Roadha Mihaaru
ޗައިނާގެ ކޯސްޓްގާޑުގެ އަމަލު ފިލިޕީންސުން ކުށްވެރިކޮށްފި

ޗައިނާގެ ކޯސްޓްގާޑުގެ އަމަލުތައް ފިލިޕީންސް އިން ކުށްވެރިކޮށްފި

24 ނޮވެމްބަރ 2021

މެނީލާ (ނޮވެމްބަރު 24) - ސައުތު ޗައިނާ ކަނޑުގައި ފިލިޕީންސްގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ އަތޮޅެއްގައި ތިބޭ އެ ގައުމުގެ ސިފައިންނަށް ސަޕްލައި ހިފައިގެން ދަތުރުކުރި އުޅަނދަކަށް ޗައިނާގެ ކޯސްޓް ގާޑުގެ ތިން އުޅަނދަކުން ހުރަސް އަޅާފައިވާތީ މެނީލާ އިން އެކަން ކުށްވެރިކޮށްފި އެވެ.

ފޮރިން ސެކްރެޓަރީ ޓިއޯޑޮރޯ ލޮކްސިން ވިދާޅުވީ ޗައިނާގެ ކޯސްޓް ގާޑުގެ ހުރަސް އެޅުންތަކާ ގުޅިގެން ފިލިޕީންސް ސިފައިންގެ އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް ސެކަންޑް ތޯމަސް ޝޯލްގައި ތިބޭ ސިފައިނަނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މިޝަން ހުއްޓާލަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"ސައުތު ޗައިނާ ކަނޑުގެ މި ސަރަހައްދުގައި ގާނޫނު ތަންފީޒް ކުރުމުގެ އެއްވެސް ހައްގެއް ޗައިނާ އަށް ލިބިގެންނެއް ނުވޭ. އެ މީހުން ޖެހޭނީ އެ ސަރަހައްދުން ފަހަތަށް ޖެހެން،" ލޮކްސިން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ކޯސްޓް ގާޑުގެ އުޅަނދުތަކުގެ އަމަލުތައް އެންމެ ހަރުކަށި އިމާރާތުން ކުށްވެރިކޮށް އެ ކަމުގެ ކަންބޮޑުވުންތައް މެނީލާގައި ހުންނަ ޗައިނާގެ ސަފީރަށް ހުށަހަޅާފައިވާ ކަމަށެވެ.

ސެކަންޑް ތޯމަސް ޝޯލް ނުވަތަ އަޔުންގިން ޝޯލް އަކީ ފިލިޕީންސްގެ ޕަލަވަންގެ ހުޅަނގުން 105 މޭލު ދުރުގައި އޮންނަ އަތޮޅެކެވެ. ފިލިޕީންސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރޭގައި ހިމެނޭ އެ އަތޮޅުގައި އެ ގައުމުގެ ސިފައިން ތިބޭތާ 22 އަހަރު ވެއްޖެ އެވެ.

ސައުތު ޗައިނާ ކަނޑުގެ ހުރިހާ ރަށްތަކެއްގެ މިލްކުވެރި ކަމަށް ޗައިނާ އިން ދަނީ ދައުވާ ކުރަމުންނެވެ.