Roadha Mihaaru
ކާޖޮލްގެ "ތުރިބާންގާ" އަންނަ މަހު

ކާޖޮލްގެ ވެބް ފިލްމު "ތުރިބާންގާ" އަންނަ މަހު ނެޓްފްލިކްސް އަށް

28 ޑިސެމްބަރ 2020

ކާޖޮލްގެ ފުރަތަމަ ވެބް ފިލްމު "ތުރިބާންގާ" އަންނަ މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާޖޮލްގެ ފުރަތަމަ ވެބް ފިލްމު "ތުރިބާންގާ" އަންނަ މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހައިވޭ" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތައް ކުޅުނު ބަތަލާ ރެނޫކާ ސަހާނޭގެ ވެސް ފުރަތަމަ ޑައިރެކްޝަނެވެ. ކާޖޮލްގެ ފިރިމީހާ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ތުރިބާންގާ" ޕްރިިމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އިޖުތިމާއީ އެކި މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ފިލްމުގައި ކާޖޮލްއާ އެކު ތަންވީ އަޒްމީ އާއި މިތިލާ ޕާލްކަރާއި ކުނާލް ރޯއި ކަޕޫރާއި މާނަވް ގޯހިލް އާއި ކަންވަލްޖީތު ސިންގް ފަދަ ފަންނާނުން ފެންނާނެ އެވެ.

"ތުރިބާންގާ" ގެ ޑައިރެކްޓްކުރުމުގެ އިތުރަށް މި ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ ރެނޫކާ އެވެ. އޭނާ އަކީ އެކްޓަރު އަޝުތޯޝް ރާނާގެ އަންހެނުންނެވެ. ވަރަށް މަދުމަދުން ފިލްމުތަކުން ފެންނަ ރެނޫކާ އެންމެ ފަހުން ފެނިފައި ވަނީ 2018 ގައި ރިލީޒްކުރި މަދޫރީ ޑިކްސިޓްގެ މަރާޓީ ފިލްމު "ބަކެޓްލިސްޓް" އިންނެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އަޖޭގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.