Roadha Mihaaru
ބޯޑަރު މިއޮތީ ހުހަށް: ބޭނުން އެއްޗެއް އެތެރެކުރެވިދާނެ

ބޯޑަރު މިއޮތީ ހުހަށް: ބޭނުން އެއްޗެއް އެތެރެކުރެވިދާނެ؟

11 ނޮވެމްބަރ 2021

ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ޑްރަގް ޓްރެފިކިންގެ ގްލޯބަލް ޓްރެންޑުތައް ހުރި ގޮތަށް ބަލާއިރު ރާއްޖޭގައި އެކަންތައް ފުޅާ ވެގެން ދިޔައީ ކުރިން އަންދާޒާ ވެސް ނުކޮށް އޮތް ބާރުމިނެއްގަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ޑްރަގް ޓްރެފިކިންގެ ގްލޯބަލް ޓްރެންޑުތައް ހުރި ގޮތަށް ބަލާއިރު ރާއްޖޭގައި އެކަންތައް ފުޅާ ވެގެން ދިޔައީ ކުރިން އަންދާޒާ ވެސް ނުކޮށް އޮތް ބާރުމިނެއްގަ އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވެ ހަމައެކަނި އެއަށް އޮންނަ ޑިމާންޑު ބޮޑުވެގެން ދިޔައީއެއް ނޫނެވެ. ޖިއޮގްރަފިކަލީ މި ގައުމު އޮތް ސަރަހައްދާއި އުފެދިފައި އޮތް ގޮތާއި ގައުމުގެ މުއްސަނދިކަމާއި ކައުންޓާ ކުރެވޭނެ ވަސީލަތްތައް ހުރި ގޮތަށް ބަލާފައި އިންޓަނޭޝަނަލް ޑްރަގް ޓްރެފިކިން ރިންގުތަކުގެ ޓްރާންސިޓް ހަބަކަށް ރާއްޖެ ހަދައިފި ކަމަށް ގަބޫލުކުރަންޖެހޭ އެތައް ކަމެއް މިހާރު އެބަ ފެނެ އެވެ.

އެކަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުންނާއި ކަމާބެހޭ އެހެން މުއައްސަސާތަކުން ގިނަ ފިޔަވަޅުތަކެއް އަޅައި ބުރަ މަސައްކަތްތަކެއް 24 ގަޑިއިރު އަންނަނީ ކުރަމުންނެވެ. ނަމަވެސް މިހާރު ޑްރަގް ޓްރެފިކިން ހިންގާ ވަރާ އަޅާބަލާއިރު، އެ ދާއިރާގެ އިސް އޮފިޝަލަކު ސިފަކުރެއްވި ގޮތުން ނަމަ "ބޯޑަރު އޮތީ ހުހަށް" ކަމަށް ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަން ކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އެއްޗެހި އެތެރެ ކުރެވި، އެ ދާއިރާ އިތުރަށް ފުޅާވާން ޖާގަ ދީގެނެވެ.

އެއާޕޯޓް: ވަސީލަތްތައް މަދު، ހޯދަން އުނދަގޫ!

ކޮންމެ އަހަރަކު ވެސް އެކި ޕޯޓުތަކުން އެތެރެކުރަން މަސައްކަތްކުރާ ބައިވަރު ޑްރަގްސް އަތުލައިގަނެ އެވެ. ހާއްސަކޮށް ބްރެޒިލް، އިކުއެޑޯ، ދުބާއީ ފަދަ ގައުމުތަކުން ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތްކުރި ނަމަވެސް އެކަން ނާކާމިޔާބު ކޮށްލައި މަސްތުވާތަކެތި އަތުލަ އެވެ.

ޝަރީފް "މެދު ސަފުހާ" އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޝަރީފް "މެދު ސަފުހާ" އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ނަމަވެސް ނަން ނުޖަހަން ޝަރުތުކުރައްވައި ވާހަކަ ދެއްކި އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއާޕޯޓުގައި ހުރި ސިސްޓަމްތަކަށް ބަލާފައި މިހާރު އެ އަތުލައިގަނެވެނީ އަސްލު އެތެރެވާ އެއްޗެހީގެ ތެރެއިން ވަރަށް މަދު އެއްޗެއް ކަމަށް ގަބޫލު ކުރެވެ އެެވެ.

"ވަސީލަތްތައް ހޯދުން މި އޮންނަނީ އެމްއޭސީއެލް ކުންފުނީގެ ބާރުގެ ދަށުގައި. ކަސްޓަމްސް އިން ބޭނުންވާ ފެންވަރުގެ ސްކޭން މެޝިނެއް ނުލިބޭ އަދިވެސް. ވަސީލަތްތައް ހޯދަން ވަރަށް އުނދަގޫ. ވަރަށް ބޮޑު އަޕްގްރޭޑެއް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

"މިހާރު"ން ސުވާލު ކުރުމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވެސް ވިދާޅުވި ގޮތުގައި އަބަދުވެސް އެ ކުންފުނީގެ ޑިމާންޑަކީ ފަހުގެ ޓެކްނޮލޮޖީއާ އެއް ފެންވަރެއްގެ ވަސީލަތްތައް އެއާޕޯޓް ސެކިއުރިޓީގައި ގާއިމްކޮށްދިނުމެވެ.

"މިވަގުތު ހުރި މެޝިންތަކުގައި އަޅުގަނޑަށް އުނދަގޫ ބުނަން [މަސްތުވާތަކެތި] އެތެރެ ނުވާނެއޭ. މިހާރު ހުރީ ތަންކޮޅެއް ކުރީގެ މެޝިނުތަކެއް. އެ މެޝިންތައް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ އެކީގައި މި ކުރަނީ. ފަހުގެ ޕޯޓުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޯދުމަށް މަސައްކަތް ކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޒަމާނީ ވަސީލަތްތައް އެއާޕޯޓަށް ހޯދިއްޖެ ނަމަ މިހާރު ނުފެންނަ އެތައް ގޮތަކަށް އަދި ވަރަށް ބޮޑަށް ފޮރުވާފައި ހުންނަ މަނާތަކެތި ވެސް ސާފުކޮށް ފެނި ފަސޭހައިން ހޯދޭނެ އެވެ. އަދި ފައިސާ އާއި ޑްރަގްސްގެ އެކި ބާވަތްތައް ވަކިވަކިން ދެނެގަނެވޭ ފަދަ ސިސްޓަމްތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނީ ހުށަހަޅާފައި. ގަބޫލުކުރަން އެމްއޭސީއެލް އަށް ވެސް ދަތިތަކެއް ހުންނާނެ ކަަމަށް. އެކަމަކު އެއްބާރުލުން މީގެ ކުރިޔާ ބަލާފައި ވަރަށް ބޮޑަށް ވެސް ލިބޭ،" އޭނާ ވިދާޅުވި އެވެ.

ސީޕޯޓްތަކުން ބެލޭތަ؟

ރާއްޖެއަށް އަބަދުވެސް އެތައް ސަތޭކަ ކޮންޓެއިނަރުތަކެއް އެތެރެވެފައި އޮންނައިރު އެތަކެތީ ތެރެއަށް ލައިގެން މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ. ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ޕޯޓުތަކުން އެއްވެސް މަސްތުވާތަކެއްޗެއް ނުފެނޭ ބުނާހާ ވަރަށް މަދުން ނޫނީ ފެނިފައެއް ނުވެ އެވެ.

ޝާކިރު "މިހާރު"ގެ މެދުސަފުހާ އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝާކިރު "މިހާރު"ގެ މެދުސަފުހާ އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، އަހުމަދު ޝާކިރު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މަގުން މަސްތުވާތަކެތި އެތެރެ ނުކުރަނީ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މަސްތުވާތަކެތި ނުހޯދެނީ އެތަކެތި ހޯދޭ ފެންވަރަށް ވަސީލަތްތައް ނެތުމުން ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކަސްޓަމްސް އިން ގަބޫލުކުރަނީ އެހެން ގޮތަކަށެވެ. އެ މައްސަލާގައި ސުވާލު ކުރުމުން ޝަރީފް ވިދާޅުވި ގޮތުގައި ކޮންޓެއިނަރުތައް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން މާބޮޑު މަސައްކަތެއް ނުކުރެ އެވެ. ބޮޑަށް އެކަން ކުރަނީ ކަނޑުމަގުން އެހެން ގޮތްގޮތަށެވެ.

ޕޯޓް މެދުވެރިކޮށް އެތަކެތި އެތެރެ ކުރުން މަދީތޯ އަނެއްކާވެސް ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި "ސީދާ ކޮންޓެއިނަރުތަކުގައި ގެންނަ ކަމަކަށް މައުލޫމާތެއް ނުލިބެ" އެވެ. އަދި ރަޖިސްޓާ ކޮށްގެން ހިންގާ ވިޔަފާރިވެރިން ކޮންޓެއިނަރުތަކުގައި ޑްރަގްސް އެތެރެ ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"ހައި ރިސްކު ގައުމުތަކުން އަންނަ އެއްޗެހި އަޅުގަނޑުމެން ބަލަން. ރެންޑަމް ސިލެކްޝަނެއް ހަދައިގެން ޗެކް ކުރަން. ވަރަށް ރަނގަޅަށް ބަލައި ފާސްކުރަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޕޯޓް ނުބެލެހެއްޓޭ ކަމުގެ އަނެއް މިސާލަކީ ކޮންޓެއިނަރުތައް ބަލައި ފާސްކުރާނެ ސްކޭން މޭޝިނެއް ނެތުމެވެ. ބޮޑެތި ކޮންޓެއިނަރުތައް ބަނދަރަށް ވައްދާލާއިރު ޝައްކުވިޔަސް ބަލާ ފާސް ކުރަން ޖެހެނީ ރެންޑޮމް ކޮށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކޮންޓެއިނަރު ސްކޭންކުރާ މެޝިނަކީ ވަރަށް ބޮޑު ޖާގައެއް ބޭނުންވާ އެއްޗެކެވެ. އަދި ބޮޑު ހަރަދެއް ވެސް އެކަމަށް ހިނގަ އެވެ. މިހާރު ބޭނުން ކުރާ މާލޭގެ ބަނދަރުގައި އެ ސްކޭން މެޝިން ބަހައްޓާނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާވަމުން މި އަންނަނީ އާ ޕޯޓް އެޅުނީމާ އެތަނަށް އޭގެ ސްކޭން މެޝިނެއް ބަހައްޓަން،" ޝަރީފް ވިދާޅުވި އެވެ.

"ކަނޑުގައި ގިނައީ ނުބެލެހެއްޓޭ ސަރަހައްދު"

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑެވެ. ޑްރަގް ރިންގުތަކުން ޓްރެފިކިންއަށް އެންމެ ގިނައިން ބޭނުންކުރަނީ ވެސް ކަނޑުމެގެވެ. ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލެހެއްޓުމަކީ މިއީ އެމްއެންޑީއެފަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ޑްރަގް ޓްރެފިކް ކުރާ ފަރާތްތަކުން އެކަން ކުރާ ގޮތްތަކަށް ބަލާއިރު އެއް ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ނުވަތަ ރާއްޖޭ ސަރަހައްދާ ކައިރިން އިންޓަނޭޝަނަލް ވޯޓާސްގައި އޮވެ ރާއްޖޭގެ އުޅަނދަކަށް މަސްތުވާތަކެތި އަރުވައިގެން އެތެރެ ކުރަން މަސައްކަތް ކުރުމެވެ.

މި ދެގޮތަކަށް ރާއްޖެ އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ވަނީ އަތުލައިގެންފަ އެވެ. ނަމަވެސް އޭގެ ތެރެއިން "ނުފެނި" ވަގަށް އެތެރެވަނީ ކިހާ މިންވަރެއްތޯ ސުވާލު އުފެދެ އެވެ.

ޖަމްޝާދު "މިހާރު" ގެ މެދުސަފުހާ އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަމްޝާދު "މިހާރު" ގެ މެދުސަފުހާ އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްއެންޑީއެފްގެ މެރިޓައިމް އޮޕަރޭޝަންސްގެ ޑައިރެކްޓަރު ލެފްޓިނެޓް ކާނަލް މުހައްމަދު ޖަމްޝާދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުއުޅަނދުތަކުން އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރު ކުރުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރަށް ސަފާރީއެއް، މަސް ދޯންޏެއް ނޫނީ ލޯންޗެއް 150 މޭލު 200 މޭލު ދުރުގައި އުޅެންޏާ އެއީ ޝައްކު އުފެދޭ ކަމެކެވެ.

"އެ ހިސާބުތަކުގައި ގައިމުވެސް ރަށެއް ނޯންނާނެ. އެ ދިމާލުގައި އުޅޭ އުޅަނދެއް ވިއްޔާ އަޅުގަނޑުމެން ހުއްޓުވައި ސުވާލު ކުރަން،" ޖަމްޝާދު ވިދާޅުވި އެވެ.

ނަމަވެސް ކަނޑުގެ ސަރަހައްދު ބޮޑުވެފައި ވަސީލަތައް މަދުވުމުން އެންމެ އެކަށީގެންވާ ވަރަށް އެ މަސައްކަތްކުރަން ގިނަ އުނދަގޫތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެމްއެންޑީއެފުން އެކަންކަމަށް ބޭނުން ކުރާ ތިން އެއާކްރާފްޓަކާއި ދެ ހެލިކޮޕްޓަރު އަދި އެއް ޑޯނިއާ އޮންނައިރު އެއީ ރާއްޖޭގެ މުޅި ކަނޑުގެ ސަރަހައްދު ބަލަން އެކަށީގެންވާ މިންވަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯސްޓުގާޑަށް ނުބެލޭ ސަރަހައްދު ބޮޑު ވާނެ. އެ ސަރަހައްދުގައި ޕެނެޓްރޭޓުވުން އެކަށީގެންވޭ އަޅުގަނޑުމެންނަށް ނޭނގި ވިޔަސް: ޖަމްޝާދު

އިންޑިޔާގެ އެހީގައި ބަހައްޓާފައިވާ ރާޑަރުތަކުން ވެސް އެފަދަ ހަރަކާތްތައް މޮނިޓާ ކުރުމުގައި ބައެއް ފަހަރު ދަތިތަކެއް ހުންނަ ކަމަށް ޖަމްޝާދު ވިދާޅުވި އެވެ. އެގޮތުން 50-80 މޭލު ދުރަށް ކުޑަ އުޅަނދެއް ގޮސްފި ނަމަ ރާޑަރަށް ހޯދަން އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮންޖެހުންތައް ހުރި ނަމަވެސް ގައުމުތަކުން ވަރަށް ގިނަ އިންޓެލިޖަންސް މައުލޫމާތު ލިބޭ ކަމަށް ޖަމްޝާދު ވިދާޅުވި އެވެ. އޭގެ އެހީގައި އަދި އެހެން މުއައްސަސާތަކުގެ އެހީތެރިކަމާ އެކު ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އުޅަނދުތަކަށް ފާރަވެރިވެގެން ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޑްރަގް ޓްރެފިކިންގެ މައްސަލަތައް މެކުހަށް ޖަހާފައި ހުރިއިރު އެ މައްސަލަ ސީރިއަސްކޮށް ނަގައި ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ހުރިހާ އެއާޕޯޓާއި ސީޕޯޓު އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ ވަރަށް ވަސީލަތްތައް ފޯރުކޮށް ނުދެވޭނެ ނަމަ މައްސަލަ އަތުނުވާ ހިސާބަށް ހިނގައިދާނެ އެވެ.