Roadha Mihaaru
ޔޫޓީއެފް މައުލޫމާތު ހާމަކުރަން ހަސަން އެދުމުން ނުރުހުން

ޔޫޓީއެފް އެގްރިމެންޓުގެ މައުލޫމާތު ހާމަކުރަން އެދުމުން ހަސަނަށް މެމްބަރުންގެ ނުރުހުން

13 ނޮވެމްބަރ 2021

އުތުރު ތިލަފަޅުގައި ކޯސްޓްގާޑު ބަނދަރެއް ހެދުމަށް އިންޑިއާއާ އެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަން ހާމަކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ވިދާޅުވުމުން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރު ތިލަފަޅުގައި ކޯސްޓްގާޑު ބަނދަރެއް ހެދުމަށް އިންޑިއާއާ އެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަން ހާމަކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފު ވިދާޅުވުމުން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެމްބަރުކަން ވެސް ކުރައްވާ ހަސަން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަން ފޮރުވައިގެން، ސިއްރު ކުރަން ނޫޅޭ ކަމާއި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު އާއްމުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

އެ ޓުވީޓަށް ރައްދުދެއްވަމުން ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ 241 ކޮމިޓީގައި އިންނަވައި، އޭގެ އަސްލު ގާނޫނީ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ސުވާލު އުފެދޭނަމަ ހަވާލުވެ ހުންނެވި ގާނޫނީ ޒިންމާ އަދާކުރުމަށް ހަނދުމަކޮށް އަރުވަން،" އިސްމާއިލްގެ ޓްވީޓުގައިވެ އެވެ.

އޭގެ ޖަވާބުގައި ހަސަން ވިދާޅުވީ އޭނާ އެގޮތަށް ޓްވީޓުކުރެއްވީ އެއްބަސްވުމާ މެދު ސުވާލު އުފެދޭތީ ނޫން ކަމަށެވެ. އެ އެއްބަސްވުން ވަރަށް ރަނގަޅު ކަމަށް ވެސް، މަޖިލީހުގެ ސާފު އަޢުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާއިރު ކަންކަން އޮތްގޮތް ކިޔައި ނުދެވުނީމަ އޮޅުވާލައި، މީހުންނަށް އެކަން ކުރަން ފުރުސަތު ބޮޑުވާތީ މި ވާހަކަ މި ދަންނަވާލީ،" އޭނާ ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ޑިފެންސް އެގްރިމެންޓުތަކަކީ އެއްވެސް ގައުމެއްގައި އާއްމުންނަށް ދޫކޮށްލާ ލިޔުމެއް ނޫން ކަމަށެވެ. އެގޮތަށް ވާހަކަދެއްކެވުމުގެ މަގުސަދާ ގުޅޭގޮތުން އިކްރާމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ހިޔާލު ފާޅުކުރެއްވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޔޫޓީއެފް އެގްރިމެންޓުގައި ހިމެނޭ ކަންކަން ހާމަކުރަން ގޮވާލުމަކީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިވުން ފަދަ ކަމެއް ކަމަށެވެ.

އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވީ "މިއީ ދެން ހަމަ އައުޓް ކުރަން ގޮވުން ކަހަލަ ކަންކަން" ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ހަސަން "އިންޑިއާ އައުޓު" ޓީމުތޯ އާއްމުން ސުވާލު އުފައްދަން ފެށުމަކީ ދެރަ ކަމެއް ކަމަށެވެ.