Roadha Mihaaru
ކޮވިޑް ވެކްސިނަށް އެމެރިކާ ބިލިއަނުން އިންވެސްޓް ކުރަނީ

ކޮވިޑް ވެކްސިނަށް އެމެރިކާ އިން ބިލިއަނުން އިންވެސްޓްކުރަނީ

18 ނޮވެމްބަރ 2021

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން އުފެއްދުމަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން އުފެއްދުމަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާގެ ދުވަހު ނޫސް ނިއު ޔޯކް ޓައިމްސް އިން އިއްޔެ ބުނި ގޮތުގައި ކުރިއަށް އޮތް 2022 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން، އަހަރަކު އެއް ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން އުފެއްދޭ ވަރަށް، އެމެރިކާ ސަރުކާރުން އިންވެސްޓް ކުރާނެ އެވެ. އެމެރިކާ ސަރުކާރުން އެކަން ނިންމީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ބޭނުން ވަރަކަށް ވެކްސިން އުފައްދައި ބޭނުންކުރަމުން ދާއިރު، ފަގީރު ގައުމުތަކަށް އެކަށީގެންވާވަރަށް ވެކްސިން ނުދޭ ކަމުގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކަށް ބޭނުންވާ މިންވަރަށް ވެކްސިން އުފެއްދުމަށްޓަކައި، އެމެރިކާ ސަރުކާރުން އިންވެސްޓްކުރާ ފައިސާ ހަރަދު ކުރާނީ ޕްރައިވެޓް-ޕަބްލިކް ޕާޓްނާޝިޕެއްގެ ދަށުން ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.

"އަހަރެމެންގެ ލަނޑުދަނޑިއަކީ، ކުރިމަގުގައި މިފަދަ ވަބާއެއް ފެތުރިއްޖެ ހާލަތެއްގައި ނުވަތަ ކުރިމަގުގައި މިފަދަ ވައިރަހެއް އުފެދިއްޖެ ނަމަ، އެފަދަ ބަލިމަޑުކަމެއް ދެނެގަނެވޭތާ ހަ މަހާއި ނުވަ މަހާ ދޭތެރޭގައި، ވެކްސިން އުފެއްދުމުގެ ގާބިލްކަން ހޯދުން. އަދި އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން އުފެއްދުން،" އެމެރިކާ އިން ބޭރަށް ވެކްސިން ފޮނުވުމުގެ ކަންތައް ބަލަހައްޓަވާ އިސް ވެރިޔާ ޑޭވިޑް ކެސްލާ ވިދާޅުވި އެވެ.

ވެކްސިން ތައްޔާރުކުރުމަށް އުފައްދާ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްގެ ބަޖެޓަކީ ކިހާ ވަރެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ކެސްލާ އުންމީދު ކުރައްވާ ގޮތުގައި، އެކަމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވާނެ އެވެ.

މި މަޝްރޫއަށް ހިނގާނެ ބައެއް ހަރަދުތައް ހަމަޖެއްސުމަށް، މި އަހަރުގެ މާޗް މަހުގެ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ތަސްދީގު ކުރެއްވި 1.9 ޓްރިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖުން ވެސް ކޮންމެވެސް މިންވަރެއް ލިބޭނެ އެވެ.

ކެސްލާ ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން އުފެއްދުމުގެ މަޝްރޫއު ފުޅާކުރަން ބޭނުންވަނީ، ކޮވިޑް ޖައްސާ ވައިރަހުގެ އާ ބާވަތްތައް އަދިވެސް އުފެދިދާނެ ކަމަށް ބަލައިގެންނެވެ. އަދި ކުރިމަގުގައި ވެސް ވަބާއެއްގެ ގޮތުގައި މި ބަލި ފެތުރިދާނެ ކަމަށް ވެސް ބަލައިގެންނެވެ.

އެމެރިކާގެ ރައްޔިތުންގެ ތެރެއިން ދެ ޑޯޒް ވެކްސިން ޖަހާފައިވާ މީހުންގެ ހަށިގަނޑުގައި، ކޮވިޑްގެ ދިފާއު އިތުރު ކުރުމުގެ ގޮތުން ތިން ވަނަ ޑޯޒެއް ވެސް މިހާރު އަންނަނީ ޖަހަމުންނެވެ. އެމެރިކާ ރައްޔިތުންނަށް ކޮވިޑްގެ ތިން ވަނަ ޑޯޒެއް ޖަހަން ފަށާފައިވަނީ، އޭގެ ބަދަލުގައި ވެކްސިން ނުލިބިފައި ހުރި ގައުމުތަކަށް އެ ވެކްސިން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެމެރިކާ އަށް ގޮވާލާފައިވަނިކޮށް، އެ ގޮވައިލުމަށް ބީރު ކަންފަތެއް ދިނުމަށް ފަހު އެވެ.