Roadha Mihaaru
ޑައިރީ - 32

ޑައިރީ - 32

11 ސެޕްޓެމްބަރ 2024

"އެހެންތަ؟" ޒިލާލު ނޭނގޭ ކަމަށް ހަދާލާފައި ލިޔެލިއެވެ. އޭނާގެ މަންމަ ޖިންނިއާ ރައްޓެހިވާ ހިސާބުން ދެން ޝިއުނާ ބުނާނީ ކީކޭ ބާވައޭ ޒިލާލުގެ ހިތަށް އެރިއެވެ. ޝިއުނާއަށް ގުޅަން އޭނާގެ ހިތް އެދުނެވެ. އެހެންނަމަވެސް އޭނާ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ ޝިއުނާއަށް ކިތަންމެ ހިތް ކިޔަސް ޝިއުނާ އޭނާއާއި ދޭތެރޭ އެގޮތަކަށް ނުދެކޭ ވިއްޔާއެވެ.

"އެހެންތަ؟" ޒިލާލު ނޭނގޭ ކަމަށް ހަދާލާފައި ލިޔެލިއެވެ. އޭނާގެ މަންމަ ޖިންނިއާ ރައްޓެހިވާ ހިސާބުން ދެން ޝިއުނާ ބުނާނީ ކީކޭ ބާވައޭ ޒިލާލުގެ ހިތަށް އެރިއެވެ. ޝިއުނާއަށް ގުޅަން އޭނާގެ ހިތް އެދުނެވެ. އެހެންނަމަވެސް އޭނާ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ ޝިއުނާއަށް ކިތަންމެ ހިތް ކިޔަސް ޝިއުނާ އޭނާއާއި ދޭތެރޭ އެގޮތަކަށް ނުދެކޭ ވިއްޔާއެވެ.

"ޒިލާ!" އޭނާގެ ކުރިމަތީގައި އިން ހާދީ ގޮވާލިއެވެ. އަދި ފޯނު ބާއްވާފައި ކުޅެބަލާށޭ އޭނާ ބުނެލިއެވެ. އޭރު އެމީހުން ކެރަމް ކުޅެމުން ދިޔައީ ބަޔަށެވެ. އެގަނޑު ނިންމާލާފައި އެހެންމީހަކަށް ޖާގަ ދެމުން ޒިލާލު ތެދުވިއެވެ. އޭނާ އެގޭތެރެއިން ބޭރަށް ނުކުތެވެ. ހިނގަމުން ހިނގަމުން ގޮސް ތަންކޮޅެއް ދުރުގައި ހުރި ފިހާރައެއްގެ ގާގަނޑު މަތީގައި ޖައްސާލިއެވެ. އޭރުވެސް އޭނާ އިނީ އުނދަގޫވެފައެވެ. އެބައި ކިޔަން ފެށުމުން ދެން ޝިއުނާގެ ހިތަށް އަރާނެ އެއްޗަކާއިމެދު ހަމަ ވިސްނެނީއެވެ. އޭނާ ފޯނުގައިވާ ގަޑިއަށް ބަލައިލިއެވެ. އޭރު އެގާރަ ޖަހަން ވިއްސައް ވެއްޖެއެވެ. އޭނާ ޝިއުނާއަށް ގުޅަން އަނެއްކާވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އެގަޑީގައި އޭނާ ވަނީ ހައިޝަމްއާއި އެކީގައި ކަންނޭނގެއޭ ހިތަށް އެރިއެވެ. އެންމެ ފަހުން އޭނާ ގުޅީ އޭނާގެ ކޮއްކޮ އަށެވެ.

ޒިލާލު ގުޅި އިރު ޒުހުދާ އޮތީ ނިދަން އޮށޯވެއެވެ. ހާދަ ލަހުން ތިގުޅީ ކިހިނެތްވީތޯ ޒުހުދާ ސުވާލު ކުރިއެވެ. ޚިތާނުކޮށްގެން އުޅޭ ގޭގައި ފޯރިގަދަކަމުން ގުޅާލަން ވަގުތު ނުވަނީކަމުގައި އޭނާ ބުނެލިއެވެ. އަދި އެގޭގައި ނަގާ މަޖަލުގެ ވާހަކަ ކުރުކޮށް ކިޔައިދިނެވެ. އެހުރިހާ ވާހަކައެއް ދައްކާފައި ޝިއުނާގެ ޚަބަރެއްވިތޯ ސުވާލު ކޮށްލިއެވެ.

"ހޫމް އަނެއްކާވެސް އެހެން އަހަންވެގެން ދޯ ތިގުޅީ.." ޒުހުދާ ދިމާކޮށްލިއެވެ. އަދި އޭނާއަށް ޚަބަރެއް ނުވާކަމުގައި ބުނެލިއެވެ.

"ބަލަ ބޭބެ އެއްނޫންތަ ބުނީ މާލޭ މީހުންގެ ގޮތަކީ އެއީއޭ... މިހާ އަވަހަށް ހަނދާން ނެތުނީތަ؟"

ޒުހުދާ އެފެށީ ގުރޭޝާގެ ވާހަކަ ކަން އޭނާއަށް އިނގުނެވެ. އަހަރެން ހީކުރީ ޝިއުނާ ތަފާތު ވާނެކަމަށް.. އެއީ މުޅިން މާލޭ މީހެއްނޫނެއްނު.. އެއްފަޅި އަހަރުމެންގެ އަތޮޅު...

"ބޭބެ އަދިވެސް ތިއުޅެނީ ޝިއުނާ ރަނގަޅު ކުރަންދޯ" ޒިލާލުގެ ވާހަކަ ނުނިމެނީސް ޒުހުދާ ބުނެލިއެވެ.

އޭނާގެ ބޭބެ ކިތަންމެ ނޫން ކަމަށް ހެދުނަސް ޝިއުނާގެ ސަބަބުން އޭނާއަށް ވަރަށް އަސަރުކޮށްފިކަން ޒުހުދާއަށް ވިސްނުނެވެ. އަނެއްފަހަރު އޭނާގެ ބޭބެގެ ހިތްހަލާކުވާކަށް ޒުހުދާ ބޭނުމެއްނޫނެވެ. އެއްޗެކޭ ކިޔާފައި މާލެއިން ވަޒީފާ ހޯދަން ދިޔައީވެސް ދެވަނަ ދެކަމަކު ނޫންކަން ޒުހުދާއަށް ޔަގީންވެގެންދިޔައެވެ.

"ޒުހޫ ބުނެފީމެއްނު ބޭބެ ޝިއުނާއާއި ދޭތެރޭ ނުވިސްނާށޭ!... އަނެއްކާ ދެރަވުން ނޫން......."

"މަ ނުވިސްނަމޭ އެގޮތަކަށް.. ޒުހޫއަށް ގުޅިތޯ އަހާލީއޭ ހަމަ " ޒުހުދާގެ ވާހަކަ މެދުކަނޑާލަމުން ޒިލާލު ފެށިއެވެ.

"ގުރޭޝާ އެބައުޅޭ އިއްޔެ ސައިކަލުން ވެއްޓިގެން.. މުޅި އުޅަނބޮށި އެއްކޮށް މަށާލައިގެން" އެހިސާބުން ޒުހުދާވެސް ވާހަކަ ބަދަލު ކޮށްލިއެވެ.

"އެހެންތަ... ސައިކަލަށް އަރާތީއެއްނު ވެއްޓެނީ" އެވާހަކަ އަޑުއަހާކަށް ޒިލާލު ބޭނުމެއްނުވިއެވެ. ޒިލާލު އެހާ ކުރުކޮށް ޖަވާބު ދީފައި ނިންމާލީތީ ޝިއުނާ ވަރަށް ދެރަވިއެވެ. އޭނާއަށް ގުޅާފައި ކަމަކާ ހިތްހަމަ ނުޖެހިފައިތޯ ތިހިރީ އަހަންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާއަކަށް ނުކެރުނެވެ. ފޯނު އަތަށްލައިގެން ޒިލާލުއާއި ގުޅާނެ ހިތްވަރު ލިބޭތޯ ބަލަން އޭނާއަށް އެތައް އިރަކު އޮވެވުނެވެ.

އެންމެފަހުން، އެޚިޔާލު ދޫކޮށްލާފައި އޭނާގެ އެކުވެރި ނަތާއަށް ގުޅާލިއެވެ. އޭނައާއި ނަތާއާއި ދެމީހުންގެ ގުޅުންވެސް ވަނީ ކުރިއަށްވުރެ ދުރުވެފައެވެ. އެއީ ނަތާ ޔުނިވާސިޓީގައި ބީޒީ ކަމުން އެކަންޏެއްވެސް ނޫނޭވެ. ޒިލާލުގެ ވާހަކަ އޭނާ ނަތާއާއި ވެސް ހިއްސާ ކުރަން އަދި ބޭނުންނުވާތީއެވެ. ހައިޝަމްއާއި ރުޅިވި ވާހަކަ ދައްކާފައި ނަތާ އޭނާއަށް ވަރަށް ތަޢުރީފު ކުރިއެވެ. އެހިސާބުން އޭނާގެ މަންމަ ލިޔެފައިވާ ޑައިރީއެއް ފެނުނު ވާހަކައާއި އެއިން މިހާ ހިސާބަށް ކިޔުނު ބައިގައި ވާ މައުލޫމާތު ޝިއުނާ ކިޔައިދިނެވެ.

"އޯ ވަވް.. ދަޓްސް ރިއަލީ ރޮމޭންޓިކް" ނަތާ ބުނެލިއެވެ. އަދި ޝިއު ބައްޕައަށް އަދިވެސް އޭނާގެ މަންމަ މިސްވާނެބާވައޭ ހިތަށް އަރައިފިކަމަށް ބުނެލިއެވެ.

"ނޭނގެދޯ... ވާނެ ތިވާހަކަ އަހާލަން ކޮންމެވެސް ވަގުތަކުން" ޝިއުނާ ބުނެލިއެވެ.

ނަތާޝާއާއި ވާހަކަ ދައްކާލެވުމުންވެސް ޝިއުނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއްލިބުނެވެ. ނަތާ ފޯނު ނިންމާލީ ޑައިރީ ކިޔަމުން ދާވަރަކަށް އޭ

ނާއަށް އަޕްޑޭޓް ކޮށްދެއްޗޭ ބުނެފައެވެ. އެހިސާބުން އަނެއްކާވެސް ޝިއުނާ އެފޮތް ނަގައިގެން ކިޔަންފެށިއެވެ.

"އަހަރެން އެންމެ އުފާވީ ހަނީފު އަހަރެން ދެކެ ލޯބިވާކަމަށް ބުނީމައެވެ. އެއީ އަހަރުމެން ދެމީހުންގެ ލޯބީގެ ގުޅުމުގެ ފެށުމެވެ. ހަނީފުއަކީ ކާކުކަން އަހަންނަށް ކިޔައިދިނެވެ. އޭނާއަކީ މާލޭ މީހެކެވެ. އޭނާގެ އާއިލާގައި ތިބެނީ ދޮށީ ދައްތައަކާއި މަންމަ އެކަންޏެވެ. އޭނާ ބޯޓު ދަތުރު ކުރަން އުޅޭތާ މިއީ ހަތަރު ވަނަ އަހަރުކަމަށްވެސް އޭނާ ބުނެދިނެވެ. އޭނާ ނިންމައިގެން ހުރީ ފަސްއަހަރު މަސައްކަތްކޮށްފައި ލާރި ހޯދައިގެން އެނބުރިއައިސް ދިރިއުޅުމެއް ފަށަން ކަމުގައި އޭނާ ކިޔައިދިނެވެ. މިފަހަރު ޗުއްޓީއަށް އައީ އޭނާ އިންނާނެ މީހަކު ހޯދަން މަސައްކަތްކުރަން ހިތަށް އަރުވައިގެންކަމަށްވެސް އޭނާ ބުނެލިއެވެ. "މާކަ ބޮޑު ތަކުލީފަކާއި ނުލާ މިއޮއް ލިބުނީއެއްނު ދޯ" އޭނާ އަހަރެން ގާތް ކޮށްލަމުން އެހެން ބުނުމުން އަހަރެން ވަރަށް އުފާވިއެވެ.

ހަގީގަތުގައި އަހަރެން މިހާރު މިރަށުގައި އުޅޭކަށް ބޭނުމެއް ނޫނެވެ. ހަނީފުއާއި އިނދެފިއްޔާ އަހަންނަށް މާލޭގައި ދިރިއުޅެވޭނެއެވެ. އެއީ އަހަރެން އެންމެ ބޭނުންގޮތެވެ. "ފަރީ މަށާ އިންނާނަންދޯ؟" އަހަރެން ވިސްނަން އިންދާ އޭނާބުނެލިއެވެ. އަހަރެން އާނއެކޭ ބުނީމެވެ.

ހަނީފުގެ ވިސްނުމުގައި ހުރީ އަދި އެއްއަހަރު ދަތުރު ކުރަން އުޅެފައި އެނބުރި އައިސް އަހަންނާއި ކައިވެނިކޮށްގެން މާލެ ގެންދާށެވެ. އޭނާ ދެއްކި ހުރިހާ ވާހަކައަކަށް އަހަރެން އާނއެކޭ ބުނެ އެއްބަސްވީމެވެ. އެވަގުތު އަނެއްކާ ބައްޕަ ގަބޫލު ވާނެތޯ އޭނާ އަހާލިއެވެ. އަހަންނަކަށްވެސް އެޔެއް ބުނާކަށް ނޭނގެއެވެ. އެހެންނަމަވެސް އަހަރެން އާނއެކޭ ބުނީމެވެ. ބައްޕައާއި އެވާހަކަ ދައްކާނީ ވަގުތު ޖެހުނީމާކަމަށް ނިންމަމުންނެވެ.

އެހިސާބުން އަހަރެންގެ އާއިލާއާއި ބޭހޭގޮތުން ކިޔައިދިނީމެވެ. އަހަރެންގެ ބައްޕައަކީ ރ.އަތޮޅު މީހެކެވެ. މިރަށަށް އައީ ކާފަގެ ރައްޓެހިކަމުގައެވެ. ކާފަ ނިޔާވުމުން ބައްޕަ، މަންމައާއި އިނދެގެން މިރަށުގައި ދިރިއުޅެން ފެށީއެވެ. އަހަރެން ކުޑައިރު ބައްޕަ ވަރަށް ރަށުގައި ނޫޅޭނެއެވެ. އަހަރެންގެ އުމުރުން ތޭރަ އަހަރުގައި ވަރަށް ކުއްލިގޮތަކަށް މަންމަ ނިޔާވީއެވެ. އޭގެ ފަހުން މިއުޅެނީ އަހަންނާއި ބައްޕައާއި އެކަނި ކަމުގައި އަހަރެން ހަނީފުއަށް ކިޔައިދިނީމެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަނީ އަހަރެންނޭ ބުނުމުން ބައްޕަ ގެންގުޅޭ ޖިންނިންނެއް ކައްކާ ކަންތައް ކޮށް ނުދޭތޯ ހަނީފު ސުވާލު ކުރިއެވެ. އޭނާ އެހެންއެހީ މަޖަލަކަށް ހަދާފައި ކަމަކު އަހަރެން ތެދަށް އެވާހަކަ ކިޔައިދޭން ބޭނުންނުވީ ހަނީފު ބިރުގަނެފާނެތީއެވެ. ކައްކާ ކަންތައް ކޮށްނުދިނަސް ވަލުން ކާށި ހޮވައިގެން ގެނައުމާއި އެކަހަލަ ކަންތަކުގައި އެސޮރުމެން ވަރަށް އެހީތެރި ވެދެއެވެ. އެހެންނަމަވެސް ހަނީފުކައިރީގައި އެއީ ހުސް ފުލޯކު ވާހަކަ ކަމުގައި އަހަރެން ބުނީމެވެ.

އަހަރުމެން ދެމީހުން އިރުއޮއްސެންދެން އެތާނގައި ތިބީމެވެ. އެއަށްފަހު އަހަރެން ގެއަށް ދާން ހިނގައިގަތީ އިރުއޮއްސި އަނދިރިވުމަށްފަހު އަހަރެން ގެއިން ބޭރަށް ނުނިކުންނަމޭ ބުނަމުންނެވެ. އެޔާއިއެކީގައި އެއީ ކީއްވެތޯއާއި ޖިންނި ދެކެ ބިރުގަންނަނީތޯ ހަނީފު އަހާލިއެވެ. އަހަރެން އެސޮރުމެންދެކެ ބިރު ނުގަންނަކަމަށާއި އެސޮރުމެންނަކަށް އަހަންނަށް ކަމެއް ކުރާކަށް ނުކެރޭނެކަމުގައި ބުނީމެވެ."

އެހިސާބަށް ކިޔާފައި އިތުރަށް ކުރިއަށް ދާން ޝިއުނާ ކުޑަކޮށް ޖެހިލުންވިއެވެ. އޭރު ދަންވަރު އެކެއް ޖަހައިފިއެވެ. އެހެންކަމުން އޭނާ ފޮތް ބާއްވާފައި ނިދޭތޯ ބެލިއެވެ.

***

ހުކުރު ދުވަހު ހެނދުނު އަޒީމާއަށް ހޭލެވުނީ ފޯނުވާ އަޑަށެވެ. އޭނާއަށް ގުޅީ ޒުހުދާއެވެ. އަޒީމާ ފޯނު ނެގިގޮތަށް ނަނގާފައި ހާދަ ހެނދުނަކާ ތިގުޅީ އަނެއްކާ ކިހިނެތްވީތޯ އަހާލިއެވެ.

" މިހާރު އެޔޮއް އަށްގަޑި ބައިވީ" ޒުހުދާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އަދި އޭނާ އެއުޅެނީ ފަސްގަޑި ބައިގައި ހޭލި ގޮތަށް ކަމަށް ބުނެލިއެވެ. ޒުހުދާ ގުޅީ ވަކިކަމެއްވެގެން ނޫންކަމަށާއި ހަމަ އަޒީމާމެންގެ ހާލު ބަލައިލަން ކަމުގައި ބުންޏެވެ.

އޭނާ ޝިއުނާ ކިހިނެތްތޯ އަހާލިއެވެ. އޭނާވެސް އެބައުޅެޔޭ މިހާރު ދެން އޯކޭއޭ އަޒީމާ ބުނެލިއެވެ.

"އިނގޭތަ އޭނާ މަންމަ ލިޔެފައި އޮތް ފޮތެއް ފެނުނުކަން؟" ޒުހުދާ އަހާލިއެވެ.

އަޒީމާއަށް އެކަން އިނގޭކަމުގައި ބުނެލިއެވެ. އަދި އެއީ ޑައިރީއެއްކަމާއި އޭގާއި ވަނީ ޝިއުގެ މަންމައާއި ބައްޕަ ރައްޓެހިވެގެން އުޅުނު ދުވަސްކޮޅުގެ ވާހަކަ ކަމުގައި އަޒީމާ ބުނެދިނެވެ. މިހާރު ޝިއުނާގެ ކަމަކީ ހުސްވަގުތެއް ވާއިރަށް އެފޮތް ކިޔުންކަމުގައި އަޒީމާ ކިޔައިދިނެވެ.

"އަސްލު އަހަރުމެންނަށް ވަރަށް އެހެންކަހަލަ ވާހަކައެއް އަޑު އިވިފައި އޮތީ... އެކަމަކު... އެފޮތުގައި ހިޔެއްނުވޭ އޮންނާނެ ހެނެއް" ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފަހު ޒުހުދާ ބުނެލިއެވެ. އަދި ޝިއުނާގެ ބައްޕަ އޭނާ މިކޮޅަށް އަޔަ ނުދޭން އުޅުނީ އެވާހަކަތައް އަޑު އިވިދާނެތީ ކަމަށްވެސް ވެދާނެއޭ ޒުހުދާ ބުނެލިއެވެ.

"އެވާހަކަތައް ކިޔައިދޭން ކަންނޭނގެ އޭނާގެ ކާފަ އުޅުނީ" ޒުހުދާ އިތުރުކޮށްލިއެވެ.

އެހިސާބުން އެއީ ކޮން ވާހަކައެއްތޯ އަޒީމާ އަހާލިއެވެ.

"އަހަރެން އަޒީމާއަށް ކިޔައިދީފާނަން .. އެކަމަކު ޝިއުނާ ކައިރީ ބުނެގެންނުވާނެ" ޒުހުދާ އެދުނެވެ.

އެޔާއިއެކު އަޒީމާ އެވާހަކަ ނުބުނާން ކަމަށް އެއްބަސްވިއެވެ. "ޝިއުނާގެ ކާފަ ހޮސްޕިޓަލުގައި ބާއްވާފައި އޮތްރޭ، އެތާނގައި ހުރި

މީހަކު ކިޔައިދިނީ.. ޝިއުނާގެ މަންމަ ވަނީ މަރާލެވިފައޭ!"

"އޭނ!؟" އަޒީމާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ވީގޮތަކީ ޝިއުނާގެ ބައްޕަ ކައިވެނިކޮށްފައި ފުރައިގެން ދިޔައީމާ މަންމަ އެހެންމީހަކާ ރައްޓެހިވީ... ބައްޕަ އެނބުރިއައިސްފައި އެކަން ފަޅާ އެރުމުން އައި ރުޅީގައި ޒުވާބުކޮށްފައި މަރާލީޔޯ... އަދި މަންމަގެ ހަށިގަނޑުވެސް ހަމަ އެރޭ ގެންގޮސް ކަނޑު ފެއްތީކަމަށް ވަނީ.. އެރަށު މީހުންނަކަށްވެސް ތަނެއް ދޮރެއް ނޭނގޭ..ޝިއުނާ ގޮވައިގެން ޝިއުނާގެ ބައްޕަ ފިލައިގެން މާލެ އައީ.."

އެވާހަކަ ތައް އަޑުއަހަމުން ގެންދިޔައިރު އަޒީމާގެ ގައިން ހީބިހި ނަގައިގެން ހިނގައްޖެއެވެ. އޭނާއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ޝިއުނާގެ ރައްޓެހިކަމުގައި އޭނާ އެގެއަށް ވަދެ އުޅެން ފެށީ ސްކޫލު އިރުއްސުރެންނެވެ. އޭނާގެ ބައްޕަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާގެ ޟަމީރު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރިއެވެ.

"އަހަންނަށްވެސް ގަބޫލެއް ނުކުރެވުނޭ...އެކަމަކު ޝިއުނާ ނުފޮނުވާން އުޅުނު ތަންކޮޅުން އެބަ އިނގޭދޯ ކޮންމެވެސް އާދަޔާ ޚިލާފުކަމެއް ހިނގާފައި ވާކަން؟" ޒުހުދާ ބުނެލިއެވެ.

އަޒީމާއަށްވެސް އެކަމާ އެއްބަސްވެވުނެވެ. ޒުހުދާ ފޯނު ބޭއްވީ ޝިއުނާ ކައިރީގައި އެވާހަކަ ކޮންމެސް ނުދައްކައްޗޭ ތަކުރާރުކޮށް ބުނަމުންނެވެ.

-- ނުނިމޭ --