Roadha Mihaaru
އަޖޭގެ އަސްލު ނަމަކީ ވިޝާލް

އަޖޭގެ އަސްލު ނަމަކީ ވިޝާލް

24 ނޮވެމްބަރ 2021

އަސްލު ނަމަކީ ވިޝާލް ދޭވްގަން ކަމަށާއި އަޖޭ ދޭވްގަނަށް ނަން ބަދަލުކުރަން ނިންމީ ފިލްމު ކުޅެން ނިންމި ހިސާބުން ކަމަށް އަޖޭ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަސްލު ނަމަކީ ވިޝާލް ދޭވްގަން ކަމަށާއި އަޖޭ ދޭވްގަނަށް ނަން ބަދަލުކުރަން ނިންމީ ފިލްމު ކުޅެން ނިންމި ހިސާބުން ކަމަށް އަޖޭ ބުނެފި އެވެ.

އޭނާ ބޮލީވުޑަށް ނުކުތީ މިދިޔަ ހޯމަ ދުވަހަށް 30 އަހަރު ފުރުނު 1991 ގެ "ޕޫލް އޯރް ކާންޓޭ" އިންނެވެ. އެ ފިލްމަކީ ބަތަލާ އަރޫނާ އިރާނީގެ ފިރިމިހާ ކުލޫ ކޯލީގެ ޑައިރެކްޝަނެކެވެ. އަޖޭ އަކީ ކުރީގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަންގެ ދަރިއެކެވެ.

މަޝްހޫރު ބަތަލާ ކާޖޮލް ފިރިމީހާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ވިޝާލް އިން އަޖޭ އަށް ނަން ބަދަލުކުރަން މަޖުބޫރުވީ އިންޑަސްޓްރީގެ ތެރޭގައި އަމިއްލަ ނަމެއް ހޯދުމުގެ ގޮތުން ކަމަށެވެ.

"އަހަރެން ފިލްމީ ދާއިރާ އަށް ނުކުންނަން އުޅުނު ދުވަސްވަރު އިންޑަސްޓްރީގައި އުޅުނު އެހެން ތިން ވިޝާލެއް ވެސް. އެހެންވެ ބޭނުންވީ ނަމުގެ ގޮތުން ވެސް އަރާފާނެތީ ނަން ބަދަލުކުރަން،" އަޖޭ ބުންޏެވެ. "އެކަމަކު މިހާރު ވެސް އަހަރެންގެ އެންމެ ގާތް ބައެއް މީހުން އަހަންނާ މުހާތަބުކުރާނީ ވީޑީ [ވިޝާލް ދޭވްގަން] އޭ ކިޔާފައި."

އަޖޭ އެ ނަމަކީ މިހާރު ބޮލީވުޑްގައި އެންމެ ހިނގާ އެއް ނަމެވެ. އޭނާ އަކީ ކޮންމެ ޖޯންރާއެއްގެ ފިލްމެއް ވެސް ފެންފޮދެއް ބޯލާހާ ފަސޭއިން މޮޅަށް ކުޅެލަން ކުޅަދާނަ މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ. އަޖޭގެ ކެރިއަރަށް ބަލައިފި ނަމަ، ވަކި ކަހަލަ ރޯލަކަށް އޭނާ ހާއްސަ ނޫންކަން ފާހަގަ ކުރެވޭނެ އެވެ. އެކްޝަން ރޯލުތަކާއި ލޯބީގެ ރޯލްތަކާއި ކޮމެޑީ ރޯލްތަކާއި އަދި ވަރަށް ސީރިއަސް އެތައް ކެރެކްޓާ މިހާތަނަށް އަޖޭ ކުޅެފައިވެ އެވެ.

އިންޑަސްޓްރީ އަށް ނުކުތްތާ މިހާރު 30 އަހަރުވީ އިރު ވެސް، އަޖޭ އަކީ އެންމެ ބިޒީ އެއް އެކްޓަރެވެ. މި އަހަރު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި "ސޫރިޔަވަންޝީ" އިން ފެނިފައިވާ އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް"، "ގަންގޫބާއީ ކަތިއަވާޅީ"، "މޭޑޭ"، "މައިދާން"، ތޭންކް ގޯޑް"، "ޗަނަކިއާ" އަދި "ދުރިޝަމް 2" ހިމެނެ އެވެ. ދެ ކުދިންގެ ބައްޕަ އަޖޭ، 52، މިހާރު އަންނަނީ "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

އޭނާ އަކީ ހަމައެކަނި އެކްޓަރެއް ނޫނެވެ. އަޖޭ އަކީ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ.