Roadha Mihaaru

މިނިވަން ނޫސްވެރިކަމޭ ކިޔަން ޔާމީން ލަދުގަންނަން ޖެހޭނެ!

މަނީ ލޯންޑަރިންގެ ކުށުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ހުންނެވުމަށް ފަހު، މިނިވަންވެ ވަޑައިގެން ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވައިފި އެވެ؛ ގައުމުގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކަވަމުން ވިދާޅުވި އެއް ވާހަކަ އަކީ، އެމަނިކުފާނަކީ، ރައްޔިތުންގެ ހީކުރާ ގޮތަށް، ހުރިހާ ކަމެއްގެ ހައްލު ނޫން ކަމެވެ. އަދި އެމަނިކުފާނަކީ ކަންކަމަށް ހައްލު ގެންނަން ދިރުވާލާ ބޭސްގުޅައެއް ވެސް ނޫން ކަމެވެ. ހަމައެހެންމެ، ވިދާޅުވި ގޮތުގައި އެމަނިކުފާނު ހައްދަވަނީ ޖާދޫއެއް ވެސް ނޫނެވެ.

މިނިވަން ނޫސްވެރިކަމޭ ކިޔަން ޔާމީން ލަދުގަންނަން ޖެހޭނެ
އިސްމާއިލް ނަސީރު
އިސްމާއިލް ނަސީރު

04 ޑިސެމްބަރ 2021

މަނީ ލޯންޑަރިންގެ ކުށުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ހުންނެވުމަށް ފަހު، މިނިވަންވެ ވަޑައިގެން ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވައިފި އެވެ؛ ގައުމުގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކަވަމުން ވިދާޅުވި އެއް ވާހަކަ އަކީ، އެމަނިކުފާނަކީ، ރައްޔިތުންގެ ހީކުރާ ގޮތަށް، ހުރިހާ ކަމެއްގެ ހައްލު ނޫން ކަމެވެ. އަދި އެމަނިކުފާނަކީ ކަންކަމަށް ހައްލު ގެންނަން ދިރުވާލާ ބޭސްގުޅައެއް ވެސް ނޫން ކަމެވެ. ހަމައެހެންމެ، ވިދާޅުވި ގޮތުގައި އެމަނިކުފާނު ހައްދަވަނީ ޖާދޫއެއް ވެސް ނޫނެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސްް އަހަރުގެ ތެރޭގައި ޖާދޫ ހެއްދެވުނު ކަމަކީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ތަރައްގީ އެވެ. އެމަނިކުފާނުގެ އިގްތިސާދީ ރޭވުންތެރިކަމުގެ ފުރިހަމަ ކަމެވެ. ކުރިމަގަށް ހިފާފައި ހުރި އަޒުމްތައް ވަރުދަވެފައި ރޭވުންތެރިކަން ކިތަންމެހާ ވެސް ރަނގަޅު ކަމެވެ. އެކަމަކު ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަމާއި އަނިޔާ ދިނުމާއި ފަރުދީ މިނިވަންކަން ދެމެހެއްޓުމަށް އެމަނިކުފާނަށް ޖާދުލެއް، އަދި ބޭހެއް ވެސް ނުހެއްދެވުނެވެ. އޭގެ ބަދަލުގައި ފެނުނީ އެކަންކަން އިހަށް ވުރެ ބޮޑުވެ، އޭގެ ވެސް ހައްދުފަހަނައަޅައިދިޔަ ތަނެވެ. އެކަންކަމުގެ ހައްލަކަށް "ބަންދުކުރުމާއި ޖަލު" ނޫން ބޭހެއް އަދި ޖާދުލެއް އެމަނިކުފާނަށް ފެނިވަޑައެއް ނުގަތެވެ.

ރައީސް ޔާމީން ރޭ ވާހަކަފުޅު ދައްކަވަނީ: ނޫސްވެރިންނަށް ތީރު އެއްލެވި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރައީސް ޔާމީން ރޭ ވާހަކަފުޅު ދައްކަވަނީ: ނޫސްވެރިންނަށް ތީރު އެއްލެވި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭގެ ތެރެއިން އެއް ކަމަކީ، މިނިވަން ކަމާ އެކު ހިޔާލުފާޅުކުރުމެވެ. ރޭގެ ވާހަކަފުޅުގައި، މިނިވަން ޖާނަލިޒަމެއް އޮތޭ ކިޔައިގެން މި ސަރުކާރު ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ނެތޭ އެމަނިކުފާނު ވަރަށް ކޯފާވެ ހުންނަވައި ވިދާޅުވި އެވެ. އަދި، ވަރަށް ޒާތީ ގޮތަކަށް، އެމަނިކުފާނަށް މިހާރު ހުކުމް ކުރަނީ ނޫސްވެރިންނޭ، ނޫސްވެރިން ތިބީ އިންޑިއާ އެމްބަސީން ދޭ ފައިސާގައި ޖެހިފައި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އުދާސްތައް ނޫސްވެރިންނަށް ބަންޑުން ކޮށްލެއްވި އެވެ. ހަމައެހެންމެ، ނޫސްވެރިންނަކީ މާ ހާއްސަ ބަޔަކީތޯ އައްސަވައި އޭގެ މިސާލު ޖައްސަވަމުން، ގެއްލިގެން ހޯދާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލަ މި ސަރުކާރަށް ހާއްސައީ "އޭނާއަކީ ރިޕޯޓަރަކަށް ވާތީ"ތޯ ވެސް އެއްސެވި އެވެ.

ހަނދާން ނައްތާލައިގެން ނުވާނެ އެވެ؛ ވަރަށް ކުރުކޮށް މި ދަންނަވަނީ އެވެ؛ ޔާމީނަކީ ފާޑުކިޔުން ބަލައިގަންނަ ބޭފުޅެއް ނޫނެވެ. މިނިވަން ނޫސްވެރިކަމެއް، އަދި އަމުދުން ހިޔާލުފާޅުކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫނެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލައިފައި: ގެއްލުން 12 މިލިއަން ރުފިޔާ އަށް އަރާ

ރާއްޖެ ޓީވީގައި ރޯކޮށްލައިފައި: ގެއްލުން 12 މިލިއަން ރުފިޔާ އަށް އަރާ

ތިރީގައި ކުރުކޮށް މި ލިޔެލަނީ، އެމަނިކުފާނުގެ ވަރަށް ބޮޑު މަސްލަހަތެއް އޮތް ވެރިކަމުގެ ދޮޅު އަހަރާއި އެމަނިކުފާނު ވެރިކަން ކުރެއްވި އެންމެ ފަސް އަހަރުގެ ތެރޭގައި ހިޔާލުފާޅުކުރުމަށް ބަރިބަރި އަށް ކުރިމަތިކުރުވި ހުރަސްތަކެވެ.

- އޮކްޓޫބަރު 7، 2013 - އިދިކޮޅު މީޑިއާއެއްގެ ގޮތުގައި އޮތް ރާއްޖެ ޓީވީގައި ރޯކޮށްލި

- މާޗް 31، 2016 - ދުވަހު ނޫސް ހަވީރު އަބަދަށް އަލްވަދާއު ކިޔަން ޖެހުނު

- އެޕްރީލް 3، 2016 - ހައްގުތައް ހޯދަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޫސްވެރިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުން އެތައް ނޫސްވެރިންނެއް ހައްޔަރުކުރި

- އެޕްރީލް 27، 2016- އައްޑޫލައިވް ހުއްޓުވާލި

- ޖޫން 25، ސަރުކާރުގެ ޕްރެޝަރާ ހެދި ސީއެންއެމް ނޫސް ހުއްޓާލަން ޖެހުނު

- އޯގަސްޓް 10، 2016- ސަރުކާރުގެ ޕްރެޝަރާ ހެދި ދިޓީވީ ހުއްޓާލަން ޖެހުނު

- 2016- ނޫސްވެރިކަމުގެ ހުރިހާ މިނިވަން ކަމެއް ނިގުޅައިގަނެ އަބުރުގެ ގާނޫނު ފާސްކުރި

- ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ އެތައް ބްލޮގަރުންނެއް ރާއްޖެ ދޫކޮށް ބޭރަށް ދިޔަ

- ޓްވިޓާގައި ހިޔާލުފާޅުކުރި ބްލޮގަރަކު ހައްޔަރުކޮށް ޖަލަށްލި.

- ރައީސްގެ އަބުރާ ބެހިގެން 2016 ގައި އެތައް ނޫހެއްގެ މައްސަލަ މީޑިއާ ކައުންސިލަށް ފޮނުވި

- ރާއްޖެ ޓީވީގެ ނޫސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވައި، "މިނިވަން" ކޮމިޝަންތަކުން އެތަން މިލިއަން ރުފިޔާއަކުން އިރުއިރުކޮޅާ ޖޫރިމަނާ ކުރި

ނޫސްވެރިން ކުރި މުޒާހަރާއެއްގައި ފުލުހުން ނޫސްވެރިއަކު "އުފުރާލައިގެން" ގެންދަނީ

ނޫސްވެރިން ކުރި މުޒާހަރާއެއްގައި ފުލުހުން ނޫސްވެރިއަކު "އުފުރާލައިގެން" ގެންދަނީ

މިއީ، އޭގެ ތެރެއިން އަދި ކުޑަމިންވަރެކެވެ. ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ނޫސްވެރިން ހަގީގަތުގައި ހިޔާލުފާޅުކުރީއެއް ނޫނެވެ. އެ މީހުން ވަގުތުތައް ހޭދަކުރީ ހައްގުތައް ހޯދުމަށެވެ. ތިބެން ޖެހުނީ މަގުމަތީގަ އެވެ. ބައެއް ނޫސްވެރިން ތިބެން ޖެހުނީ ޖަލުގަ އެވެ. ވަޒީފާ އަދާކުރާ ތަން މާދަމާ ވެސް ބަންދު ނުކުރާނެ ކަމުގެ ޔަގީންކަން ނެތުމުން ވަރަށް ގިނަ ނޫސްވެރިން ތިބީ ދެން ކުރާނީ ކޮން މަސައްކަތެއްތޯ ބަލަބަލަ އެވެ. މި ހަގީގަތް ނުވެއް ފޮރުވޭނެ އެވެ. އަދި މިއީ، ހަނދާން ނެތޭހާ ގިނަ ދުވަސްވީ ކަމެއް ވެސް ނޫނެވެ.

ނޫސްވެރިން "ކަތިލުމަކީ" ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހިންގި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. އެމަނިކުފާނުގެ ފުރިހަމަ ބާރު އޮތް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް ބޭފުޅުން، އަބުރުގެ ގާނޫނާ ބެހޭ ގޮތުން އޭރު ދެއްވި އިންޓަވިއުތަކުގައި ވެސް އެ ވާހަކަތައް ފެންނަން އެބަހުއްޓެވެ. އޭރު އެއް އެމްޕީއަކު ވިދާޅުވި ގޮތުގައި "މި ވަގުތަށް ކަލޭމެންނަށް އޮތީ މިގޮތެ"ވެ". މި ގޮތުގައި ކުޑަ ދުވަސްކޮޅަކު ހިފަހައްޓާލެވޭތޯ ބަލާށޭ އޭނާ ވިދާޅުވެފައި ވެ އެވެ.

ނޫސްވެރިންގެ މުޒާހަރާއެއްގައި ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ޖަހައިގެން ނޫސްވެރިއަކު ހޭނެތިފައި

ނޫސްވެރިންގެ މުޒާހަރާއެއްގައި ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ޖަހައިގެން ނޫސްވެރިއަކު ހޭނެތިފައި

ނޫސްވެރިކަން އެއްކިބާގައި ބާއްވާފައި ސޯޝަލް މީޑިއާގެ ވާހަކަ ދައްކަންޏާ ވެސް އޮތީ ހަމަ މި ހުކުމެވެ. އޭރު ސަރުކާރުގެ ސިއްރުތަކާއި ޔާމީނަށް ފާޑުކިޔުން "ހަރާން" ކަމެކެވެ. އެއީ މި ގައުމުގައި ތިބެގެން ކުރެވެން އޮތް ކަމެއް ނޫނެވެ. އެތައް ބްލޮގަރުންނެއް ނުވަތަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނެއް ރާއްޖެ ދޫކޮށް، ބައެއް މީހުން ތިން އަހަރު ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅެން މަޖުބޫރުވި އެވެ. ހިޔާލުފާޅުކުރި ބްލޮގަރަކު ޖަލަށް ލައި އެއް އަހަރު ވަންދެން ޖަލުގައި ވެސް ގެންގުޅުނެވެ.

މިނިވަން ކަމާ އެކު ހިޔާލުފާޅުކުރުމުގެ ފުރުސަތު މިހާރު އޮތްތޯ ނުވަތަ ނެތްތޯ އެއީ ސުވާލުކުރަން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑަށް ޔަގީން ކަށަވަރުވާ ކަމަކީ، ރައީސް ޔާމީން ވެރިކަމަށް އަދިވެސް ވަޑައިގެންފި ނަމަ، މިނިވަން ނޫސްވެރިކަމެއް ނޯންނާނެ ކަމެވެ. މިނިވަން ނޫސްވެރިކަމަކީ އެމަނިކުފާނަށް ބިރެއް ކަމެވެ. ނޫސްވެރިންނަކީ އެމަނިކުފާނަށް ޒާތީ ބައެކޭ ހީވާ ހީވުމަށް ނިމުމެއް ނެތް ކަމެވެ. ނޫސްވެރިކަމާ ބެހޭ ގޮތުން ރޭ ވާހަކަފުޅު ދެއްކެވި އިރު، އެމަނިކުފާނު ވިދާޅުވި ފަދައިން، އެމަނިކުފާނުގެ ބޮޑީ ލޭންގުއޭޖުން ވެސް އެކަން ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ.