Roadha Mihaaru
އެއްބަސްވުންތަކުގެ "ގެއްލުންތައް" ހިމަނަން ހުށަހަޅައިފި

ރާއްޖެ-އިންޑިއާ އެއްބަސްވުންތަކުން ގެއްލުންވާ ކަން ރިޕޯޓްގައި ހިމަނަން ހުށަހަޅައިފި

25 ނޮވެމްބަރ 2021

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކުން ރާއްޖެއަަށް ގެއްލުންވާ ކަމަށާއި އެއްބަސްވުންތަކުގެ އަސްލު ރައްޔިތުންގެ މަޖިލީހަށް ހޯދައި، އަލުން ދިރާސާކުރަން ޖެހޭ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓްގައި ހިމަނަން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކުން ރާއްޖެއަަށް ގެއްލުންވާ ކަމަށާއި އެއްބަސްވުންތަކުގެ އަސްލު ރައްޔިތުންގެ މަޖިލީހަށް ހޯދައި، އަލުން ދިރާސާކުރަން ޖެހޭ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓްގައި ހިމަނަން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މިއަދު ހުށަހަޅުއްވައިފި އެވެ.

އެއްބަސްވުންތަކުން ގެއްލުންވާ ކަމަށް ހިމަނަން އާދަމް ޝަރީފު ހުށަަހެޅުއްވީ، އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށް ނުރައްކާ ވާ ފަދަ ކަމެއް އޮތްތޯ ބަލަން އޭނާ މީގެ ކުރިން ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހުށަހެޅުއްވި އިސްލާހެއްގެ ގޮތުގަ އެވެ. އޭނާވެސް އިންނަވާ ކޮމިޓީން އެ ރިޕޯޓް ފާސްކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ރިޕޯޓް ފާސްކުރި އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަަޅަން ތައްޔާރުވެފައި ވަނިިކޮށް އޭނާ މިއަދު މަޖިލީހަށް ފޮނުއްވި ކަރުދާހުގައި ގިނަ އިސްލާހުތަކެއް އެބަހުއްޓެވެ.

އެއްބަސްވުންތަކުގެ އަސްލުތައް މަޖިލީހަށް ހޯދައި ދިރާސާކުރުމަކީ ކުރަން ޖެހޭ ކަމެއް ކަަމަށް ކޮމިޓީ ރިޕޯޓްގެ ހޯދުމެއްގެ ގޮތުގައި ހިމެނުމަށާއި ހުށަހެޅުންތަކުގެ ތެރޭގައި ވެސް އެކަން ހިމަނަން އާދަމް ޝަރީފު ހުށަހެޅުއްވި އިސްލާހުތަކުގައި ވެ އެވެ.

އާދަމް ޝަރީފު މިރޭ "މިހާރު" އަށް ވިދާޅުވީ 241 ކޮމިޓީގެ ރިޕޯޓަށް އޭނާ މިއަދު ހުށަހެޅުއްވި އިސްލާހުތައް ބިނާކުރައްވާފައި ވާނީ ރާއްޖެ- އިންޑިއާ އެއްބަސްވުންތައް ކޮމިޓީއަށް ދެއްކި އިރު ލިބިވަޑައިގެންނެވި މައުލޫމާތުތަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް، އަތްލަން ނުލިބުނަސް، އެއްބަސްވުންތައް ދެއްކި. އެ މައުލޫމާތުތަކަށް ބިނާކޮށް އިސްލާހުތައް މިހުށަހެޅީ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެވިފައެއް ނުވޭ"

އެއްބަސްވުންތައް ބަލައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާ ސުވާލުކޮށް ޖަވާބުތައް ހޯދައިގެން 241 ކޮމިޓީން އެކުލައިވި ރިޕޯޓްގެ ނިންމުމުގައި ބުނެފައި އޮތީ އެއްބަސްވުންތަކުގައި ރާއްޖެއަށް ގެއްލުންވާނެ ކަންތައްތަކެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓަށް އާދަމް ޝަރީފު ހުށަހެޅުއްވި އިސްލާހުތަކުގައި ވިދާޅުވީ އެފަދަ ބައިތައް އެއްބަސްވުންތަކުގައި އެބަހުރި ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގެ ހައިޑްރޮގްރަފިކް ސާވޭ ކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމަށް ހަވާލާދެއްވައި ރިޕޯޓްގައި ހިމަނަން އޭނާ ހުށަހެޅުއްވި އެއް އިސްލާހަކީ "ރާއްޖޭގެ ކަނޑުގެ ޗާޓްތައް ވިއްކޭނީ ހަމަ އެކަނި އިންޑިއާއަށް ކަމަށާއި ދިވެހި ކަނޑުތަކުގެ ޗާޓްތައް ދިވެހިރާއްޖެއަށް ނުވިއްކޭނެކަމަށް އެއްބަސްވެފައިވާ" ކަމަށް ރިޕޯޓްގައި ހިމެނުމެވެ.

"... ރާއްޖޭގެ ކަނޑުތަކުގެ ޗާޓްތައް ވިއްކޭނީ ހަމަ އެކަނި އިންޑިއާއަަށް ކަމަށާއި، އެ ފުރުސަތު ރާއްޖެއަށް ލިބިފައި ނުވާތީއާއި ޗާޓްތަައް ވިއްކައިގެން ރޯޔަލްޓީގެ ގޮތުގައި ދިވެހި ރާއްޖެއަށް ލިބޭނީ 25 އިންސައްތަ ކަމުގައި އެއްބަސްވެފައި ވާތީ، މި އެއްބަސްވުމުގައި ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރެވިފައެއް ނުވެ އެވެ،" ކޮމިޓީގެ ހޯދުމެއްގެ ގޮތުގައި ރިޕޯޓަށް އިތުރުކުރަން އާދަމް ޝަރީފު ހުށަހެޅުއްވި އަކުރެއްގައި ވެ އެވެ.

އިންޑިއާއިން ރާއްޖެއަށް ގެނެސްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް ގެނައުމުގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންޑިއާގެ 75 ސިފައިން ތިބޭކަން ވެސް ހޯދުމެއްގެ ގޮތުގައި ހިމަނަން އޭނާ ހުށަހެޅުއްފި އެވެ. އެއާ އެކު ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމަކީ ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި ހިމެނުމަކީ ވެސް އޭނާ ހުށަހެޅުއްވި އިސްލާހެކެވެ.

އެއްބަސްވުންތަކާ ބެހޭ ރިޕޯޓް އަންނަ ހޯމަ ދުވަހު މަޖިލީހުގައި ބާއްވާ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ. އެެއީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ އެވެ.