Roadha Mihaaru
މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ

14 ޑިސެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ ހާލު ގޯސްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ފާހަގަކޮށްލެވެނީ ހިތްހެޔޮ، އެންމެންނާ ގުޅޭ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެކި ބޭފުޅުން އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރެއްވި ހުސައިން އަކީ ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގޮތުގައި އަޑުއައްސަވާ، އޯގާތެރި ބޭފުޅެކެވެ. ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވެސް ފާހަގަކުރެ އެވެ.

އުމުރުން 53 އަހަރުގައި ހުސައިން އަވަހާރަވި އިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

އާލާސްކަންފުޅާ ފަރުވާ ހޯއްދެވުމަށް އަހަރެއްހާ ދުވަހު ބޭރުގައި ގިނަ ދުވަހު އުޅުއްވުމަށް ފަހު މި އަހަރުގެ މާޗް މަހު މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އޭނާ އަށް ގުޅައި އަދި އެކި ގޮތްގޮތުން ހާލު ބެލި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެ ދުވަހު ވެސް ވިދާޅުވެފައި ވަނީ ހާލު މުޅިން ރަނގަޅު ނޫން ކަމަށެވެ.

"ބޭސްފަރުވާއެއް ކުރަމުން މިއަދު މި ހިސާބަށް އައިސް އަނެއްކާވެސް ތިޔަ އެންމެ ބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުުމުން އަޅުގަނޑު ހަމަ މާތްﷲ ސުބްހާނަހޫ ވަތައާލާ އަށް ހަމްދާއި، ޝުކުރުކުރަން،" ހުސައިން އެ ދުވަހުވިދާޅުވެފައި ވެ އެވެ.

އެ ބަސްކޮޅާ އެކު އިސްދަށަށް ޖައްސާލެއްވުނެވެ.

އެ ޖަލްސާގައި އާލާސްކަންފުޅާ ގުޅޭ ގޮތުން އެ ނޫން އިތުރު ވާހަކައެއް ނުދައްކަވަ އެވެ.