Roadha Mihaaru
އެއާޕޯޓް ކްލިނިކް އެހެން ބަޔަކަށް ދިނުން ނުހުއްޓުވި

އެއާޕޯޓް ކްލިނިކް އެހެން ބަޔަކަށް ދިނުން ހުއްޓުވޭކަށް ނެތް: ސިވިލް ކޯޓް

09 ނޮވެމްބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑރ. އުސާމާ ކްލިނިކް ހިންގަން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެހެން ފަރާތަކަށް އެއާޕޯޓް ކްލިނިކް ހިންގަން ދޫކުރުން މަޑުޖައްސާލަން އަމުރު ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑރ. އުސާމާ ކްލިނިކް ހިންގަން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެހެން ފަރާތަކަށް އެއާޕޯޓް ކްލިނިކް ހިންގަން ދޫކުރުން މަޑުޖައްސާލަން އަމުރު ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އެއާޕޯޓްގައި ކްލިނިކެއް ހިންގަން، އުސާމާ ކްލިނިކް ހިންގާ ބަޔޯ ބިޒް މޯލްޑިވްސްއާ އެކު ހެދި އެއްބަސްވުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެތަން ހިންގާނެ ފަރާތެއް ހޯދަން އަލުން ވަނީ އިއުލާންކޮށްފަ އެވެ.

އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ބަޔޯ ބިޒްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކުންފުނިން އެދުނީ އެ މައްސަލަ ނިމެންދެން، އެއާޕޯޓް ކްލިނިކް ހިންގަން އެހެން ފަރާތަކަށް ދޫ ނުކުރަން އެމްއޭސީއެލްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އެކަމަކު ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ ވަގުތީ އަމުރެއް ނެރެދެވެނީ އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ނަމަ ކަމަށާއި އެކަމަކު އެހެން ފަރާތަކަށް ކްލިނިކް ހިންގަން ދޫކުރިޔަސް، ބަޔޯ ބިޒްއަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަން ސާބިތުނުވާ ކަމަށެވެ.

އެގޮތުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ކޯޓުން ކަނޑައެޅިޔަސް، އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ބަލައި، ހިސާބު ކުރެވޭނެ ކަމަށާއި އަދި މައްސަލަ ނިމޭ ގޮތަކުން އެމްއޭސީއެލް އިން ބަދަލު ދޭން ޖެހުނަސް، އެކަން ކުރުމުގެ ގާބިލްކަން ހުރިކަން އެމްއޭސީއެލްގެ ކިބައިގައި ހުރި ކަމަށް ބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އެތަން އެހެން ފަރާތަކަށް ދޫ ނުކުރަން ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.