Roadha Mihaaru
އާ ބަޖެޓާއެކު ގައުމު ބަނގުރޫޓުވުމުގެ ބިރު އެބައޮތް!

އާ ބަޖެޓާއެކު، ގައުމު ބަނގުރޫޓު ވުމުގެ ބިރު އެބައޮތް: އިދިކޮޅު

24 ނޮވެމްބަރ 2021

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް މިއަދު ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓާއެކު، ގައުމު ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް މިއަދު ފާސްކުރި 36.9 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓާއެކު، ގައުމު ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅުން ބުނެފި އެވެ.

ސަރުކާރުން ހުށަހެޅި އެ ބަޖެޓާ ދެކޮޅަށް ވޯޓު ދިން އިދިކޮޅު ދެ ޕާޓީ، ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ މިހާތަނަށް އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށާއި މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގައި ކަމަށެވެ.

ފައިސާ ޗާޕު ކުރުމާ ދެކޮޅަށް އިދިކޮޅު މެމްބަރުން އަޑު އުފުލަމުން ދަނިކޮށް ވެސް 4.4 ބިލިއަން ރުފިޔާ ކުރިން ކޮށްފައިވާ ކަމަށާއި އެއިން އެއްވެސް ފައިސާއެއް ދައުލަތަށް އަނބުރާ ދައްކާފައި ނެތް ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

އިިދިކޮޅުން ބުނިގޮތުގައި، ސަރުކާރުގެ ހިންގުމުގެ ހަރަދު ފޫބައްދަން ފައިސާ ޗާޕު ކުރުމަކީ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މަރުކަޒީ ބޭންކުންނާއި އިގްތިސާދީ މާހިރުން ތަކުރާރުކޮށް ބުނަމުން ދަނިކޮށް، އަނެއްކާވެސް 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ހުއްދަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ސަރުކާރުން ވަނީ ދީފަ އެވެ. އެހެންކަމުން ޖުމުލަ 6.9 ބިލިއަން ރުފިޔާ ޗާޕު ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

...ބަޖެޓްގެ ދިރާސާތައް ހިނގަމުން ދިޔައިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީން، އާމްދަނީއާ ގުޅުން ހުރި އެއްވެސް ވުޒާރާއެއް، ކުންފުންޏެއް ހާޒިރުކޮށްފައި ނުވާކަން ވެސް ފާހަގަކުރަން،" --- އިދިކޮޅު

"...މީގެ ސަބަބުން މިހާރު ވެސް ގޯސްވެފައިވާ އެކްސްޗޭންޖް މާކެޓުގައި ޑޮލަރުގެ އަގު އިތުރަށް މަތިވެ، ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވެ، ވިޔަފާރިތަކަށް ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވާނެ. އަދި މިއީ އާއްމު ރައްޔިތުންނަށް މިކަމުގެ ނޭދެވޭ އަސަރު އިންތިހާ އަށް ކުރާނެ ކަމެއް،" އެ ބަޔާނުގައި ވެ އެވެ.

ދަރަނި ބޮޑުކޮށް އަދި ރައްޔިތުންނަށް ގެއްލުން ދީގެން ފައިސާ ޗާޕު ކުރަނީ ސީދާ ރައްޔިތުން ނިކަމެތި ކޮށްލުމަށް ފަހު 2023 ގެ ރިޔާސީ އިންތިހާބަށް ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސީ ކަންކަން ކުރުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އިދިކޮޅުން ބުނާގޮތުގައި، ބަޖެޓުގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި ސިޔާސީ ނުފޫޒު ފޯރުވާ ފަދަ އިދާރާތައް އިތުރު ކޮށްގެންނެވެ. އެ އަދަދު ކުޑަކޮށް ސީދާ ރައްޔިތުންނާއި ގުޅޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ އެލޮކޭޓް ކުރަން އިދިކޮޅުން ގޮވައިލަމުން ދިޔަ ކަމަށް ވެސް ކޯލިޝަނުން ބުންޏެވެ.

"....ބަޖެޓްގެ ދިރާސާތައް ހިނގަމުން ދިޔައިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީން، އާމްދަނީއާ ގުޅުން ހުރި އެއްވެސް ވުޒާރާއެއް، ކުންފުންޏެއް ހާޒިރުކޮށްފައި ނުވާކަން ވެސް ފާހަގަކުރަން،" ބަޔާނުގައި ވެ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި ސަރުކާރުގެ ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިނުގަތުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ހީލަތްތެރި އަމަލެއް ކަމަކެވެ.