Roadha Mihaaru
އެމެރިކާއިން އިތުރު 500 މިލިއަން ޑޯޒް ވެކްސިން ދެނީ

އެމެރިކާ އިން އިތުރު 500 މިލިއަން ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކުރަނީ

23 ސެޕްޓެމްބަރ 2021

ތަރައްގީވަމުން އަންނަ ގައުމުތަކަށް، އަންނަ އަހަރުން ފެށިގެން، ކޮވިޑް ވެކްސިންގެ އިތުރު 500 މިލިއަން ޑޯޒް، އެމެރިކާ އިން ހަދިޔާކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް، އަންނަ އަހަރުން ފެށިގެން، ކޮވިޑް ވެކްސިންގެ އިތުރު 500 މިލިއަން ޑޯޒް، އެމެރިކާ އިން ހަދިޔާކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވި، ކޮވިޑް-19ގެ މަހާސިންތާގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި ގޮތުގައި، މިއަންނަ އަހަރު އެމެރިކާ އިން ހަދިޔާކުރަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ. މިއަންނަ އަހަރު ދޭން ނިންމި 500 މިލިއަން ޑޯޒްއާ އެކު، އެމެރިކާ އިން ދުނިޔޭގެ އެކި ގައުމުތަކަށް ހަދިޔާ ކުރާ ކޮވިޑް ވެކްސިން ޑޯޒްގެ އަދަދު އެއް ބިލިއަނަށް ވުރެ އިތުރުވާނެ އެވެ.

ނިއު ޔޯކްގައި ބޭއްވި މި މަހާސިންތާގައި، ރައީސް ބައިޑެން ބައިވެރިވަޑައިގަތީ، ވައިޓް ހައުސްގައި އިންނަވައިގެން އޮންލައިންކޮށެވެ.

ކަމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް ވެކްސިން ޖަހާ އާބާދީގެ 70 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމަށްޓަކައި، މަދުވެގެން 11 ބިލިއަން ޑޯޒްގެ ވެކްސިން ބޭނުންވާނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، މިއަހަރު ނިމުމުގެ ކުރިން ކޮންމެ ގައުމެއްގެ ވެސް ވެކްސިން ޖަހާ އުމުރުފުރައިގެ މަދުވެގެން 40 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމަށެވެ. ނަމަވެސް މިހާތަނަށް ލިބިފައި ހުރި ވެކްސިންގެ އަދަދަށް ބަލާއިރު، އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ މާބޮޑު އުންމީދެއް ނެތެވެ.

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މުއްސަނދި ގައުމުތަކުގެ ގާތްގަނޑަށް ދެ ބައިކުޅަ އެއްބައި މީހުންނަށް މިހާރު ވަނީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް ދީފަ އެވެ. ނަމަވެސް ކުޑަ އާމްދަނީއެއް ލިބޭ ގައުމުތަކުން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވަނީ އެ ގައުމުތަކުގެ އާބާދީގެ އެންމެ ދެ ޕަސެންޓް މީހުންނަށެވެ.

މިއަހަރުގެ ތެރޭގައި ވެސް ދުނިޔޭގެ އެކި ގައުމުތަކަށް 580 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާ ކުރުމަށް އެމެރިކާއިން ވަނީ ވައުދުވެފަ އެވެ. ނަމަވެސް އެމެރިކާ އިން މިހާތަނަށް ހަދިޔާ ކޮށްފައިވަނީ، އޭގެ ތެރެއިން 160 މިލިއަން ޑޯޒްގެ ވެކްސިނެވެ.

ސައެންސްގެ ދިރާސާތައްކުރާ އަމިއްލަ ޖަމާއަތެއްގެ ކަމަށްވާ އެއާފިނިޓީން ބުނާ ގޮތުގައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ވެކްސިން ޖަހާ އާބާދީގެ އެންމެންނަށް ދެ ޑޯޒް ފުރިހަމަކޮށް ތިން ވަނަ ޑޯޒެއް ޖެހިކަމުގައި ވިޔަސް، މިއަހަރު ނިމޭއިރު އެ ގައުމުތަކުގައި، އިތުރު 1.2 ބިލިއަން ޑޯޒްގެ ވެކްސިން ހުންނާނެ އެވެ.

މިހާރު ވެކްސިން އުފައްދާފައި ހުރި ތާރީޚުތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ޔޫރަޕްގެ ގައުމުތަކުގައި ބާކީވެފައި ހުންނަ ވެކްސިންތައް، އެހެން ގައުމުތަކަށް ނުދީފި ނަމަ، އެ ވެކްސިންތައް މުއްދަތު ހަމަވެ އިސްރާފުވެގެން ދާނެ އެވެ. އެ ވެކްސިން އެހެން ގައުމުތަކަށް ދޭ ނަމަ، މުއްދަތު ހަމަވާން ކައިރިވުމުގެ ކުރިން ހަދިޔާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ގޮވައިލަ އެވެ.