Roadha Mihaaru
މާފުށި އެއްކޮށް ސާފުކުރުމުގެ ހަރަކާތެއް ބާއްވަނީ

ދުނިޔެ ސާފުކުރާ ދުވަހާ ދިމާކޮށް މާފުށި އެއްކޮށް ސާފުކުރަނީ

14 ސެޕްޓެމްބަރ 2021

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 18 ގައި ފާހަގަކުރާ "ވޯލްޑް ކްލީންއަޕް ޑޭ" ނުވަތަ ދުނިޔެ ސާފުކުރާ ދުވަހާ ދިމާކޮށް ރާއްޖޭގައި ބާއްވާ ރަސްމީ އިވެންޓް މި އަހަރު ކ. މާފުށީގައި ބާއްވަން ނިންމައިފި އެވެ. މި ހަރަކާތުގެ ތެރެއިން އެ ދުވަހު އެ ރަށް އެއްކޮށް ސާފުކުރާނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 18 ގައި ފާހަގަކުރާ "ވޯލްޑް ކްލީންއަޕް ޑޭ" ނުވަތަ ދުނިޔެ ސާފުކުރާ ދުވަހާ ދިމާކޮށް ރާއްޖޭގައި ބާއްވާ ރަސްމީ އިވެންޓް މި އަހަރު ކ. މާފުށީގައި ބާއްވަން ނިންމައިފި އެވެ. މި ހަރަކާތުގެ ތެރެއިން އެ ދުވަހު އެ ރަށް އެއްކޮށް ސާފުކުރާނެ އެވެ.

"ލެޓްސް ޑޫ އިޓް ވޯލްޑް" ކިޔާ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން 2018 ގައި ފެށި މި ހަރަކާތް ރާއްޖޭގައި އިންތިޒާމުކުރަނީ "ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިންނެވެ. މިއީ މި ހަރަކާތް ރާއްޖޭގައި ބާއްވާ ތިން ވަނަ އަހަރެވެ.

ލެޓްސް ޑޫ އިޓް މޯލްޑިވްސް އާއި މާފުށި ކައުންސިލާއި އެ ރަށުގެ ބައެއް ގެސްޓް ހައުސްތައް ވެސް ގުޅިގެން ބާއްވާ މި ހަރަކާތުގައި އެ ރަށުގެ ގޮނޑުދޮށްތަކާއި ރަށު ތެރޭ އެކި ތަންތަނުގައި ހުރި ކުނިތައް ނަގައި، ސާފުކުރާނެ އެވެ.

2018 ވަނަ އަހަރު ދުނިޔެ ސާފުކުރުމުގެ ދުވަހާ ދިމާކޮށް އައްޑޫގައި ބޭއްވި އިވެންޓް.-- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް

2018 ވަނަ އަހަރު ދުނިޔެ ސާފުކުރުމުގެ ދުވަހާ ދިމާކޮށް އައްޑޫގައި ބޭއްވި އިވެންޓް.-- ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް

ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް އޮންނަ މި ހަރަކާތުގެ ރަސްމީ އިވެންޓް މާފުށީގައި ބޭއްވިޔަސް، ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ އަތިރިމަތި ސާފުކުރުމުގެ ހަރަކާތެއް ވެސް އެ ދުވަހު އޮންނާނެ އެވެ.

މި ހަރަކާތުގެ މަގުސަދަކީ ގައުމުތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދިނުމެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ބައިވެރިވާ މި ހަރަކާތުގައި 2018 ވަނަ އަހަރު، ކުންފުނިތަކާއި ރިސޯޓްތަކާއި ޖަމިއްޔާތަކާއި އަދި ވޮލަންޓިއަރުން ހިމެނޭ ގޮތަށް ރާއްޖެއިން 15،000 މީހުން ބައިވެރިވެފައިވެ އެވެ. ޖެހިގެން އައި އަހަރު، 2019 ގައި 18،000 ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެ އަހަރު ރަސްމީ އިވެންޓް ބޭއްވީ ހއ. އުތީމުގަ އެވެ.