Roadha Mihaaru
"ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުހާން ވެސް ކުޅޭނެ

ޑައިރެކްޓްކުރާ "ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުހާން ވެސް ކުޅޭނެ

01 ޑިސެމްބަރ 2021

ޑައިރެކްޝަނާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ފަރުހާން އަޚްތަރު މި އަހަރު އިއުލާންކުރި އާ ފިލްމު "ޖީ ލޭ ޒަރާ" ޑައިރެކްޓް ކުރުމުގެ އިތުރުން އޭގެ ރޯލެއް ވެސް އޭނާ ކުޅެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޝަނާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ފަރުހާން އަޚްތަރު މި އަހަރު އިއުލާންކުރި އާ ފިލްމު "ޖީ ލޭ ޒަރާ" ޑައިރެކްޓް ކުރުމުގެ އިތުރުން އޭގެ ރޯލެއް ވެސް އޭނާ ކުޅެން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ތިން އަންހެނެއްގެ ރޯޑް ޓްރިޕެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ރޯލެއް ކުޅެން ފަރުހާން ނިންމީ، ބަތަލާއިން ލީޑްކުރާ ފިލްމަކަށް ވެފައި، އެއަށް އެކްޓަރުން ހޯދުން ފަސޭހަ ކަމަކަށް ނުވާނެތީ އެވެ. އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ޖީ ލޭ ޒަރާ" އަށް އިތުރު ދެ އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، މީގެ ބަތަލާއިންނަކީ ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓެވެ.

ޕްރިޔަންކާ އަކީ ފަރުހާންގެ 2019 ގައި ބަތަލުގެ ރޯލު ކުޅުނު "ދަ ސްކައި އިޒް ޕިންކް" ގެ ބަތަލާ އެވެ. އަދި އޭނާ އަކީ ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ގެ ބަތަލާ ވެސް މެ އެވެ.

"ޖީ ލޭ ޒަރާ" ގެ ކާސްޓަށް ބަލާ އިރު ކެޓްރީނާ އަކީ ފަރުހާންގެ ފިލްމު ކުންފުނިން 2013 ގައި ގެނެސްދިން ފިރިހެން ތިން އެކުވެރިއެއްގެ ރޯޑް ޓްރިޕް ފިލްމު "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގެ ރޯލެއް ކުޅުނު ބަތަލާއެކެވެ. ފަރުހާންގެ ދައްތަ ރޯޔާ އަޚްތަރު ޑައިރެކްޓްކުރި އެ ފިލްމުގެ ބަތަލުންނަކީ ރިތިކް ރޯޝަނާއި އަބޭ ޑިއޯލްގެ އިތުރުން ފަރުހާނެވެ. އަދި ބަތަލާ ކަލްކީ ކޮއެޗްލިން ވެސް އޭގެ ރޯލެއް ކުޅުނެވެ.

ފަރުހާން އެންމެ ފަހުން ފެނިފައި ވަނީ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ފިލްމު "ތޫފާން" އިންނެވެ. ދެހާސް ތޭވީހުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޖީ ލޭ ޒަރާ" އަކީ އޭނާ ޑައިރެކްޓްކުރާ ދެވަނަ ރޯޑް ޓްރިޕް ފިލްމެވެ. ފުރަތަމަ ފިލްމަކީ އަލަތު ޑައިރެކްޝަން 2003 ގެ "ދިލް ޗާތާ ހޭ" އެވެ. އޭގެ ތަރިންނަކީ އާމިރު ޚާނާއި ސައިފް އަލީ ޚާންގެ އިތުރުން އަކްޝޭ ކަންނާ އެވެ.

ބަތަލާއިންނަކީ ޕްރިތީ ޒިންތާ އާއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ސޮނާލީ ކުލްކަރްނީ އެވެ.