Roadha Mihaaru

މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ބްލެކްމެއިލްގެ ތުހުމަތުވި މީހުން ދޫކޮށްލައިފި

މާލޭގައި 27 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ތިން ދިވެހިން މިރޭ ދޫކޮށްލައިފި އެވެ.

ބްލެކްމެއިލް ކުރި މީހުން ދޫކޮށްލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

09 ނޮވެމްބަރ 2021

މާލޭގައި 27 އަހަރުގެ ފިރިހެނަކު ރަހީނުކޮށް، ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ތިން ދިވެހިން މިރޭ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ދޫކޮށްލީ، މި މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށެވެ. އެ މީހުން ދޫކޮށްލިޔަސް، ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފިރިހެނަކަށް ބްލެކްމެއިލްކޮށް ބިރުދައްކައި އޭނާ ބަރަހަނާކޮށް، ވީޑިއޯކޮށްގެން ފައިސާ ހޯދަން އުޅުނު ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރީ ރޭ ފަތިހު އެވެ.

މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ވަނީ ތުހުމަތުވާ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 24 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެން ކަަމަށް ފުލުހުން ކުރިން މައުލޫމާތު ދިނެވެ.