Roadha Mihaaru
ކޮމިޓީއަށް ނުދެވުނީ "އިންޑިއާ އައުޓް" ކެމްޕޭނާ ހެދި!

ކޮމިޓީއަށް ނުދެވުނީ "އިންޑިއާ އައުޓް" ކެމްޕޭންގައި ރަށުން ބޭރުގައި ތިބުމުން: އިދިކޮޅު

22 ނޮވެމްބަރ 2021

އިންޑިއާއާ އެކު ހަދާފައިވާ ޑިފެންސް އެގްރީމަންޓުތައް ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ގޮތެއް ނިންމުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތީ މިނިވަންކަމުގެ ދިފާއުގައި ކެމްޕޭނަށް ފުވައްމުލަކުގައި ތިބުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންޑިއާއާ އެކު ހަދާފައިވާ ޑިފެންސް އެގްރީމަންޓުތައް ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ގޮތެއް ނިންމުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތީ މިނިވަންކަމުގެ ދިފާއުގައި ކެމްޕޭނަށް ފުވައްމުލަކުގައި ތިބުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތީ ކޮމިޓީގައި އިދިކޮޅު ތަމްސީލްކުރައްވަނީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން އެވެ. ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވާތީ އާދަމް ޝަރީފް ހުށަހަޅުއްވައިގެން ކޮމިޓީން އެއްބަސްވުންތަކާ ގުޅޭ ގޮތުން ރޭ ގޮތެއް ނިންމި އިރު އެ ދެ މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާ ކުރީ ކަނޑު އަޑީގެ ޗާޓުތައް ކުރަހަން އިންޑިއާ އާއި ހަވާލު ކުރި ހައިޑްރޮގްރަފީ އެއްބަސްވުމާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުމާއި އުތުރުތިލަފަޅުގައި ބަނދަރެއް ހެދުމާ ބެހޭ އެއްބަސްވުމެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓީގެ ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ފާސް ކޮށްފަ އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.

އިދިކޮޅުގެ ބައިވެރިވުން ނެތް ސަބަބާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ އޭނާ އާއި ޣައްސާން ވެސް މިވަގުތު ރަށުން ބޭރުގައި ތިއްބެވީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިންގައި ކަމަށެވެ. މި ކެމްޕޭން މަޝްހޫރުވެފައި އަދި ބޭނުންކުރާ ސްލޯގަންތަކުގައި ވެސް ގޮވަނީ "އިންޑިއާ އައުޓް" އެވެ.

ރަށުން ބޭރަށް ވަޑައިގަންނަވާކަން މަޖިލީހަށް އެކަން އަންގާފައިވާ ކަމަށާއި ހަރަކާތްތައް ރާވާފައިވާ ގޮތުންނާއި ފަހު ވަގުތު އެންގުމުން ކޮމިޓީގައި ބައިވެރިވާން ދަތިވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕޭންގައި އިދިކޮޅުގެ ލީޑަޝިޕް މިވަގުތު ތިއްބެވީ ފުވައްމުލަކުގަ އެވެ.

އޮންލައިން ކޮށް ވެސް އެ ވޯޓުގައި ބައިވެރި ނުވެވުނީ ފުވަމުލަކުގައި ބައްދަލުވުންތައް ރާވާފައިވާ ގޮތުން އެ ގަޑިއާ ދިމާވީ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮތީ ދުވަސްތައް ރާވާލެވިފައި. ޓާސްކުތަކަކާ ހަވާލުވެފައި އޮތީމަ [މަޖިލީހުގެ] ވަޓްސެޕް ގްރޫޕުގައި ރަސްމީކޮށް ޖެހިން [މާލެ] ދެވޭނީ ހޯމަ ދުވަހުއޭ. [އިންޑިޔާ އައުޓް ކެމްޕެއިން] އެ މަސައްކަތުގައި އުޅުނީމަ ބައިވެރި ނުވެވުނީ،" އެމްޕީ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. މަޖިލީހުގެ މިއަދުގެ ޖަަލްސާގައި އޭނާ އެދިވަޑައިގެންނެވީ އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރަން. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. މަޖިލީހުގެ މިއަދުގެ ޖަަލްސާގައި އޭނާ އެދިވަޑައިގެންނެވީ އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރަން. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްބަސްވުންތަކާ ގުޅޭ ގޮތުން ކޮމިޓީގައި ކަންބޮޑުވުން ފާޅު ކުރެއްވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެންބަރު އުޝާމް ވިދާޅުވީ އިންޑިއާ އާއެކު ހެދި އެއްބަސްވުންތަކުގެ ކޮޕީ މަޖިލީހުގެ ޕްރޮޖެކްޓަރުގައި އަޅުވައިގެން ދައްކާލުމަކީ އެ ދިރާސާ ކުރުމަށް ފުރުސަތު ދިނުން ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ. އެ އެއްބަސްވުންތައް ކޮންމެ މެންބަރުންގެ އަތަށް ލިބެން ޖެހޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

އެ މައްސަލާގައި ދެކޮޅަށް ވޯޓު ދެއްވި އަލީ ހުސެއިންގެ ކަންބޮޑުވުމަކީ ހައިޑްރޮގްރަފީ އެއްބަސްވުމެވެ. އެ ޗާޓުތައް ކުރެހުމަށް ބަޔާން ކޮށްފައިވާ ސަބަބުތަކަކީ އެންމެ ރަނގަޅު ސަބަބުތެއް ނޫން ކަމަށާއި އޭގެއިން ނިކުންނާނެ ނަތީޖާ އާއި ދިވެހިންނަށް ފައިދާއެއް ކުރާނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.