Roadha Mihaaru
އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި

އަރުޖުން އާއި މަލައިކާ ރާއްޖޭގައި ވެސް ކަސްރަތުގައި

07 ޑިސެމްބަރ 2021

ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރާއި ލޯބިވެރިޔާ މަލައިކާ އަރޯރާ ތިބި ރިސޯޓް، ޕަޓީނާ މޯލްޑިވްސް ފަރި އައިލޭންޑްގެ ޕޫލެއްގެ ތެރޭގައި އެކީގައި ކަސްރަތުކުރާ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރާއި ލޯބިވެރިޔާ މަލައިކާ އަރޯރާ ތިބި ރިސޯޓް، ޕަޓީނާ މޯލްޑިވްސް ފަރި އައިލޭންޑްގެ ޕޫލެއްގެ ތެރޭގައި އެކީގައި ކަސްރަތުކުރާ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އޭގެ ކެޕްޝަނުގައި އަރުޖުންގެ ޓްރެއިނަރު ޑްރޫ ނީލް ޓެގްކޮށް ބުނީ ޗުއްޓީގެ ތެރޭގައި ވެސް ކަސްރަތުކުރުން ހުއްޓާ ނުލާ ކަމަށާއި އެކަމަކު މިކަމުގައި ލޯބިވެރިޔާއާ އެކު ބައިވެރިވާ އިރު އޭނާގެ ބުންވަރު މާ ބޮޑަށް ވެސް ރަނގަޅު ކަމަށެވެ. އަދި މަލައިކާ ވެސް ޓެގްކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.

މިއީ އޭނާ ޕޯސްޓްކުރި އެއްޗެއްގައި މަލައިކާ އަކީ ލޯބިވެރިޔާ ކަމަށް ބުނި ފުރަތަމަ ފަހަރެވެ.

މި ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވެމުން އަންނަނީ 2018 އިން ފެށިގެންނެވެ. މަލައިކާ އަށް ވުރެ 12 އަހަރު ހަގު އަރުޖުން އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ފިރިމީހާ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ. މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. ދަރިޔަކު ވެސް ހުއްޓައި އެ މީހުންގެ ކައިވެނި ރޫޅާލީ 2017 ގަ އެވެ.

މިހާރު އެމެރިކާގައި ކިޔަވަމުން އަންނަ މަލައިކާގެ ދަރިފުޅު އަރުޚާން ހާނަށް 19 އަހަރެވެ.

އަރުޖުން އާއި މަލައިކާ ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، އެ ދެ މީހުން އެކީގައި ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ.

އަރުޖުން މިހާރު އަންނަނީ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ދަރިފުޅު އާސްމާން ބަރަދުވާޖް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ކުއްތޭ" އަށް ތައްޔާރުވަމުންނެވެ. އޭނާ މިހާރު ފެންނަ ލުކަކީ އެ ފިލްމުން ވެސް ފެންނާނެ ގޮތެވެ.

މަލައިކާ އަކީ ސޮނީ ޓީވީން ދައްކާ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ޖަޖެކެވެ.