Roadha Mihaaru
ކާޖޮލް ފެނުނީ ފޫހި، ބޮޑާ މީހެއްގެ ގޮތުގައި: އަޖޭ

ކާޖޮލް ފުރަތަމަ ފެނުނީ ފޫހި، ބޮޑާ މީހެއްގެ ގޮތުގައި: އަޖޭ

23 ސެޕްޓެމްބަރ 2021

ކާޖޮލްއާ އެންމެ ފުރަތަމަ ދިވާމީ ދެ މީހުން އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ހަލްޗަލް" ގެ ސެޓުން ކަމަށާއި އެ ދުވަހު އޭނާ އުޅުނު ގޮތުން ވަރަށް ފޫހިވި ކަމަށާއި ދެން ދިމާނުވާނެ ނަމައޭ ވެސް ހިތަށް އެރި ކަމަށް އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާޖޮލްއާ އެންމެ ފުރަތަމަ ދިވާމީ ދެ މީހުން އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ހަލްޗަލް" ގެ ސެޓުން ކަމަށާއި އެ ދުވަހު އޭނާ އުޅުނު ގޮތުން ވަރަށް ފޫހިވި ކަމަށާއި ދެން ދިމާނުވާނެ ނަމައޭ ވެސް ހިތަށް އެރި ކަމަށް އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން ބުނެފި އެވެ.

ދެ ދަރިންނާ އެކު މިހާރު ކައިވެންޏަށް 22 އަހަރު ވެފައިވާ ގުޅުމާ ބެހޭ ގޮތުން ޕަޔަނިއާ އަށް ދިން އިންޓަވިއުގައި އަޖޭ ބުނީ ކާޖޮލް އަކީ އޭނާގެ މިޒާޖާ މުޅިން އިދިކޮޅު މީހެއް ކަމަށެވެ. އަޖޭ އަކީ އަބަދު ވެސް ވަރަށް ބަސްމަދު މަޑުމައިތިރި އެކްޓަރަކަށް ވިޔަސް، އޭނާ އަކީ ސެޓްތަކުގައި ލާނެތް ކަންކަން ކޮށް އެކީގައި މަސައްކަތްކުރާ މީހުންނަށް ލަނޑުދިނުމުގައި ބޮލީވުޑްގައި މަޝްހޫރު ތަރިއެކެވެ.

ކާޖޮލް އަކީ އަބަދު ވެސް ވަރަށް އަނގަ ގަދަ އަދި ހިމޭނުން ނުހުރެވޭ ބަތަލާއެކެވެ. އަދި ގަދަ ހިނިގަނޑުތަކާ އެކު ސަކަރާތް ޖަހައި ފޯރި ނެގުމަކީ އޭނާގެ މިޒާޒެވެ.

"ވަރަށް އަނގަގަދަ އަންހެނެއް އެއީ. އަހަރެން ވަރަށް ބޮލަށް އުނދަގޫވި އަދި އެ ވަރަށް ފޫހި ވެސް ފުރަތަމަ ބައްދަލުވި ދުވަހު ކާޖޮލް އުޅުނު ގޮތުން. އަނެއްކާ އެހާ ކިބުރުވެރިކޮށް އުޅުނީ ވެސް،" އަޖޭ ބުންޏެވެ.

އޭނާ ބުނީ އަމިއްލަ މިޒާޖާ މުޅިން އިދިކޮޅު މީހަކަށް ކާޖޮލް ވިޔަސް ފަހުން އޭނާއާ ގަޔާވާން ފެށި ކަމަށެވެ. ލޯބިވާ ވާހަކަ ބުނަން ދުވަސްތަކެއް ނެގި ނަމަވެސް އޭގައި ވެސް މާ ރަސްމީ އަދި ހާއްސަ ކަމެއް ނެތް ކަމަށް އަޖޭ ބުންޏެވެ.

"ކަމެއް ވާން އޮތިއްޔާ އެކަމެއް ވާނެ. އަހަންނާއި ކާޖޮލް ގުޅެން އޮތީމަ އެކަންވީ. އެކަމަކު އެ ގުޅުމާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް،" އޭނާ ބުންޏެވެ. "މަޑުމަޑުން އަހަރެމެން ދެ މީހުންގެ ގުޅުން ބަދަހިވަމުން ގޮސް ކައިވެންޏާ ހަމައަށް ވެސް ދިޔައީ ކުއްލިއަކަށް."

ހަލްޗަލް (1995) ގެ ފަހުން ދެ ތަރިން އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ޕިޔާރު ތޯ ހޯނާ ހީތާ"، "ދިލް ކިޔާ ކަރޭ"، "ޔޫ، މީ އޯރް ހަމް" އަދި "ރާޖޫ ޗާޗާ" ހިމެނެ އެވެ. އަޖޭ އާއި ކާޖޮލް އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.

ދެ ތަރިންގެ ކައިވެނި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކައިވެނީގެ ގޮތުގައި ފާހަގަކުރެވޭ އިރު ދެ ދަރިންނަކީ ނީސާ ދޭވްގަން، 18، އާއި ޖުގް ދޭވްގަބް، 11، އެވެ.

ކާޖޮލް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އަޖޭއާ ކައިވެނިކުރީ ބައްޕަގެ ނުރުހުމުގަ އެވެ.