Roadha Mihaaru
ބިލު ތަސްދީގުކޮށް، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި

ބިލު ތަސްދީގުކޮށް، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި

13 ޑިސެމްބަރ 2021

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކުރި ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ޓްރާންސްޕޯޓް އޮތޯރިޓީ އުވުނީ އެވެ. އަދި އެ އޮތޯރިޓީ އުވުމާ އެކު މުވައްޒަފުން ބަދަލުވާނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ.

މިއަދު ތަސްދީގުކުރި ގާނޫނުގައިވާ ގޮތުން، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުން، އެ އޮތޯރިޓީގެ ދަށުގައި ކުރިން ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތައް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުވީ އެވެ. ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީ އަށް އޮތް ހައްގުތަކާއި މަންފާތަށްް ވެސް އެފަދަ އެވެ. ގާނޫނީ ގޮތުންނާއި އެއްބަސްްވުންތަކުގެ ދަށުން އެ އޮތޯރިޓީން އަދާކުރަން ޖެހޭ ޒިންމާތައް ވެސް، މިއަދު ތަސްދީގުކުރި ގާނޫނުގައިވާ ގޮތުން މިހާރު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުވެފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބިލު ރައްްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ބިލު ފާސްކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ގުޅިގެން ދިރާސާކޮށް ނިންމި ގޮތަށެެވެ.

ޖޮއިންޓް ކޮމިޓީން އެ ބިލު ދިރާާސާކުރި އިރު ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރި އެވެ. އެ ބިލާ ބެހޭ ގޮތުން ޖޮއިންޓް ކޮމިޓީން މަޝްވަރާކުރި ފަރާތްތަކުގެ ތެރޭފައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް ހިމެނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޒިިންމާގެ ތެރޭގައި މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުފަހަރު ރެގިއުލޭޭޓްކުރުން ހިމެނޭތީ ފިޝަރީޒް މިނިސްޓްރީގެ ވެރިންނާ ވެސް ކޮމިޓީން މަޝްވަރާކޮށް ހިޔާލު ހޯދި އެވެ. އެ ބިލާ މެދު ގޮތެއް ނިންމުމުގައި އާއްމުންގެ ހިޔާލުވެސް ފުޅާ ދާއިރާއެއްގައި ހިޔާލު ހޯދައި، އެ ހިޔާލުތަކަށް ވެސް ރިއާޔަތްކޮށްފައިވާނެ ކަަމަށް ކޮމިޓީގެ ރިޕޯޓްގައި ވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބިލު ފާސްކުރި ދުވަހު، ވެސް، މިނިސްޓަރު އައިޝަތު ނަހުލާ އެ އޮތޯރިޓީގެ މަސައްކަތް ލަސްކަމަށް ގަބޫލުނުކުރައްވައި، އެ އޮތޯރިޓީ ދިފާއުކުރެއްވި އެވެ.

އެ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީއާ ބެހޭ ގޮތުން ޝަކުވާ ލިބޭ ކަމަށް ރައްޔިތުންގެ އެކިއެކި މެމްބަރުންގެ ފަރާތްޕުޅުން އިވިވަޑައިގެންފައިވާ ކަމަށެވެ. އާއްމުންގެ ޝަކުވާ ލިބޭ ކަމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެންގުމުން ވެސް، އެ ޝަކުވާއަކީ ކޮބައިކަން ސާފުކޮށްދެއްވަން އެދިވަޑައިގެންފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.