Roadha Mihaaru
ރެޑިޓް ހިއްސާގެ ބާޒާރަށް ނުކުންނަނީ

ރެޑިޓް ހިއްސާގެ ބާޒާރުގައި ނުކުންނަނީ

17 ޑިސެމްބަރ 2021

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި މަޝްހޫރު ރެޑިޓް ހިއްސާގެ ބާޒާރަށް ނުކުންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި މަޝްހޫރު ރެޑިޓް ހިއްސާގެ ބާޒާރަށް ނުކުންނަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް، އާންމުންނަށް ހިއްސާ ވިއްކަން ފެށުމާ ގުޅޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭން ކޮމިޝަން (އެސްއީސީ) އަށް އެކަން ހުށަހަޅައި ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ އިރު، ހިއްސާ ވިއްކަން ފަށާނެ އިރެއް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

ނަމަވެސް ކެލިފޯނިއާގައި ހެޑްކުއާޓަރު ހުންނަ ރެޑިޓުން ވިއްކާނީ ކިތައް ހިއްސާކަމާއި ވިއްކާނެ އަގެއް އަދި ސާފެއް ނުވެ އެވެ. ހިއްސާގެ ބާޒާރަށް ރެޑިޓް ނުކުންނަން އުޅޭކަމުގެ އިޝާރާތެއް އެތަނުން ދިނީ މި އަހަރުގެ ކުރީކޮޅު އެވެ. އަދި އެކަން އޭރު ސިފަކޮށްފައި ވަނީ "މީމް ސްޓޮކް" ގެ ގޮތުގަ އެވެ.

މިދިޔަ އޮގަސްޓްގައި ރެޑިޓުން ބުނެފައިވާ ގޮތުގައިި ކުންފުންޏަށް ފަންޑް ހޯދަން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 700 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއާ އެކު ކުންފުނީގެ އަގު މިހާރު 10 ބިލިއަނަށް ވުރެ ބޮޑު ކަމަށް ބުންޏެވެ.

ރެޑިޓްގެ އެއް ބާނީ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސްޓީވް ހަފްމަން މިދިޔަ އޮގަސްޓްގައި ވިދާޅުވި ގޮތުގައި ހިއްސާގެ ބާޒާރަށް ނުކުންނަން ނިންމިޔަސް އެކަމަށް "ސީދާ ވަކި ޓައިމްލައިނެއް" ކަނޑައަޅައިފައެއް ނެތެވެ.

އެކަމަކު "ރަނގަޅަށް ފައިދާވާ ކުންފުނިތައް ހިއްސާގެ ބާޒާރަށް ނުކުތުން މުހިއްމު" ކަމަށް ވިދާޅުވި އެވެ.

ރެޑިޓަކީ 2005 ގައި ވުޖޫދަށް އައި އެއްޗެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 52 މިލިއަނަށް ވުރެ ގިނަ އެވެ. ކުންފުނި ވަރުގަދަ ކުރަން ކުރާ މަސައްކަތުގެ ދަށުން މިހާރު އަންނަނީ މުވައްޒަފުން ވެސް އިތުރުކުރަމުންނެވެ. އެގޮތުން އަމާޒަކީ 700 މުވައްޒަފުން ތިބި ރެޑިޓްގެ މުވައްޒަފުންގެ އަދަދު އަހަރު ނިމުމުގެ ކުރިން ދެގުނަ ކުރުމެވެ.

ރެޑިޓަށް މާލީ ގޮތުން އެހީވާ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ ޓެންސެންޓާއި އެމެރިކާގެ ފިޑެލިޓީ އިންވެސްޓްމަންޓް އަދި އެމެރިކާގެ ސެކިއުއޯ ކެޕިޓަލް ހިމެނެ އެވެ.