Roadha Mihaaru
"ޗެމްޕިއަންސް" ފިލްމަކަށް ބަދަލު ކުރާނީ ސްޓިލާ

ކުރީގެ ސިލްސިލާ "ދަ ޗެމްޕިއަންސް" ފިލްމަކަށް ބަދަލު ކުރާނީ ސްޓިލާ

14 ނޮވެމްބަރ 2021

ބައި ގަރުނަށް ވުރެ ކުރިން ގެނެސްދިން މަޝްހޫރު އިނގިރޭސީ ސިލްސިލާ "ދަ ޗެމްޕިއަންސް" ފިލްމެއްގެ ގޮތުގައި ހަދަން ނިންމައި، އޭގެ ކާސްޓުންނަށް ބެން ސްޓިލާ އާއި ކޭޓް ބްލެންޝެޓް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައި ގަރުނަށް ވުރެ ކުރިން ގެނެސްދިން މަޝްހޫރު އިނގިރޭސީ ސިލްސިލާ "ދަ ޗެމްޕިއަންސް" ފިލްމެއްގެ ގޮތުގައި ހަދަން ނިންމައި، އޭގެ ކާސްޓުންނަށް ބެން ސްޓިލާ އާއި ކޭޓް ބްލެންޝެޓް ހަމަޖައްސައިފި އެވެ.

ވެރައިޓީން ބުނި ގޮތުގައި މީތި ކުޅުމުގެ އިތުރަށް ފިލްމު ޑައިރެކްޓް ވެސް ކުރާނީ ސްޓިލާ އެވެ. "ދަ ޗެމްޕިއަންސް" އަކީ 1968-1969 އަށް ގެނެސްދިން ތުރިލާ/ސައިންސް ފިކްޝަން/ޑިޓެކްޓިވް ފިކްޝަންއެކެވެ.

މައިގަނޑު ކާސްޓްގައި ސްޓުއަޓް ޑޭމަން އާއި އެލެގްޒެންޑްރާ ބަޒްޓެޑޯ އާއި ވިލިއަމް ގޯންޓްގެ އިތުރުން އެންތަނީ ނިކޯލްސް ހިމެނުނު ސިލްސިލާގެ 30 އެޕިސޯޑް ގެނެސްދިނެވެ. "ދަ ޗެމްޕިއަންސް" އަށް ބިނާކޮށް ފީޗާ ފިލްމެއް ހަދަން ނިންމި އިރު، މީގެ ލީޑް ކާސްޓްގައި ހިމެނޭ ސްޓިލާ އާއި ބްލެންޝެޓް ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ހިއްސާވެ އެވެ.

މިއާ ބެހޭ ގޮތުން، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އޮސްކާ އެވޯޑް ވެސް ހާސިލު ކޮށްފައިވާ ބްލެންޝެޓް، 52، ބުނީ "ޗެމްޕިއަންސް" އަކީ މިހާރު ގިނަ ބަޔަކު ހަނދާން ނައްތާލާފައި އޮތް ޖަވާހިރެއް ކަހަލަ އެއްޗެއް ކަމަށެވެ. އެހެންވެ އޭގެ ވާހަކަ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެނައުމަކީ މޮޅު އަދި ޝައުގުވެރި ވާހަކައެއްގެ ހަނދާންތައް އިތުރަށް އާ ކޮށްދޭނެ ކަމެއް ކަމަށް ބުންޏެވެ.

"ޗެމްޕިއަންސް" ގެ މައިގަނޑު ޕްލޮޓަކީ އދ. ގެ ތިން އޭޖެންޓަކު ދަތުރުކުރާ މަތިންދާބޯޓެއް ހިމާލަޔާ ސަރަހައްދަށް ވެއްޓި، އެ މީހުން ސަލާމަތްވުމަށް ފަހު، އެތަނުގައި ސިއްރުވެރި ގޮތަކަށް އުޅުމަށް ފަހު، ލިބޭ އާދަޔާހިލާފު ބާރުތަކަކާ އެކު އިންސާފާއި ހަމަހަމަކަން ގާއިމުކުރަން ކުރާ ހިތްވަރު ގަދަ މަސައްކަތްތައް ދައްކުވައިދޭ އެއްޗެކެވެ.

ސްޓިލާ، 55، ބުނީ ބްލެންޝެޓަކީ ވަރަށް ވެސް މޮޅު ބަތަލާއަކަށް ވެފައި، "ޗެމްޕިއަންސް" އަކީ އަލުން ހުނަރުވެރި ބަތަލާގެ ޖާދޫ ވެސް ފެނިގެން ދާނެ ވަރަށް ވަރުގަދަ ފިލްމަކަށް ވާނެ ކަމަށެވެ. ކެރިއަރުގައި މިހާތަނަށް ފާހަގަ ކޮށްލެވޭ އެތައް ފިލްމެއް ކުޅެފައިވާ ސްޓިލާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2001 ގެ "ޒޫލޭންޑާ" ގެ ސީކްއެލް 2016 ގެ "ޒޫލޭންޑާ 2" އެވެ.