Roadha Mihaaru
ވަގަށް ނެގި ފައިވާނަކުން ގައުމުގެ ހާލަތު!

ވަގަށް ނެގި ފައިވާނަކުން ގައުމުގެ ހާލަތު!

05 ނޮވެމްބަރ 2021

ފެށެނީ ކުޑަކުޑަ ކަމަކުންނެވެ. އެކަމަކު ފަހުން އެކަން ވަރަށް ބޮޑުވެގެން ދެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން، ފަހުން ގައުމީ މަސްލަހަތާ ވެސް ގުޅިގެން ދެ އެވެ؛ މިއީ އޭގެ ތެރެއިން އެއް ކަންތަކެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ފެށެނީ ކުޑަކުޑަ ކަމަކުންނެވެ. އެކަމަކު ފަހުން އެކަން ވަރަށް ބޮޑުވެގެން ދެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން، ފަހުން ގައުމީ މަސްލަހަތާ ވެސް ގުޅިގެން ދެ އެވެ؛ މިއީ އޭގެ ތެރެއިން އެއް ކަންތަކެވެ.

މަޖީދީމަގު ހީނާމާގޭ ޕާކިން ސަރަހައްދުގައި ހުންނަ މަޝްހޫރު ދެބުރި މިސްކިތް ކައިރީގައި ރޭ ދެ މީހަކު ތަޅައިގަނެގެން މީހުން އެއްވި އެވެ. އޭގެ ތެރެއިން އެކަކީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ލޭބަރެކެވެ. އަނެކަކީ، މާލެ ތެރެއިން އާންމުކޮށް ފެންނަ، ފަހަތުން ދަބަހެއް އަޅުވައިގެން އުޅޭ ޒުވާނުންގެ ތެރެއިން އެކަކެވެ.

ބަންގްލަދޭޝްގެ މަސައްކަތު މީހާ ރޭ މަޣްރިބު ނަމާދުން ފޭބިއިރު އޭނާގެ ފައިވާން ވަގަށް ނެގީ އެވެ. ދިވެހި ޒުވާނާގެ މައްޗަށް އެ ތުހުމަތު ދިޔައީ އެވެ. އޭނާ ހިފަހައްޓައި، ބަންގްލަދޭޝްގެ ވަރަށް ގިނަ ބަޔަކު އުޅޭ ހީނާމާގޭ ޕާކިން ޒޯނު ތެރެއަށް ވެއްދީ އެވެ. އެތަނުން އެއް ބަންގްލަދޭޝް މީހާ "ކަލޭ ކޮންމެ ރެއަކު ފައިވާން ވަގަށް ނަގަނީ" އޭ ކިޔައިފައި އޭނާގެ ބުރަކަށީގައި ޖެހި އެވެ. ފިރިހެން މީހާ ތަންކޮޅަށް ދުރަށް ޖެހިލައިފައި ފޯނުން ކޮންމެވެސް މީހަކަށް ގުޅި އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތަނަށް "އޭނާގެ" އެހެން ތިން މީހަކު އައެވެ.

މައްސަލަ ބޮޑުވެ އެތަނަށް މީހުން އެއްވެއްޖެ އެވެ. ވީކިހިނެއްތޯ އަހަން ފަށައިފި އެވެ.

"މިހިރަ ބަންގާޅީ ގޮލާ މަގޭ ގައިގައި ލެޑީ،" ދިވެހި ޒުވާނާ ބުންޏެވެ.

އޭރު އޭނާގެ ވަށައިގެން ދިވެހިންތައް އެއްވެފައި އޮތެވެ. ދިވެއްސެއްގެ ގައިގައި "ބަންގާޅީ" އަކު ޖެހުމުން ބައެއް ދިވެހިންގެ ލޭހޫނުވެއްޖެ އެވެ. ގިނަ އަދަދެއްގެ ބަންގްލަދޭޝްްގެ މީހުން ވެސް އުޅޭ ހިސާބަކަށް ވާތީ ބަންގްލަދޭޝްގެ މީހުން ވެސް އޭގެ ތެރެއަށް ވަދެގެންފި އެވެ.

"އަހަރެމެން ކިތަންމެ ކަމެއް ކުރިޔަކަސް ކަލޭމެންނަކަށް އަހަރެމެންގެ ގަޔަކު އަތެއް ނުލެވޭނެ. ހަނދާން ކުރާތި،" އެތަނުގައި ހޫނުވެފައި ހުރި ދިވެއްސަކު އޭނާގެ ޝަހާދަތް އިނގިލި ބަންގްލަދޭޝްގެ މީހެއްގެ ލޮލާ ކައިރިކޮށްލަމުން އިންޒާރު ދިނެވެ.

އެ ޒުވާބުގަނޑު ހޫނުވެގެން ދިޔައިރު، ދިވެހި ޒުވާނާގެ ގައިގައި ޖެހި ކަމަށް ބުނާ ބަންގްލަދޭޝްގެ މީހާ ހުރީ ދިވެހިންގެ މެދުގައި ތާށިވެފަ އެވެ. އެ ވަގުތު ސައިކަލެއްގައި ދިޔަ ހަތަރު ވަރަކަށް ޒުވާނުން ކައިރިކޮށްލައިފައި "ކިހިނެއްހޭ ވެގެން މި އުޅެނީ" އަހައިފައި ސައިކަލުން ފައިބައިފި އެވެ. އަދި އޭގެ ތެރެއިން އެކަކު މަޑުމަޑުން ހިނގާފައި ގޮސް، ވަށައިގެން ތިބި މީހުން ބޭރުގައި ހުރެ އަތް ފޮޅާލައިފައި ބަންގްލަދޭޝް މީހާގެ މޫނުމަތީގައި ގޮށްމުށުން ޖަހައިފި އެވެ.

"ދިވެއްސެއްގެ ގައިގައި ޖެހީމަ އޭގެ ބަދަލުގައި މި ޖެހީ،" އޭނާ އެހެން ބުނެފައި ސައިކަލްގައި ނައްޓާލައިފި އެވެ.

ނިދާނެ ތަނެއް ވެސް ނެތް ބަޔަކު އާންމު ތަނެއްގައި ނިދަނީ: މާލޭގައި ބޮޑުވެފައިވާ މައްސަލައެއް -- ފައިލް ފޮޓޯ: މިހާރު

ނިދާނެ ތަނެއް ވެސް ނެތް ބަޔަކު އާންމު ތަނެއްގައި ނިދަނީ: މާލޭގައި ބޮޑުވެފައިވާ މައްސަލައެއް -- ފައިލް ފޮޓޯ: މިހާރު

މައްސަލައަކީ ފައިވާން ވަގަށް ނެގުމެވެ. އެ މައުލޫއު އޮތީ އޮތްތާނގަ އެވެ. މިހާރު މައްސަލަ ހޫނުވެގެން މިއުޅެނީ ދިވެއްސެއްގެ ގައިގައި ބަންގްލަދޭޝްގެ މީހަކު ޖަހައިގެންނެވެ. ފަހުން އެތަނަށް ދިޔަ މީހަކު ބަންގްލަދޭޝްގެ މީހާގެ މޫނުމަތީގައި ވީއްލާލުމުން އެތާނގައި ތިބި ބަންގްލަދޭޝްގެ ބައެއް މީހުން ލޭ ކެކިގަތެވެ. އަވަގުރާނަ ގޮވަން ފެށި އެވެ.

"ކަލޭމެން ކުރީ ދުވަހަކު ވެސް އަހަރެމެންގެ މީހެއްގެ ވޮލެޓް ވަގަށް ނަގަނީ. އަނިޔާކޮށްފައި އަތުލީ ވެސް،" ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.

އޭގެ ޖަވާބުގައި އެތާނގައި ހުރި އެހެން މީހަކު، "ހެވޭ... އެހެންވިޔަސް ކަލޭމެންނަކަށް މި ގައުމަކު އަހަރެމެންނަކަށް އަނިޔާއެއް ނުކުރެވޭނެއޭ،" ބުންޏެވެ.

އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަރައިފާނެތީ، އެ މީހުން ދުރުކުރަން ވެސް ބައެއް މީހުން މަސައްކަތް ކުރި އެވެ. މަގުމަތިން ދިޔަ ފުލުހަކު އެތަނަށް ދިޔަ އެވެ. އިރުކޮޅަކުން އެހެން ތިން ފުލުހަކު ވެސް އެތަނަށް ގޮސް، އެކަން މައިތިރިކޮށްފި އެވެ. އޭރު ފައިވާން ވަގަށް ނެގި ކަމަށް ބުނާ ޒުވާނާ ފިލައިފި އެވެ. ފުލުހުން ސުވާލުކުރީ އަނިޔާ ލިބުނު ބަންގްލަދޭޝްގެ މީހާއާ އެވެ.

"ދިވެއްސަކު ވިޔަސް ޖަހަންވީމަ ޖަހަންވީ. ނުޖަހާ ގޮތަކަށް ނޫނޭ އެ އުޅެނީ. މިތާނގައި ތިބޭ ބަންގްލަދޭޝްގެ މީހުންނަށް އެ މީހުން ހާދަ ދުއްތުރާއެއް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެބަ ކުރެއޭ،" ދުރުގައި ސައިކަލެއްގައި އިށީނދެލައިގެން އިން މީހަކު ބުންޏެވެ.

"މި މިސްކިތުން ކޮންމެ ދުވަހަކު ވެސް ފައިވާން ގެއްލޭ އަދަދެއް ނޭނގެ. އެ ގްރޫޕުގެ މީހުން އެ ވަގަށް ނަގައިގެން ގެންގޮސް ދަބަހަށް އަޅައިގެން ވިއްކަނީ."

އަސްލު މައްސަލައަކީ ކޮބާ؟

ބައެއް މައްސަލަތައް އަހަރެމެންނަށް ކަމަކަށް ނުވިޔަސް، ބަންގްލަދޭޝްގެ ބައެއް މީހުން ބުނާ ގޮތުން، އެއީ ކުޑަކަމެއް ނޫނެވެ.

"ކޮންމެ ދުވަހަކު ފައިވާން ނަގާ މީހެއް އެއީ. އަހަރެމެންނަށް އޭނަ އެނގެނީ،" މައްސަލަ ފިނިވި ފަހުން އެތާނގައި ހުރި ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.

"އަބަދު ފައިވާން ނުގަނެވެނީ ދޯ. މިކަން ނުވެސް ހުއްޓެނީ..."

ހަޅުތާލު ކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފައި: ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ -- ފައިލް ފޮޓޯ: މިހާރު

ހަޅުތާލު ކުރި ބިދޭސީންތަކެއް ހައްޔަރުކޮށްފައި: ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި ލައްކައެއްހާ ބިދޭސީން، ހާއްސަކޮށް ލޭބާ ކެޓަގަރީގެ އެތައް ބައިވަރު ބިދޭސީން އުޅޭއިރު އެ މީހުންގެ ވެސް ގުރޫޕުތައް އޮވެ އެވެ. އެކި ސަރަހައްދުން ބޮޑެތި ގުރޫޕުތައް އެބަ ފެނެ އެވެ. ބިދޭސީންގެ އަދަދު ފަތުއަޑު ކިޔާފައި މިދަނީ މައްޗަށެވެ. ގަަވައިދާހިލާފަށް އުޅޭ އެތައް ބައިވަރު ބިދޭސީންގެ ތެރޭގައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް ޖެހިލުން ނުވާ ވަރުގެ މީހުން އެބަތިއްބެވެ. މީގެ ކުރިން ބަންގްލަދޭޝްގެ މަސައްކަތު މީހުން ތޫނު ހަތިޔާރާ އެކު ފުލުހުންނާ ވެސް ކުރިމަތިލައިފި އެވެ. ސަބަބަކީ، ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން އެ މީހުން ކޮންމެ ކުށެއް ކުރިޔަސް ބޮޑުވަރަކަށް ކުރެވޭ ކަމަކީ ޑީޕޯޓްކޮށްލުން އެކަނި ކަމަށް ވާތީ އެވެ.

އަނެއްކޮޅުން މަސްތުވާތަކެތީގެ ވަބާގައި ޖެހި، އުޅޭނެ ގޮތެއް ނެތި އެތައް ބައިވަރު ޒުވާނުން މާލޭގެ މަގުގައި ލާހޫރެނީ އެވެ. އެ މީހުންގެ ފަރާތުން ކުރާ ވައްކަންތައް އިތުރުވަނީ އެވެ. ގޭގެ އަށް ވަދެ ވައްކަންކޮށްގެން އެ މީހުން ފަހާ އެހެން މީހުން މަގުތަކުގައި ދުވާތަން މިހާރު އެއީ އާންމު މަންޒަރެކެވެ.

ދަބަސް އެޅުވި ޒުވާނުންގެ ފަރާތުން ދިމާވާ މައްސަލަތައް މަދެއް ނޫނެވެ. ވައްކަންތައް އޮތީ އިންތިހާގަ އެވެ. އަޅާލާނެ ބަޔަކު ނެތެވެ. އަނެއްކާ ވެސް ހަމަ ބުނަން އޮތީ މިހެންނެވެ؛ ސަރުކާރުގެ ސިޔާސަތުތައް އޮތް ގޮތުން މި މީހުންނަށް ދެވޭ އަދަބެއް ވެސް ނޯވެ އެވެ.

ކަންކަން ފެށެނީ އާދައިގެ ގޮތަކަށެވެ. މިއީ ވިސްނަން ޖެހިފައިވާ ގައުމީ ބޮޑު މައްސަލައެކެވެ. ކަންކަން ބޮޑުވެ ހައްލު ނުވާ ހިސާބަށް ދިއުމުގެ ކުރިން މައްސަލަ ހައްލުކުރަން ޖެހެ އެވެ. މާދަމާ ފައިވާނެއް ވަގަށް ނަގައިގެން ދެން ނުކުންނާނީ އެއްކޮޅުން ނުކުންނާނީ އެންމެ ބަންގްލަދޭޝް މީހެއް ނޫނެވެ. އަނެއްކޮޅުން ނުކުންނާނީ އެންމެ ދިވެއްސެއް ވެސް ނޫނެވެ.