Roadha Mihaaru
އިންޑިޔާއިން ތަމްރީން ހެދި ޕައިލެޓަކު މަންތާ އެއާ އަށް

އިންޑިއާ އިން ތަމްރީނު ހެދި އެމްއެންޑީއެފްގެ ޕައިލެޓަކު މަންތާއާ ގުޅިއްޖެ

28 އޮކްޓޯބަރ 2021

އިންޑިއާގެ އެހީގައި ތަމްރީނު ކޮށްފައިވާ ދިވެހި ސިފައިންގެ ޕައިލެޓަކު އެމްއެންޑީއެފްގެ ވަޒީފާ އިން ވަކިވެ، މަންތާ އެއާއާ ގުޅިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންޑިއާގެ އެހީގައި ތަމްރީނު ކޮށްފައިވާ ދިވެހި ސިފައިންގެ ޕައިލެޓަކު އެމްއެންޑީއެފްގެ ވަޒީފާ އިން ވަކިވެ، މަންތާ އެއާއާ ގުޅިއްޖެ އެވެ.

ސިފައިންގެ އިން ކެނޑިގެން މަންތާއާ ގުޅުނީ އައްޑޫ ގަމުގައި ހުންނަ ފްލައިން ސްކޫލުން އަމިއްލަ އަށް ޕައިލެޓްކަން ކިޔެވުމަށް ފަހު، އެމްއެންޑީއެފް މެދުވެރިކޮށް ޑޯނިއާ ރޭޓިން ހަދަން އިންޑިޔާ އަށް ގޮސް ތަމްރީނު ފުރިހަމަ ކުރި އޮފިސަރެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިހާރު ސިފައިންގެ ވަޒީފާ އިން ކެނޑިގެން ރަސްމީކޮށް މަންތާއާ ވަނީ ގުޅިފަ އެވެ. އޭނާ މަންތާގެ ފްލައިޓުތައް ދުއްވަން ފަށާނީ ތިން މަހެއްހާ ދުވަހުގެ "ޓައިޕް ރޭޓިން" ތަމްރީނު ފުރިހަމަ ކުރުމަށް ފަހު އެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު މިއަދު ވިދާޅުވީ، ވަކިވަކި ސިފައިން ވަޒީފާ އިން ވަކިވާ ސަބަބާއި އެކަމާ ގުޅޭ މައުލޫމާތެއް އެނގިފައިވާ ނުވާ ކަމަށެވެ. ނަމަވެސް ސިފައިންގެ އެއްވެސް އޮފިސަރަކު އަމިއްލަ ކުރިއެރުމަށްޓަކައި ރަނގަޅު އެހެން ވަޒީފާއަކާ ގުޅިފައިވާ ނަމަ އެ އޮފިސަރަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގެ ހިތްހަމަނުޖެހުމެއް އެމްއެންޑީއެފުން ފާޅެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު ވިދާޅުވިެފައިވާ ގޮތުގައި އިންޑިޔާ އިން ތަމްރީން ހެދި ތިން ޕައިލެޓަކު ވަނީ ރާއްޖެ އައިސްފަ އެވެ.

އޭހެ ފަހުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ހަނާ މީޑިއާގައި ވިދާޅުވީ، އިންޑިއާ އިން މިހާރު އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީނު ކޮށްފައިވާތީ، ކުރިއަށް ގެންދަނީ ޕައިލެޓުންނާ އެޕޮއިންޓްމަންޓް ހަވާލުކުރުމާއި އެހެނިހެން އިދާރީ ކަންކަމާ ވާން ޖެހޭ ތައްޔާރީތައް ކަމަށެވެ.

އޭނާ އެހެން ވިދާޅުވެފައި ވަނިކޮށް، އޭގެ ތެރެއިން އެއް ޕައިލެޓަކު ސިފައިންގެ ވަޒީފާ އިން ވަކިވެ، މަންތާ އެއާއާ ގުޅުނު ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިޔާގެ ހެލިކޮޕްޓަރާއި ފްލައިޓުތައް ދުއްވަން ދިވެހި ސިފައިންނަށް ފުރުސަތު ނުދޭ ކަމާއި ގިނަ އަދަދަކަށް އިންޑިއާގެ ޕައިލެޓުންނާއި ޓެކްނިކަލް މީހުން ހަރަކާތްތެރިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަ އެވެ.