Roadha Mihaaru
ނަޝީދަށް އިންޒާރު ދިން މީހާއަށް ބޮޑެތި ދައުވާތަކެއް

ނަޝީދަށް އިންޒާރު ދިން މީހާއަށް 26 އަހަރުގެ ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް

04 ނޮވެމްބަރ 2021

އަބޫޖަހުލަށް ހަދާލި ގޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި އިސްމާއިލް ޔާފިސަށް 26 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އަބޫޖަހުލަށް ހަދާލި ގޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި އިސްމާއިލް ޔާފިސަށް 26 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކޮށްފި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ޔާފިސްގެ މައްޗަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ކަމަށެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ އަދަބަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އެހެންކަމުން ޔާފިސްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން 26 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ އެވެ.

ރ. މީދޫގައި ހުއްޓާ އޮގަސްޓް 23 ވަނަ ދުވަހު ޔާފިސް ހައްޔަރުކުރީ ފޭސްބުކް ޕޯސްޓެއްގައި ކުރި ކޮމެންޓެއްގައި ނަޝީދު ދެން ރާއްޖެ އަތުވެއްޖެ ނަމަ "ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން" ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ. އޭރު ނަޝީދު ހުންނެވީ، އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރުގަ އެވެ.

މީދޫ އަންހެނަކާ އިނދެގެން އެ ރަށުގައި އުޅުނު އުމުރުން 40 އަހަރުގެ ޔާފިސްގެ ހައްޔަރުކޮށްގެން ބަންދު ޖަހަން ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ދުވަހު އެ ކޯޓުގެ ހުރުމަތް ކަނޑާލައިގެން އޭނާ 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

ބަންދު މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އަޑުއެހުން ކުރިއަށް ގެންދަން ފެށުމާ އެކު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އޭނާ ކޯޓު ތެރޭގައި ވެސް އިންޒާރު ދިނެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި އޭނާ އެއް މަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.