Roadha Mihaaru
ކްރިމިނަލް ކޯޓު، މާދަމާ އިން ފެށިގެން ރިސެސް އަށް

ކްރިމިނަލް ކޯޓު، މާދަމާ އިން ފެށިގެން ރިސެސް އަށް

15 ޑިސެމްބަރ 2021

ކްރިމިނަލް ކޯޓުން މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ރިސެސް އަށް ދާން ނިންމައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ކްރިމިނަލް ކޯޓުން މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށް ރިސެސް އަށް ދާން ނިންމައިފި އެވެ.

އެ ކޯޓުން މިއަދު ބުނީ، އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށެވެ.

އެކަމަކު ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ބޭއްވުމާއި ތަހުގީގު ކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މާދަމާ އިން ފެށިގެން ކްރިމިނަލް ކޯޓު ރިސެސް އަށް ދިޔަ ނަމަވެސް މި މަހު ރިސެސް އަށް ނުދާން ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ރިސެސްގައި އާންމު އުސޫލުން ޝަރީއަތްތަކެއް ނުހިންގާނެ އެވެ. އެކަމަކު ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ބާއްވާނެ އެވެ. އަދި އާންމު އުސޫލުން މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި ދުވަސްތަކެއްގައި ދަށު ކޯޓުތައް ރިސެސް އަށް ދާނެ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ރިސެސް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.