Roadha Mihaaru
ޖައްވީ ދަތުރަށް ފަހު މަތިންދާބޯޓް ވެއްޓި މަރު

ޖައްވީ ދަތުރަށް ފަހު، އެސްޓްރޮނޯޓަކު ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި، މަރުވެއްޖެ

15 ނޮވެމްބަރ 2021

ޖައްވަށް ދިޔަ އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް މިދިޔަ މަހު ލިބުނު އެމެރިކާގެ އެކްޓަރު ވިލިއަމް ޝެޓްނާއާ އެކު ދަތުރުގައި ބައިވެރިވި އެސްޓްރޮނޯޓެއް ކަމަށްވާ ގްލެން ޑި ރީޒް މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައި މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވަށް ދިޔަ އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް މިދިޔަ މަހު ލިބުނު އެމެރިކާގެ އެކްޓަރު ވިލިއަމް ޝެޓްނާއާ އެކު ދަތުރުގައި ބައިވެރިވި އެސްޓްރޮނޯޓެއް ކަމަށްވާ ގްލެން ޑި ރީޒް މަތިންދާބޯޓް ވެއްޓުމުގެ ހާދިސާއެއްގައި މަރުވެއްޖެ އެވެ.

މަހުޖަނު ޖެފް ބެޒޮސްގެ ބްލޫ އޮރިޖިނުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ދަތުރުގައި ޝެޓްނާ، 90، އާއި ގްލެން، 49، އާ އެކު ދަތުރުގައި ބައިވެރިވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ހިމެނެނީ ބްލޫ އޮރިޖިންގެ މިޝަންސް އެންޑް ފްލައިޓް އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޑެންޓް އައުޑްރީ ޕަވާޒް ޕްލެނެޓް ލެބްސްގެ ބާނީންގެ ތެރޭގައި ހިމެނޭ ކްރިސް ބޮޝޫޒިން އެވެ.

ގްލެން މަރުވި ހާދިސާ މިދިޔަ ބުރާސްފަތި ދުވަހު ހިނގާފައި ވަނީ އޭނާ އާއި ތޯމަސް ޕީ ފިޝާ، 54، ކިޔާ މީހަކު ދަތުރުކުރި ސެސްނާ މަރުކާގެ 172 ގެ ބޯޓް ނިއު ޔޯކްގެ އުތުރު ހުޅަނގުން 40 މޭލު ދުރުގައި އޮންނަ ގަސްބޯ ސަރަހައްދެއް ކަމަށްވާ ހޭމްޓަން ޓައުންޝިޕަށް ވެއްޓިގެންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުނުވާ އިރު، އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން އަންނަނީ ކުރަމުންނެވެ. މަތިންދާބޯޓް ވެއްޓުމުގެ ހާދިސާގައި ގްލެން މަރުވި އިރު އޭނާ އަކީ ޕްރައިވެޓް ޕައިލެޓް ލައިސަންސް އޮންނަ މީހެކެވެ.

ގްލެންގެ މަރުގެ ހަބަރާ އެކު ބްލޫ އޮރިޖިނުން ކުރި ޓްވީޓެއްގައި ބުނީ އެއީ ވަރަށް ހިތްދަތި ހަބަރެއް ކަމަށެވެ. އޭގައި ބުނީ ބްލޫ އޮރިޖިނުން މިދިޔަ މަހު ޖައްވަށް ކުރި ދަތުރުގައި ގްލެން އަކީ ޖޯޝާއި ފޯރި އެހެން ކްރޫ މެމްބަރުންނަށް ގެނެސްދިން މީހެއް ކަމަށެވެ. އަދި އޭނާ އަކީ އޭވިއޭޝަން ދާއިރާ އަށް ވަރަށް ލޯބިކުރި މީހެއް ކަމަށާއި އެ ދާއިރާ އަށް ގްލެން ހިލޭ ސާބަހަށް ކޮށިން މަސައްކަތްތަކުގެ ހަނދާންތައް އަބަދު ވެސް އާކުރެވޭނެ ކަމަށް ބްލޫ އޮރިޖިނުން ބުންޏެވެ.