Roadha Mihaaru
ޓްރީޓޮޕުން ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތް ދެނީ

ކެންސަރު ބައްޔަށް ހާއްސަ ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތް ޓްރީޓޮޕުން ތައާރަފު ކޮށްފި

13 ޑިސެމްބަރ 2021

ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ "ޕެއިން އެންޑް ރިހެބިލިޓޭޓިވް" ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ "ޕެއިން އެންޑް ރިހެބިލިޓޭޓިވް" ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.

މި ހިދުމަތް ފޯރުކޮށްދޭނީ ޓްރީޓޮޕުގެ ރިހެބިލިޓޭޓިވް ސެންޓަރުގެ ދަށުން ނިއުޓްރިޝަން އަދި ޑައިޓެޓިކްސް އާއި އެނެސްތިއޮލޮޖީ ޑިޕާޓްމަންޓުންނެވެ.

އެ ހޮސްޕިޓަލުގެ ރިހެބިލިޓޭޓިވް ސެންޓަރުގައި އަނިޔާއަކަށް ނުވަތަ ބައްޔަކަށް ފަހު މީހާގެ ހަށިގަނޑު ވަރުގަދަކުރުމަށް އެހީވާ ހާއްސަ ޓީމެއް އޮވެ އެވެ. އަދި ހޭނެއްތުމާއި ތަދު މެނޭޖުކުރުމުގެ ހިދުމަތްތަކަށް އެނެސްތިއޮލޮޖީ ޑިޕާޓްމަންޓް ހާއްސަ އެވެ. އަދި ނިއުޓްރިޝަން އާއި ޑައިޓެޓިކްސް ޑިޕާޓްމަންޓުން އެ މީހަކާ ގުޅޭ ޑައެޓަރީ އަދި ނިއުޓްރިޝަން ތެރަޕީގެ މައުލޫމާތާއި ހިދުމަތް ފޯރުކޮށްދޭނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަކީ ކެންސަރު ބައްޔަށް ހާއްސަ ޑިޕާޓްމަންޓެކެވެ. މި ޑިޕާޓްމަންޓުން ކެންސަރުގެ އެކި ބާވަތްތަކަށް ފަރުވާ ދިނުމާއި ބަލި ދެނެގަތުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ. މި ޑިޕާޓްމަންޓުގައި، ކެންސަރު ޖެހިފައިވާ މީހުންނަށް ކްލިނިކަލް އެހީ ފޯރުކޮށްދޭ މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވެ އެވެ.

މި ޑިޕާޓްމަންޓުން ކީމޯ ތެރަޕީ އާއި ބްރެސްޓް ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ލަންގު ކެންސަރާއި ހެޑް އެންޑް ނެކް ކެންސަރުގެ ފަރުވާ ދެ އެވެ.

ޓްރީޓޮޕަކީ ޒަމާނީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަމުންނެވެ.