Roadha Mihaaru
މާފުށީގައި ދީނާ ހިލާފު ކަންކަން ކުރާތީ އިންޒާރުދީފި

މާފުށީގައި ދީނާ ހިލާފު ކަންކަން އާންމުވެ، ކައުންސިލުން އިންޒާރުދީފި

04 ނޮވެމްބަރ 2021

ގެސްޓްހައުސް ވިޔަފާރީ އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ގިނަވެފައި ވާތީ އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެސްޓްހައުސް ވިޔަފާރީ އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ގިނަވެފައި ވާތީ އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

ރައްޔިތުންގެ ޝަކުވާތައް ގިނަވުމުން މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި އިސްލާމް ދީނާއި ދިވެހި ސަގާފަތަށް ފުށުއަރާ ފަދަ ގައިރު މުސްލިމުންގެ ނުވަތަ ބޭރު ގައުމުތަކުގެ ދީނާއި ގުޅޭ ދުވަސްތައް ފާހަގަކުރުމާއި އިސްލާމީ ރިވެތި އަހުލާގުގެ ބޭރުން ވިޔަފާރީ ބިންތަކުގައި އަމަލުކުރަމުންދާ ކަން އެ އިދާރާ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމާދު ގަޑިތަކުގަ އާއި ރޭގަނޑު 12 ގެ ފަހުން އަޑުގަދަކޮށް، ބާރަށް ލަވަޖެހުމާއި ކައުންސިލްގެ ހުއްދަ ނެތި ބިންތަކާ އިންވެގެންވާ މަގުތައް ބަންދުކޮށް، އެތަނުގައި ގާނޫނާ ހިލާފު ކަންކަން ކުރަމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.

އެ ރަށުގެ އަތިރިމައްޗާއި ހުސްބިންތަކުގައި ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި، އެ ރަށުގައި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތަކުން ފީ ނެގުމާ ގުޅޭ އުސޫލާ އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރީ ބިންތަކުގައި ވެސް ގާނޫނާއި ހިލާފު ކަންކަން ކުރަމުންދާ ކަމަށް ބުންޏެވެ.

"... ގިނަ ބިންތަކުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އިސްލާމީ މުޖުތަމައުއެއްގައި ކުރުމަށް ބަލައި ނުގަނެވޭ ފަދަ އަމަލުތައް ހިންގަމުންދާ ކަމުގެ ޝަކުވާ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ލިބި، މި ކައުންސިލަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ގާނޫނާ ހިލާފަށް އެ ރަށުގެ ބިންތަކުގައި ކުރާ ކަންކަން ހުއްޓާލުމަށާއި ބިން ދޫކޮށްފައިވާ ބޭނުން ފިޔަވާ އެހެން ބޭނުމެއް އެ ބިމުގައި ކުރާ ނަމަ، އެކަން ލިިޔުމަކުން ކައުންސިލަށް ހުށަހަޅާ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ނަސޭހަތްތެރިވި އެވެ. އަދި އެގޮތަށް އަމަލު ނުކޮށްފި ނަމަ، ބިން ދޫކޮށްފައިވާ އެއްބަސްވުން ބާތިލު ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ކްރިސްޓިއަން ދީނުގެ މީހުންނަށް މުނާސަބު ދުވަހެއް ކަމަށްވާ، ކްރިސްމަސް ދުވަސް ފާހަގަކުރަން މިދިޔަ އަހަރު ޑިސެމްބަރު 25 ގައި އެ ރަށުގެ ގެސްޓްހައުސްއެއްގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލަ ބޮޑުވެ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ގަސް ގެންގޮސްފަ އެވެ.

މާފުއްޓަކީ އެންމެ ފުރަތަމަ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރީ ފެށި ރަށެވެ. އަދި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުން އަންނަ ރަށެވެ.