން ހުއްދަ ނުދޭން ނިންމީ މިހާތަނަށް ބެހޭ ގުޅޭ ގޮތުން ހެދި ޓްރައިލްތަކުން ބޭހަކީ އަލްޒައިމާއާ ދެކޮޅަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކުރާ ބޭހެއް ކަމަށް ފާހަގަވެފައި ނުވާތީ އެވެ.

އެގޮތުން އެ ބައްޔަށް ފަރުވާ ހޯދާ 3،000 މީހުން ބައިވެރިކޮށްގެން 78 ހަފުތާގެ މުއްދަތަށް ގެންދިޔަ ޓްރައިލްތަކުން އެދެވޭ ނަތީޖާއެއް ބޭހުގެ ސަބަބުން ފެނިފައި ނުވާ ކަމަށް ބުންޏެވެ.

އީއެމްއޭ އިން ބުނި ގޮތުގައި ބަލީގެ ހާލަތު ގޯސް މީހުންނަށާއި ބަލީގެ ކުރީކޮޅުގައި ތިބި މީހުންނަށް ރިއާޔަތްކޮށް ޑޯޒް ދީގެން ކުރިއަށް ގެންދިޔަ ޓްރައިލްތަކުން "އަޑުކަނުމެބް" އަކީ އެދެވޭ ބޭހެއްކަމުގެ ސިގްނަލެއް ލިބިފައެއް ނުވެ އެވެ.

އީޔޫން ބޭހަށް ހުއްދަ ނުދޭން ނިންމުމާ ގުޅިގެން ބައޯޖެން އިން މިހާރު ވަނީ އެ ނިންމުން އަލުން ދެ ހަފުތާގެ ތެރޭގައި ރިވިއުކޮށްދޭން އެދިފަ އެވެ.

"އަޑުކަނުމެބް" އީޔޫން ބަލައިނުގަތް ނަމަވެސް އެ ބޭހަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާ އިން ހުއްދަ ދީފައިވެ އެވެ. އޭރު ވެސް އެ ބޭހާ ބެހޭގޮތުން ސައިންސްވެރިން ވިދާޅުވެފައި ވަނީ ބޭހުން ބަލި މީހުންނަށް ކުރާ އަސަރު ކުޑަ ކަމަށެވެ.

ވިއްސަކަށް އަހަރު ފަހުން އަލްޒައިމާ ބައްޔަށް އުފެއްދި ބޭހުގެ ފެންވަރާ މެދު އީޔޫން ސުވާލު އުފެއްދި އިރު، އަލްޒައިމާ ސޮސައިޓީން ބުނެފައިވާ ގޮތުގައި ބައްޔަށް އުފައްދާފައިވާ 125 ބޭހެއް މިހާރު ވެސް ކްލިނިލަކް ޓްރައިލް މަރުހަލާތަކުގައި އެބަހުއްޓެވެ.

ސިކުނޑި އަށް ދިމާވާ އަލްޒައިމާ އަކީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ބައްޔެކެވެ. ހާއްސަކޮށް 60 އަހަރުން މަތީގެ މީހުންނަށެވެ.