Roadha Mihaaru
ޔޫގެންޑާގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދީފި

ޔޫގެންޑާގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދީފި

17 ނޮވެމްބަރ 2021

ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި އިއްޔެ ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދީ، މަދުވެގެން ތިން މީހަކު މަރާލައި 33 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.

ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި އިއްޔެ ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދީ، މަދުވެގެން ތިން މީހަކު މަރާލައި 33 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.

ކަމްޕާލާގެ ފުލުހުން ބުނި ގޮތުގައި އިއްޔެ ހަމަލާ ދިނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރީގަ އާއި އެ ސަހަރުގެ ފުލުހުންގެ މައި މަރުކަޒު ކައިރީގަ އެވެ. އެ ދެ ތަނުގެ ކައިރީގައި ހަމަލާ ދިނީ ހަށިގަނޑުގައި ގޮވާ ތަކެތި ބަނދެގެން ސައިކަލެއްގައި އައި ތިން މީހެކެވެ.

ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ވަރަށް ހާލުބޮޑު ފަސް މީހަކު ވެސް ހިމެނޭތީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނޫސް އޭޖެންސީ އަމަގް އިން ބުނި ގޮތުގައި، ދެ ހަމަލާ ވެސް ދިނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

ނޮވެމްބަރު 16، 2021؛ ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި ހުންނަ ފުލުހުންގެ މައި މަރުކަޒު ކައިރީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ފުލުހުންގެ އުޅަނދުތަކެއްގައި ރޯވެ އަނދާފައިވާ އިރު، ސިފައިން އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓަނީ. --އޭއެފްޕީ

ފުލުހުން ބުނި ގޮތުގައި ތިން ހަމަލާ ދިނީ ކޮންމެ ދެ ހަމަލާއެއް ދެމެދު ތިން މިނެޓެއްހާ ދުރުމިނުގަ އެވެ. އޭގެ އިތުރުން ވެސް ގޮއްވާލުމަށް ތައްޔާރުކޮށްފައި ހުރި އިތުރު ބޮންތައް އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެންކަމުން، ޖާނުން ފިދާވުމުގެ އިތުރު ހަމަލާއެއް ދީފާނެ ކަމުގެ ބިރު މިހާރު ވެސް އެބަ އޮތެވެ.

މި ހަމަލާއަށް ފަހު، އިތުރު ހަމަލާއެއް ދޭން އުޅުނު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ގައިގައި ގޮވާތަކެތި ބަނދެގެން ހަށިގަނޑު ގޮއްވާލަން ތައްޔާރުވަމުން ދަނިކޮށް އަތުލައިގަނެވުނު އެމީހާގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ފުލުހުން އަތުލައި، އެމީހާ މިހާރު ހުރީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ ދެ މީހަކު ހިމެނެ އެވެ. މި ހަމަލާއާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ. އަދި މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުން ވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.

ގާނޫނު ހަދާ މަޖިލިސް ކައިރީގައި ހަމަލާ ދިން މީހާ އޭނާގެ ހަށިގަނޑު ގޮއްވައިލުމާ އެކު، ކައިރީގައި ހުރި ކާރުތަކުގައި ވެސް ހުޅުހިފި އެވެ. އަދި ފުލުހުންގެ މައި މަރުކަޒު ކައިރީގައި ގޮއްވައިލުމާ އެކު، އެ ހިސާބުގައި ހުރި އިމާރާތްތަކުގެ ދޮރުތަކުގެ ބިއްލޫރިތައް ފުނޑުފުނޑުވެގެން ފޭބި ކަމަށްވެ އެވެ.