Roadha Mihaaru
1700 ހައުސިން ޔުނިޓަށް ޗައިނާ ބޭންކުން ލޯނެއްނުދިން

ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓް އަޅަން ބޭންކް އޮފް ޗައިނާ އިން ލޯނު ނުދޭން ނިންމައިފި

06 ޑިސެމްބަރ 2021

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން މާލޭ މީހުންނަށް ހާއްސަކޮށްގެން 1،700 ހައުސިން ޔުނިޓް އަޅަން ފެށި މަޝްރޫއަށް ބޭންކް އޮފް ޗައިނާ އިން ދޭން އެއްބަސްވި ލޯނު ނުދޭނެކަން އެ ބޭންކުން އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން މާލޭ މީހުންނަށް ހާއްސަކޮށްގެން 1،700 ހައުސިން ޔުނިޓް އަޅަން ފެށި މަޝްރޫއަށް ބޭންކް އޮފް ޗައިނާ އިން ދޭން އެއްބަސްވި ލޯނު ނުދޭނެކަން އެ ބޭންކުން އަންގައިފި އެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ މި ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. މި މަޝްރޫއަށް ބޭނުންވާ 308،177،181ރ. ގެ ތެރެއިން 85 ޕަސެންޓް ބޭންކް އޮފް ޗައިނާ އިން ދޭނެ ކަމަށް ކުރިން އެއްބަސްވެފައި އޮތަސް އެ ބޭންކުން މިހާރު ވަނީ ފައިނޭސިން އޮފަ ވިތުޑްރޯކޮށްފައި ކަމަށް، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓްގައި ވަނީ ބުނެފަ އެވެ.

ސަވަރިން ގެރެންޓީ ދީގެން ލޯނު ނަގާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރު މިހާރު ގެންދަނީ އެހެން ބޭންކަކާ މަޝްވަރާކުރަމުން ކަމަށް ވެސް ވެބްސައިޓްގައިވެ އެވެ.

މިއީ އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފުރަތަމަ ބިންގާ އެޅި ތަނެވެ. އެއީ މިދިޔަ އަހަރުގެ މާޗް، 10 ގަ އެވެ. މި މަޝްރޫއުގެ ދަށުން 11 ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު އެ ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ.

އެޗްޑީސީއާ ހަވާލުކޮށްގެން ކުރީ ސަރުކާރުން އަޅަން ނިންމި 2،500 ފްލެޓްގެ ޑިޒައިނަށް ގެނައި ބަދަލާ އެކު މި ސަރުކާރުން ނިންމީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށަށް މަޝްރޫއު ބަދަލުކޮށް 1،700 ފްލެޓް އަޅާށެވެ.

ފައިސާ ހަމަނުޖެހިގެން އުޅޭ މި މަޝްރޫއު ފެށޭނެ ކަމަށް ބުނެފައި ވަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. މަސައްކަތް ނިންމޭނެ ކަމަށް ލަފާކޮށްފައިވަނީ ދެ އަހަރު ތެރޭގަ އެވެ.

މި މަޝްރޫއުގައި ހިމެނޭނީ 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 650 އަކަފޫޓުގެ 680 އެޕާޓްމަންޓެވެ.