Roadha Mihaaru
ޑައިރީ - 33

ޑައިރީ - 33

14 ސެޕްޓެމްބަރ 2024

ޒުހުދާ ފޯނު ބޭއްވީ ޝިއުނާ ކައިރީގައި އެވާހަކަ ކޮންމެވެސް ނުދައްކައްޗޭ ތަކުރާރުކޮށް ބުނަމުންނެވެ. އެއަށް ފަހު އޭނާއަށް ހިނިތުންވެލެވުނެވެ. އަޒީމާއަށް ނުހުރެވިގެން އެވާހަކަ ޝިއުނާ ކައިރީގައި ބުނާނީ ކޮންއިރަކުން ބާވައޭ ހިތަށް އެރީއެވެ.

ޒުހުދާ ފޯނު ބޭއްވީ ޝިއުނާ ކައިރީގައި އެވާހަކަ ކޮންމެވެސް ނުދައްކައްޗޭ ތަކުރާރުކޮށް ބުނަމުންނެވެ. އެއަށް ފަހު އޭނާއަށް ހިނިތުންވެލެވުނެވެ. އަޒީމާއަށް ނުހުރެވިގެން އެވާހަކަ ޝިއުނާ ކައިރީގައި ބުނާނީ ކޮންއިރަކުން ބާވައޭ ހިތަށް އެރީއެވެ.

އަޒީމާ ގުޅީ ނަޝީދުއަށެވެ. އޭނާއަށް ލިބުނު މައުލޫމާތު ހިއްޞާކުރީ ނުހަނު ކަންބޮޑުވެފައި އޮވެގެންނެވެ. "ތީގެ ތެރެއަށް ވަންނާނެ ކަމެއްނެތް... ކިހިނެއް އިނގެނީ ތިއީ ތެދެއްކަމެއް ވެސް؟" ނަޝީދު ބުންޏެވެ.

އަޒީމާ އެކަން ގަބޫލު ކުރިއެވެ. އެވާހަކަ ދައްކައިގެން އޭނާގެ އެކުވެރިޔާގެ ހިތް އިތުރަށް ނުތަނަވަސްވުން ނޫންގޮތެއް ނުވާނެކަން އޭނާއަށްވެސް އިނގެއެވެ. އެކަމަކުވެސް އޭނާ ޝިއުނާއަށް ގުޅާލިއެވެ. އޭރު ޝިއުނާ އުޅެނީ މެންދުރަށް ފޮނި ކާ އެއްޗެއް ހެދުމުގައެވެ.

"ކުރީމް ބުރުލޭ ހެދޭތޯ މިއުޅެނީ" ޝިއުނާ ބުނެދިނެވެ. އަދި މެންދުރު ކާން އަންނަން ދަޢުވަތު ދިނެވެ.

އެއީ އަޒީމާ ނަޝީދުމެން ގެއަށް ކާން ދާން އޮތް ދުވަހެކެވެ. އެދެމީހުންގެ ގުޅުމަށް ދެފަރާތުގެ އާއިލާއިން ރުހުން ލިބި މިހާރު ވަނީ ކައިވެންޏާއި ހަމައަށް ދިޔުމުގެ މަރުހަލާގައެވެ. އަޒިމާ އެހެން ބުނެލިއެވެ. "އެހެންވިއްޔާ މިރޭ އާދޭ... ބަހައްޓާނަން" ޝިއުނާ ބުނެލިއެވެ.

***

ހުކުރުން ފައިބައިގެން އައިސް ކާން އިށީނދެފައި ފޯނު ބަލައިލިއިރު ޒުހުދާ ފޮޓޮއެއް ފޮނުވާފައި އޮތެވެ. ގުރޭޝާގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ތަނެވެ. އެ ފޮޓޯ އޭނާއާއި ޖެހިގެންއިން ހާދީއަށް ފެނުމުން "ތިޔޯ" އޭ އަހާލިއެވެ.

"ސައިކަލުން ވެއްޓި އުޅަނބޮށި މަށާލާފައި" ޒިލާލު ބުނެދިނެވެ.

އެވަގުތު އޭނާގެ އަނެއް ފަރާތުގައި އިށީނދެގެން އިން މޯޑު އެއީ ބިޓު ތޯ ސުވާލު ކުރިއެވެ. ޒިލާލު އާނއެކޭ ބުނެލިއެވެ. އަދި ގުރޭޝާއާއި ބެހޭ މައުލޫމާތު ކިޔައިދިނެވެ.

އެދުވަހު ހެނދުނު ހޭލެވުނީއްސުރެ ޒިލާލުއަށް ވިސްނެމުން ދިޔައީ ގުރޭޝާއާއި މެދުގައެވެ. އޭނާއަށް ގުޅާލާފައި ހާލު ބަލަންވެސް ޒިލާލުގެ ހިތް އެދުނެވެ. އެކަމަކު އެހާ ދުރުގައި ހުރެގެން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކުމަކީ އެހާ ބުއްދިވެރިކަމެއް ނޫނޭ ހިތް ބުނާތީ އެކަން ނުކުރާން ނިންމީއެވެ.

އެހެންނަމަވެސް ޒިލާލު މިހާރު މުޅިން ނިންމައިފިއެވެ. މިދަތުރު ނިންމާފައި ރަށަށް ދާގޮތަށް ގުރޭޝާއާއި އޭނާއާއި އޮތް ގުޅުން މިހާރު އޮތް ހިސާބުން ނަގައިގެން އަލުން ކުރިއަށް ގެންދާށެވެ. ކުރިންވެސް ރާވާފައިވާގޮތަށް މިއަހަރު ނިމުމުގެ ކުރިން ކައިވެންޏާއިގެން ކުރިއަށް ދާށެވެ. ގުރޭޝާއާއި އެކީގައި ދިރިއުޅެން ޒިލާލު ގެންނަން ޖެހޭނީ ކުޑަކުޑަ ބަދަލެކެވެ. އެއީ ވަޒީފާ އަދާކުރަން ރަށުގައި ހުރުމެވެ. އޭނާ މިހާރު ވިސްނަމުން ދިޔައީ މުބީން ކައިރީ ބުނެގެން ދާއިމީކޮށް ރިސޯޓަށް މަސްވިއްކަން ފެށުމަށެވެ. އެ ޕުލޭން ކުރިއަށް ނުގޮސްފިއްޔާ އޭނާގެ ބައްޕައާއިއެކީ ކަންނެތްޔަށް ދާށެވެ. ގުރޭޝާއާއި އެކީ އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެނާގެ ކައިރީ އެއްފަސްގަޑެއްގައި ހުރެގެންކަން ޒިލާލުއަށް ވިސްނެއެވެ.

***

ޝިއުނާ ޑައިރީ ކިޔަން ކިތަންމެ ބޭނުންވިއަސް އޭނާއަކަށް މެންދުރުފަހު ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ. އޭނާ މިހާރަކަށް އައިސް އަބަދު ކޮޓަރީގައި އޮންނާތީ އެކަމާ ކަންބޮޑުވެގެން އޭނާގެ މަންމަ އެވާހަކަ ދެއްކީ އެދުވަހު ހެނދުނުއެވެ. ހައިޝަމް ރުޅިވީމާ އެކަމާ ހިތާމަ ކުރީކަމަށް އޭނާގެ މަންމައަށް ގަބޫލުކުރެވުނީއެވެ.

"ނޫން މަންމާ، ހައިޝަމްއާއި ދޭތެރޭ ވިސްނަން ނުޖެހޭތީ ވަރަށް ބޮލަށް ފަސޭހަ" ޝިއުނާ ބުނެދިނެވެ.

އެހެންނަމަވެސް އެއީ އަކީ މުޅިއަކުން ތެދެއް ނޫނެވެ. ހަގީގަތުގައި އޭނާ ހައިޝަމް ދޫކޮށްލީ ޒިލާލު އޭނާގެ ހަޔާތައް އަންނާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެކަމަކު ޒިލާލުގެ ފަރާތުން އެ ޝައުގުވެރިކަން ނުފެނުމުން އޭނާއަށް ވަރަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފަށައިފިއެވެ. އޭނާ ދެން އުއްމީދުކުރީ ހައިޝަމްއާއި ކުރިންވެސް ކުނި ޖެހިފައި އަލުން ރަނގަޅުވާ ފައިދައިން މިފަހަރުވެސް ރަނގަޅުވާނެ ކަމަށެވެ. ދެދުވަހެއް ވަރު ކޮށްލާފައި އޭނާ ސޮރީއޭ ބުނަން ގުޅާނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެވެސް އެއްވެސް ޚަބަރެއް ނުވާތީ ޝިއުނާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ޝިއުނާއަށް ކުރަމުންދާ އަސަރު ވަންހަނާ ކުރުމަށްޓަކައި އެދުވަހު ހަވީރު އޭނާގެ މަންމައާއި އެކީގައި ބޭރަށްވެސް ނުކުތެވެ. މަންމަ ފަރާތު ތިމާގެ މީހެއްގެ ގެއަކަށް ޒިޔާރަތްކޮށްފައި ދެން ދިޔައީ އޭނާގެ ބޮޑުދައިތަ ގެއަށެވެ. ޝިއުނާ ކުރި ދަތުރާއި ބެހޭގޮތުން އޭނާގެ ބޮޑުދައިތަ ވާހަކަ ދައްކަން ފެށީމާ އޭނާގެ ފޯނުގައި ހުރި ފޮޓޯތައް ހާވަފައި މަންމަގޭގެ ފޮޓޯ ދައްކާލަމުން އެގެ ހީވަނީ ހިންދީ ފިލްމުތަކުން ފެންނަކަހަލަ ބިރުވެރި ގެއެއް ހެންނޭ ބުނެލިއެވެ.

"ދައްތައަށްވެސް މަންމައާއި ވާހަކަ ދެއްކުނީ އެންމެ ފަހަރަކު ކަންނޭގެ" އޭނާގެ ބޮޑުދައިތަ އެހަނދާން އާކޮށްފައި ކިޔައިދޭންފެށިއެވެ. "އެއްރޭ ބައްޕަ ގުޅާފައި ބުނީ މިރަށުން މީހަކާ އިންނާށޭ މިއުޅެނީ.. މިއައީ ރަންކިޔާފައޭ.. މިހިރީއޭ އިންނަން އުޅޭ ކުއްޖާ.. ފަރީޝާ ކިޔާފައި މަންމައަތަށް ފޯނު ދިނީ"

"އެހެންތަ" ޝިއުނާއަށް އެވާހަކައަށް ވަރަށް ޝައުގުވެރިވެވުނެވެ.

" މާ ބޮޑު ވާހަކައެއް ނުދައްކާ.. ހީވަނީ ވަރަށް ލަދުންހެން ހުރީ.. ދައްތަ ހާލު ކިހިނެތްހޭ އެހީމާ ރަނގަޅޭ ބުނީ.. ދެން ދައްތަ ބުނިން ވަރަށް އުފާވެއްޖެއޭ... ވަރަށް އަވަހަށް ދިމާވާނެ ކަމަށް އުއްމީދު ކުރަމޭ"

ބޮޑުދައިތަ އެވާހަކަ ކިޔައިދެމުން ދިޔައިރު އެޑައިރީގެ ވާހަކަ ބުނަން ޝިއުނާ ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ މަންމަ ކައިރީގައި އިނީމާ އެވާހަކަ ބުނާކަށް ނުކެރުނެވެ.

އެރޭ ޝިއުނާއަށް ނިދަން ވަދެވުނުއިރު ރޭގަނޑު އެގާރަވެސް ޖަހައިފިއެވެ. އޭނާ ކޮޓަރި ތަޅުލާފައި ޑައިރީ ހުޅުވާލިއެވެ.

އެންމެފަހުން އޭނާ ކީ ބަޔާއި ޖެހިގެން ދެންއޮތީ ހުސްގަނޑެކެވެ. އެއަށްފަހު އޭގެ ހަތަރު ދުވަސް ފަހުގެ ތާރީޚެއް ޖަހާފައި ލިޔެފައި އޮތެވެ.

" މިދިޔަ ދެތިން ދުވަސް މިދިޔައީ ހަމަ ވަރަށް އަވަދިނެތިއެވެ. އަހަންނަށް ލިޔާނެ ވަގުތުކޮޅެއްވެސް ނުލިބުނެވެ. އާއެކެވެ. އަހަންނާއި ހަނީފުއާއި ރައްޓެހިވެގެން މާފޮޅުވަން ފެށީއެވެ. ރޭގަނޑުގެ ގަޑީގައިވެސް ބައްޕައަށް ވަގަށްވެސް އަހަރެން އޭނާއާއި ބައްދަލު ކުރަން ދާން ފެށީމެވެ.

ހަނީފުއަށް އެންމެ ފުރަތަމައިނުންވެސް އަހަރެން ކިޔައިދިނީ ޖިންނި ޝައިތޯނުންގެ ކިބައިން ސަލާމަތް ވާނެ ގޮތްތަކެވެ. ގުރުޢާންގެ އާޔަތްތަކާއި، އެކަންކަމާއި ގުޅޭ ދުޢާތަކެވެ. އެއީ މަންމަ ދުނިޔޭގައި އަހަންނަށް ދަސްކޮށްދީފައިވާ އެއްޗެއްސެވެ. އެންމެ މުހިއްމު ކަމަކީ ފަސްވަގުތު ނާޅާ ނަމާދުކުރުން ކަމުގައި އަހަރެން ބުނިފަހުން ހަނީފު ފަތިސް ނަމާދުގެ ޖަމާއަތަށްވެސް ދާންފެށިއެވެ. ހަނީފުއަށް ކޮންމެ ވަގުތަކުވެސް މިސްކިތުން ބައްޕައާއި ދިމާވާ ވާހަކަ ބުނެއެވެ. ބައެއް ފަހަރަށް އޭނާއާއި ވާހަކަ ދައްކާ ބަލި ރަނގަޅުތޯ ސުވާލުކޮށް ހަދާކަމަށްވެއެވެ."

އެހިސާބަށް ލިޔެފައި ދެން އޮތީ ބުރެކެޓެއްގެ ތެރޭގައި އެ ބައްދަލުވުން ތަކުގެ ތަފްސީލު ފަހުން ލިޔަން .. މިހެން ލިޔެލާފައެވެ.

އެތަން ކިޔާލާފައި ޝިއުނާ ހިނިތުންވެލިއެވެ. މަންމައަކީ މޮޅު ވާހަކަ ލިޔުންތެރިއެކޭ އޭނާއަށް ހިތާހިތުން ބުނެލެވުނެވެ. ޖެހިގެން އޮތް ދެ ގަނޑުވެސް އޮތީ ހުހަށެވެ. ދެން އޮތް ގަނޑުގައި އޭގެ ފަހުގެ ތާރީޚެއް ޖަހާފައި ފުރެންދެން ލިޔެފައި އޮތެވެ.

"މިރޭ އަހަރުމެން ތުނޑީގައި ތަންކޮޅެއް ގިނައިރު ތިބީ ބައްޕަ ކައިރިއަށް ބަލި މީހަކު ގެނެސްފައި އޮތީމާ ބައްޕަގެ ކިޔެވެލި ކިޔެވުން އެތައް އިރަކަށް ދިގުދެމިގެން ދާނެކަން އެނގޭތީއެވެ. އެއީ ހަނދުވަރު ރީތި ރެއެއްކަމުން އަހަރުމެން ދެމީހުން ގެއާއި ދިމާލަށް މިސްރާބު ޖެހީ ކުރުމަގުން، ވަލުން ލާފައެވެ. ދެމީހުން އަތުގުޅައިގެން ގޮސް ނުކުމެވުނީ ބައްޕަގެ ކުރިމައްޗަށެވެ. އެވަގުތު އަހަރެން އަވަހަށް ހަނީފުގެ އަތުން ދޫކޮށްލީމެވެ. އެވަގުތު ބައްޕަ ވަރަށް ބާރަށް ފަރީޝާއޭ ކިޔާފައި ގޮވާލިއެވެ. އަހަރެން ހަނީފު ކައިރީ އަވަހަށް މިތަނުން ދާށޭ ބުނީމާ ހަނީފު އަވަސް އަވަހަށް ގަސްތަކުތެރެއަށް ވަދެގެން ދިޔައެވެ.

ބައްޕަ އެއައި ގޮތަށް އައިސް އަހަރެންގެ އަތުގައި ހިފައިގެން ދަމާފައި ގެންގޮސް ކޮޓަރިއަށް ލިއެވެ. މިކޮޓަރިން ނުކުމެގެން ނުވާނެކަމަށް ބުނެފައެވެ. އަހަންނަށް އެހަތަރު ފާރުން ބޭރަށް ނުކުމެވޭނީ އެމީހާ މިރަށުން ފުރައިގެން ދިޔަ ދުވަހަކުން ކަމުގައި ބުންޏެވެ. އޭގެ ކުރިން ނުކުމެއްޖިއްޔާ އެމީހާގެ ދުވަސް ދުއްވާލާނަން ކަމުގައިވެސް ބުނެލިއެވެ.

ކޮޓަރި ދޮށުގައި ފާރަވެރިން ތިބޭނެ ކަމަށާއި އަހަންނަށް ވަގަކަށް އެއްކަމެއްވެސް ނުކުރެވޭނެކަން ހަނދާން ކޮށްދީފައި ދޮރުލެއްޕިއެވެ. އެއީ ތެދެކެވެ. އަހަރެން އުޅޭ ނޫޅޭގޮތުގެ މައުލޫމާތު ބަރާބަރަށް ބައްޕައަށް އެނގެއެވެ. އަހަރެން ހަނީފުއާއި ވަގަށް ބައްދަލުކުރާތާ ހަފްތާއެއް ވެގެން ދިޔައިރު ބައްޕަ އެއްޗެއް ނުބުނީތީ އަހަރެން ނިންމައިގެން ހުރީ ބައްޕަ އެކަމާ ރުހިގަބޫލު ވީކަމަށެވެ.

ކޮންމެއަކަސް، ހަނީފުއަށް ދެރަގޮތެއްވާން ނޭދޭތީ ބައްޕަގެ ބަސް އަހައިގެން ކޮޓަރީގައި އިންނަން ނިންމީމެވެ. އެއް އަހަރުފަހުން ، ހަނީފު ދަތުރުކޮށްފައި އެނބުރި އަންނަންދެން ބައްޕަގެ ހިތް ރުއްސައިގެން އުޅޭނީއެވެ. ހަނީފު މާލެއައުމުން ބައްޕަ ގަބޫލު ނުވެއްޖިއްޔާ ވަގަށް ނަމަވެސް އަހަރެން މާލެ ދާނީއެވެ.

ދެން ހަނީފުއާއި ބައްދަލު ނުކުރެވޭނެކަން ހިތަށް އަރާފައި އަހަރެން ވަރަށް ދެރަވާންފެށިއެވެ. އަހަންނަކަށް ނުވެސް ކެވެއެވެ. އެކަމަކު އަހަންނަށް އެއްވެސް އަސަރެއްކޮށްފައިވާ ކަމެއް ބައްޕައަކަށް ދައްކާކަށް ބޭނުމެއްނޫނޭވެ. އެހެންކަމުން ބައްޕަ ކުރިމަތީގައި ގަދަކަމުން އެތިކޮޅެއް އަނގަޔަށްލާފައި ކޮންމެފަހަރުވެސް ކާ އެއްޗެތި ގެންގޮސް ބުޅަލަށް ދެނީއެވެ.

އަހަރެން ގިފިއްޔަށް ދާންވެސް އެކަނި ނުނިކުންނަމެވެ. ކޮންމެ ފަހަރަކުވެސް ގޮވަނީ ބައްޕައަށެވެ. އެއީ އަސްލު ބައްޕައަށް ޖެއްސުމަށެވެ. ދެވަނަރޭ ދަންވަރު އަހަރެންނަށް ހޭލެވުނީ މޭނުބައިކޮށްގެންނެވެ. އަހަރެން ބައްޕައަށް ގޮވީމެވެ. އަހަރެން ގިފިއްޔަށް ވަދެ ވަރަށް ބޮޑަށް އޯކަށް ދެމެވުނަސް ބަނޑުގައި އެކައްޗެއްވެސް ނެތީމާ ހޮޑެއް ނުލެވުނެވެ.

އަހަރެން ދާހިތްލާފައި ހުރިވަރު ބައްޕައަށް ފެނުނީ ގޭތެރޭއަށް ފާނޫޒުގެ އަލިވާ ހިސާބަށް އާދެވުނީމައެވެ. އެވަގުތު ދަރިފުޅު ބަލިވީތޯ ބައްޕަ އަހާލީ ވަރަށް ކަންބޮޑުވެފައި ހުރެގެންނެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ފެންބަނޑިޔަލުން ފެންތައްޓެއް ނަގައިގެން ބޯން ހުރިއިރުވެސް އަހަރެންގެ އަތް ތުރުތުރު އަޅައެވެ. ފެން ބޮއެ ނިމުނު ތަނާ ހޮޑު އަންނަހެން ހީވެގެން އަހަރެން ދުވެފައިގޮސް ގިފިއްޔަށް ވަދެވުނީ ހަމަ ކިރިޔާއެވެ. އަހަރެން ހޮޑުލާ ނިމުމު އިރު ބައްޕަ ހުރީ ކައިރީގައެވެ. ވަޅުން ފެންނަގައިދީ ،އެތަނަށް ފެންޖަހާ ސާފުކޮށްފައި އަހަރެންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ބައްޕަ ހިނގައިގަތެވެ. ކޮޓަރިއާއި ހަމައަށް ދެވުނު އިރު އަހަރެންގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

އަހަރެން ކޮޓަރިއަށް ވަނީމާ ފަހަތުން ބައްޕައައެވެ. ތިހެން ނުކައި ނުބޮއެ އުޅުނީމާ ގެއްލުންވާނީ ކާކަކަށްތޯ ސުވާލުކުރިއެވެ.

އަހަރެން ދެލޯ ފޮހެލިތަން ދެކިފައި ތިފާޑަށް ތިއުޅެނީ ބައްޕަ ޚީޔާލު ބަދަލުވާނެ ކަމަށް ހެއްޔޭ އެއްސެވެ. ދަރިފުޅު ނުކައިނުބޮއެ ތިހެން އިނދެ ވާތާ ވެގެން ދެމުނަސް ހަނީފު މިރަށުން ފުރި ދުވަހަކުން ނޫނީ މިތަނުން ބޭރަކަށް ނުނިކުމެވޭނެ އޭ ބުނެލިއެވެ.

އެވަގުތު އަހަރެން ވަރަށް ދެރަވިއެވެ. ބައްޕަ ދިޔައީ ފަހީމްއަށް ވީގޮތް މިހާރު ހަނދާން ނެތުނީހޭ ބުނެ އަހަންނަށް ބިރުދައްކާފައެވެ.

އަހަރެން ހަނީފުއަށް ނޯޓެއް ލިޔުނީމެވެ. އަހަރުމެން ދެމީހުންގެ މިގުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށާއި ދެން އެންމެ ރަނގަޅުވާނީ ވީހާވެސް އަވަހަކަށް ހަނީފު މިރަށުން ދިޔައިއްޔާ ކަމުގައި ލިޔުނީމެވެ." -- ނުނިމޭ --