Roadha Mihaaru
ވޯޓާތީމް ޕާކް ހަވާލުކުރުމުގައި ނާޖާއިޒު މަންފާތަކެއް!

ވޯޓާ ތީމް ޕާކް ހަދަން ހަވާލުކުރުމުގައި ނާޖާއިޒު މަންފާތަކެއް ހުރި ކަމަށް ބެލެވި، މައްސަލަ އޭސީސީގައި

21 ޑިސެމްބަރ 2021

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމެންޓާ ހަވާލުކުރުމުގައި ނާޖައިޒު މަންފާތަކެއް، އެ ކުންފުންޏަށް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ އެޗްޑީސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމެންޓާ ހަވާލުކުރުމުގައި ނާޖައިޒު މަންފާތަކެއް، އެ ކުންފުންޏަށް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ އެޗްޑީސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވޯޓާ ތީމް ޕާކަކާއެކު، ހަ ބުރީގެ ހޮޓަލެއް ހަދަން މިރީ ހައުސިން ޑިވެލޮޕްމަންޓާ، އެޗްޑީސީން ހަވާލުކުރީ ޖުލައި 2017 ގަ އެވެ. އެ މަޝްރޫއަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެއްބަސްވުމުގެ ދަށުން އެ ތަން ހަދައި ހިންގަން 35 އަހަރަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

ނަމަވެސް މިރީ ހައުސިން ޑިވެލޮޕްމަންޓުން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލެޝާގެ ދަށަށް ބަދަލުކޮށްފައިވާއިރު، އެ ތަނުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަކަށް ނުދެ އެވެ. އެ ސައިޓުގައި ހުރި ވެހިކަލްތައް ވެސް ދަބަރަށް ވެ، ސަރަހައްދު އޮތީ މަސައްކަތް ނުކޮށް ގިނަ ދުވަސް ވުމުން ވީރާނާވާން ފަށައިފަ އެވެ.

މި ކަންކަމާ ގުޅިގެން، އެ މަޝްރޫއު މިރީއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބަލައި އޭސީސީ އަށް ހުށަހެޅިއިރު، ބިން ސާފުކުރުމަށް "ސޭލްސްމަން" ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ޝައްކުކުރެ އެވެ.

އެޗްޑީސީން ބުނީ ވޯޓާ ތީމް ޕާކުގެ ކްލިއަރެންސް ޕްރޮޖެކްޓްގެ ރިޕޯޓް ޖުލައި 30، 2019 ގައިި އޭސީސީ އަށް ހުށަހެޅީ، ސޭލްސްމަން ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް ނާޖާއިޒު މަންފާތަކެއް ލިބޭ ގޮތަށް އަމަލު ކޮށްފައި ވާތީ ކަމަށެވެ.

ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޗްޑީސީން ބުނިގޮތުގައި، ދެ ފަހަރެއްގެ މަތިން އޭސީސީން އެދިގެން އެ މަޝްރޫއުގެ އިތުރު ލިޔެކިޔުންތަކެއް މިދިޔަ އޮކްޓޫބަރު މަހު ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.

ވޯޓާ ތީމް ޕާކުގެ މަސައްކަތް އެއްކޮށް ހުއްޓިފައި އޮތުމުން، އެ މަސައްކަތް އަލުން ފެށޭތޯ އެޗްޑީސީން އެ ކުންފުންޏާ އެކު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނި ގޮތުގައި، މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ ހިއްސާދާރުން ދިރިއުޅެނީ އޮސްޓްރޭލިއާގައި ކަމަށް ވާއިރު، އެ މީހުން ތިބީ އެ ތަނުގައި އަޅާފައިވާ ކޮވިޑްގެ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ރާއްޖެ ނާދެވިފަ އެވެ. އަދި ބޯޑަރުތައް ހުޅުވުމުން ނޫނީ މަސައްކަތް އަލުން ނުފެށޭނެ ކަމަށް އެ ކުންފުނިން ބުނަމުންދާ ކަމަށާއި އަލުން ފެށޭނެ ތާރީހެއް ވެސް ނުދޭ ކަމަށް އެޗްޑީސީން ބުނެ އެވެ. އެހެންވެ، އެ މުއްދަތު ނުދެނީސް މަޝްރޫއުގެ މުއްދަތު އިތުރުކޮށްދޭން އެޗްޑީސީން ބޭނުމެއް ނުވެ އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި ކުރިން ކުނިކޮށި އޮތް ސަރަހައްދުގައި އަތިރިމައްޗަށް ވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ކުޅިވަރުތަކުގައި ހިމެނޭ ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާ އަދި ފެން ކޯރުތައް ހިމެނެ އެވެ.

ކުރިން ބުނެފައި ވަނީ ރާއްޖޭގައި ފުރަތަމަ ހަދާ ތީމް ޕާކު، 2018 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށެވެ.