Roadha Mihaaru
މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު ދައުރުވޭ

މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު ދައުރުވޭ

30 ޑިސެމްބަރ 2021

ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ އެންމެ ވަރުގަދަ ބްރޭންޑް، ކ. މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ދައުރުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ އެންމެ ވަރުގަދަ ބްރޭންޑް، ކ. މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ދައުރުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2009 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ފެށީ މާފުށީގައި ހުޅުވި "ވައިޓް ޝެލް" ގެސްޓްހައުސްއިންނެވެ. އޭގެ 12 އަހަރު ފަހުން މިހާރު މާފުށީގައި 46 ގެސްޓް ހައުސްއެއްގައި 840 ކޮޓަރި އެބަހުއްޓެވެ. މި ތަންތަނުގައި އިއްޔެ ރެއާ ހަމައަށް 1،600 ޓޫރިސްޓުން ތިއްބެވެ.

މިއީ، އެއް ރަށެއްގައި އެންމެ ގިނަ ގެސްޓްހައުސް ހިންގާ ތަނެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ އަހަރަކު 73 މިލިއަން ޑޮލަރު ދައުރުވާކަން އެނގުނީ މީގެ ކުރިން ހެދި ސާވޭއެއްގައި ޓޫރިސްޓުން ކުރާ ހޭދައަށް ބެލުމުން ކަމަށެވެ. އެ ފައިސާ ހަރަދުކުރަނީ މާފުށީގެ ގެސްޓްހައުސާއި ކެފޭ/ރެސްޓޯރެންޓް، ފިހާރަ އަދި ވޯޓަ ސްޕޯޓްސް ފަދަ ކަންކަމަށެވެ.

އާމްދަނީގެ ގޮތުގައި އެ ރަށު ކައުންސިލަށް އަހަރެއްގެ މައްޗަށް ދެ މިލިއަނެއްހާ ރުފިޔާ ލިބެ އެވެ.

މާފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: މާފުށީ ކައުންސިލް

މާފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: މާފުށީ ކައުންސިލް

ދައުލަތަށް ބޮޑު އާމްދަނީއެއް، މިއަށްވުރެ ރަނގަޅުވާންޖެހޭނެ

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އެއް ރަށަކީ މާފުއްޓެވެ. އެކަމަކު، ފާއިތުވި އަހަރުތަކުގައި މާފުއްޓަށް އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި އަޅާނުލެވި އެވެ. ނަމަވެސް ކައުންސިލަށް މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ސަރުކާރު މާފުއްޓަށް އަޅާލާނެ ކަމުގެ ޔަގީން އޮތުމެވެ.

ނަޝީދުގެ ވެރިކަމުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރި ނަމަވެެސް އޭގެ ފަހުން މާފުއްޓަށް މާ ބޮޑެތި ބަދަލުތަކެއް ނާދެ އެވެ.

"މާފުށީގެ ހާލަތު މިއަށްވުރެ ރަނގަޅުވާންޖެހޭ. އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް މި ހޯދައިދެވުނީ،" އޭނާ ވިދާޅުވި އެވެ.

މާފުށީގެ މަގެއް: އެ ރަށުގައި 40 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާފުށީގެ މަގެއް: އެ ރަށުގައި 40 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ހިސާބުތަކުން މާފުއްޓަށް އެތައް ޓޫރިސްޓުންނެއް ދާއިރު ރަށުގެ މަގުތަކުގެ ހާލަތު ރަނގަޅެއް ނޫނެވެ. ލަފައިފުރުމަށް އޮތް ބަނދަރު ކުޑަ އެވެ.

ސަލާހު ވިދާޅުވީ މަގުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ރަށުގެ މަގު ހަދާނެ ގޮތަކާ މެދު ހިޔާލު ތަފާތުވުމެއް އެބަ އޮތެވެ. އެއީ ދިވެހިވަންތަ ގޮތް ގެއްލިދާނެތީ އެވެ.

"ވީހާ ވެސް ދިވެހިވަންތަ ގޮތަކަށް މަގު ހެދުމުގެ ޑިޒައިނާ މެދު ހިޔާލުތަފާތުވުމެއް މި އުޅެނީ. އެކަމާ މެދު ގޮތެއް ނިންމާފައި ސަރުކާރަށް ހުށަހެޅީމާ އެކަން ކޮށްދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް،" ސަލާހު ވިދާޅުވި އެވެ.

މާފުށީގައި ހުންނަނީ ހެލްތު ސެންޓަރެކެވެ. ހަމުގެ ޑޮކްޓަރަކާއި އެތެރެހަށީގެ ޑޮކްޓަރެއްގެ އިތުރުން ޖެނެރަލް ދެ ޑޮކްޓަރުން އެތަނުގައި އެބަތިއްބެވެ. މި ސަރުކާރުން ވަނީ އެކްސްރޭ އަދި ދަތުގެ ހިދުމަތް އެ ހެލްތު ސެންޓަރުގައި ފަށައިދީފަ އެވެ.

ސަލާހު ވިދާޅުވީ ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ޕީސީއާރު ޓެސްޓް މާފުށީ ހެލްތު ސެންޓަރުގައި ހަދާ ކަމަށެވެ. ނޯމަލް ސީޒަންގައި އެ އަދަދު އުޅެނީ 120-150 ގަ އެވެ.

ބިން ހިއްކުމުން މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ

ގާތްގަނޑަކަށް 36 ހެކްޓަރުގެ މާފުށި މި ވަގުތު އޮތީ ފުރިފަ އެވެ. ދިރިއުޅުމަށް އެ ރަށުން ގޯތި ދޫނުކުރާތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށް ސަލާހު ވިދާޅުވި އެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ވަނީ މާފުށީ ކައިރިން، ވަކި ރަށެއްގެ ގޮތުގައި 25 ހެކްޓަރު ހިއްކައިދީފަ އެވެ.

އަލަށް ހިއްކި ބިމާ މާފުށީ ގުޅާލުމަށް 137 މީޓަރުގެ ދިގު ބްރިޖެއް އެޅުމަށް ވެސް އެމްޓީސީސީއަށް 35.4 މިލިއަން ރުފިޔާއަށް މިިދިޔަ އަންގާރަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

ބިން ހިއްކުމާއި މާފުށީގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހަދާފައިވާ ޕިކްނިކް އައިލެންޑު އަދި ބްރިޖު އެޅުމަށް ދައުލަތުން 163.4 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

ސަލާހު ވިދާޅުވީ ލެމިއާ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން ހަދަމުން އަންނަ ކަމަށެވެ. އެ ތަނުން 500 ގޯތި ދޫކުރެވޭނެ ކަމަށާއި އެއީ، މިހާރު އޮތް ކަންބޮޑުވުމަށް ލިބޭނެ ވަރަށް ބޮޑު ލުއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަށް މާފުށީގައި" އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، މާފުއްޓަށް އަލަށް އިތުރުކުރި ބިމުގެ ކުރެހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ވަށް މާފުށީގައި" އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، މާފުއްޓަށް އަލަށް އިތުރުކުރި ބިމުގެ ކުރެހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ގޯތި ދޭން ފެށީމާ ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ މިހާރު އޮތް މައްސަލައަށް. ނަމަވެސް އަންނަން އޮތް ޖީލަށް ބައެއް ބިންތައް ކައުންސިލުން ރިޒާވްކޮށްފައި ބަހައްޓާނަން،" ފަސް ހާހެއްހާ މީހުން އުޅޭ ރަށުގެ ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯތި ދިނުމުން އާމްދަނީ ލިބޭނެ ގޮތް އެ ތަންތަން ލިބޭ މީހުން ހަމަޖައްސާނެ ކަމަށެވެ. މާފުއްޓަކީ ބްރޭންޑަކަށް ވުމުން އެ މަސައްކަތްކުރަން ދައްޗެއް ކުރިމަތިނުވާނެ ކަމަށް ސަލާހު ވިދާޅުވި އެވެ.