Roadha Mihaaru
ސިނގިރެޓް ބުއިން މަނާކުރާ ބޯޑު ހަރުކުރަން ހިޔާލުހޯދަނީ

މާލޭގެ އާންމު ތަންތަނުގައި ސިނގިރެޓް ބުއިން މަނާކުރަން ހިޔާލު ހޯދަނީ

04 ނޮވެމްބަރ 2021

މާލޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެ ގޮތަށް ބޯޑުތައް ހަރުކުރުމަށް އާންމުންގެ ހިޔާލު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެ ގޮތަށް ބޯޑުތައް ހަރުކުރުމަށް އާންމުންގެ ހިޔާލު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

މިއީ ހެލްތު މިނިސްޓްރީ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްގެ ފަންނީ ލަފާގެ މައްޗަށް، މާލޭގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް އަޅާ ފިޔަވަޅާއި ގުޅޭގޮތުން ކުރިއަށް ގެންދާ ސާވޭ އެކެވެ.

ސިއްހަތު ސަލާމަތުން ބެހެއްޓުމަކީ ކޮންމެ އިންސާނަކަށް ލިބިގެންވާ ހައްގެއް ކަމަށާއި ސިއްހަތު ނުރައްކާތަކުން ސަލާމަތްކޮށް، ދުޅަހެޔޮކަމުގައި ދެމިހުރުމުގެ އިންސާނީ ހައްގު ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް ކަމަށް އެ ސާވޭ ފޯމުގައިވެ އެވެ.

އެ ސާވޭގައި ބުނީ ޒަމާނީ ސައަންސުގެ އިލްމުން ދައްކާ ގޮތުގައި، ދުންފަތާއި ދުންފަތުގެ އިސްތިއުމާލުކުރުމުން އަރާ ވިހަ ދުމުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރިކުރުވާ ބަލިތައް ޖެހޭ ކަމަށެވެ.

އާންމު ތަންތަނާއި މަސައްކަތުގެ މާހައުލުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުން ދުންފަތާއި، އޭގެ ނުސީދާ ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހޭ މިންވަރާއި، މީހުން މަރުވާ މިންވަރު މަދުކުރެވިކުރެވިފައިވާކަން ވެސް ސާވޭ ފޯމުގައި ފާހަގަކޮށްފައިވެ އެވެ.

"ވީހާވެސް ގިނަ އާއްމު ތަންތާންގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް ގަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ހިތްވަރު ލިބެގެންދެ އެވެ،" ސިޓީ ކައުންސިލުން ހިޔާލު ހޯދާ ސާވޭގައިވެ އެވެ.

އާއްމު ތަންތަނުގައި ސިނގިރެޓް ނުބޮވޭ ގޮތަށް ހަދަނީ ދުންފަތުގެ ވިހަ ދުމުން ސަލާމަތްވެ، ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނަށް ވެސް މަގުތަކާއި، އާންމު ތަންތަނުގައި ރައްކާތެރިކަމާއި އެކުގައި ހަރަކާތްތެރިވެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމުގެ ގޮތުންނެވެ. އާއްމު ތަންތަނުގައި ސިނގިރެޓް ނުބޮވޭ ގޮތަށް ހެދުމުން ކަނޑައެޅިފައިވާ ވަކިވަކި ޖާގަތަކުގައި ނޫން ގޮތަކަށް ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް، އެކަން ހުއްދަކުރެވޭ ހާއްސަ ޖާގަތައް ކަނޑައެޅުމުގައި އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު ސާވޭގެ ބައިވެރިން ސިއްރުކުރާނެ އެވެ.

މިހާރު ވެސް މާލޭގެ ބައެއް ކެފޭ/ ރެސްޓޯރަންޓުތަކާއި ކޮލެޖްތައް ކައިރީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަމުގެ ބޯޑުތައް ހަރުކޮށްފައި އެބަ ހުއްޓެވެ. އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ، 500ރ. އިން މަތީގެ އަދަދުތަކުން ޖޫރިމަނާކުރާނެ އެވެ.

އެކަަމަކު އެ ނިޝާންތަކަށް ބެލުމެއް ނެތި ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރަމުން އަންނައިރު އެކަމާ މެދު ފިޔަވަޅު ނާޅައި ދޫކޮށްލުމުގެ ޝަކުވާތައް ވެސް ބޮޑެވެ.