ގަސްދުގައި މީހުން މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބެއްޖެ ނަމަ، އެ ކުދިން ބޮޑުވަންދެން ގާތިލުގެ މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުން މުހިންމު ކަމަށާއި އެކަމަކު އެއީ ލާޒިމް ކަމެއް ނޫން ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
27 އޮކްޓޯބަރ 2021
ގަސްދުގައި މީހުން މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބެއްޖެ ނަމަ، އެ ކުދިން ބޮޑުވަންދެން ގާތިލުގެ މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުން މުހިންމު ކަމަށާއި އެކަމަކު އެއީ ލާޒިމް ކަމެއް ނޫން ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން މަރުގެ އަދަބު ކަނޑައެޅެނީ މަރުވި މީހާގެ ހުރިހާ ވާރިސުން އެކަމަށް އެއްބަސްވާ ނަމަ އެވެ. އަދި ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބޭ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެކަމަކު އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވަނީ ވާރިސުންގެ ގޮތުގައި ތިބިި ކުޑަކުދިންގެ ހައްގުގައި ދެން ތިބި ވާރިސުންނަށް އެކަމުގައި ގޮތެއް ނިންމިދާނެ އެވެ.
ކ. ތުލުސްދޫގައި 2014 ވަނަ އަހަރު މަރާލި އަލީ ޝިހާމްގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ނިޔާޒް މެރުމަށް ކުރި ހުކުމަށް ތާއީދުކޮށް، ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބޭ ހާލަތުގައި ދެން ތިބި ވާރިސުންގެ ބަހަށް ރިއާޔަތްކޮށް، ގާތިލް މަރަން ހުކުމް ކުރެވިދާނެ ކަމަށެވެ. އެކަމަކު ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑު ނުވަނީސް، އެފަދަ ހުކުމެއް ތަންފީޒު ކުރެވޭނެ ކަމާ މެދު ސުންނަތް ޖަމާއަތުގެ އިލްމުވެރިންގެ މެދުގައި ޚިޔާލު އުފެދިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ގާތިލުގެ ކިބައިން މަރަށް މަރު ހިފުމުގެ ހައްގަކީ މަރުވި މީހާގެ ކޮންމެ ވާރިސަކަށް ވެސް ލިބިގެންވާ ހައްގަކަށް ވާތީ އެއްވެސް ވާރިސެއްގެ ހައްގު ގެއްލުވާލުމުގެ ބާރު އަނެއް ވާރިސަށް ލިބިގެންނުވާ ކަމަށެވެ. އަދި ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވެގެން ގާތިލަށް މައާފް ދިނުމުގެ ފުރުސަތު ވެސް އޮންނާނެތީ އެ ކުދިންގެ ހައްގުގައި އެންމެ ރަނގަޅު ގޮތަކީ ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވަންދެން ގާތިލްގެ މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުން ކަމަށް އެ ހުކުމުގައިވެ އެވެ.
"މަރު ތަންފީޒު ކުރުމުގެ މަރުހަލާގައި ވެސް ޝުބްހަތަކުން ރައްކާތެރިވާން ޖެހޭއިރު، ކުޑަކުއްޖާ ބޮޑުވެ، ތަސައްރަފު ފުދިގެން އޭނާގެ ބަސް އިއްވާއިރު ގާތިލަށް މައާފް ދިނުމުގެ އިހްތިމާލް ވެސް އޮންނާނެތީ އަހުރެންނަށް ބުރަވެވެނީ މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވެ، ތަސައްރަފު ފުރެންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް، މަޑުކުރުން މުހިންމު ކަމުގަ އެވެ." ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ލިޔުއްވައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް، ހުކުމުގައިވަނީ ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވަންދެން ގާތިލްގެ މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުން ގާނޫނީ ގޮތުން ގޮތުން ލާޒިމް ނޫން ކަމަށާއި އަދި އެ ކުދިން ބޮޑު ނުވިޔަސް، އެ ހުކުމް ތަންފީޒު ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ވާރިސުންގެ ގޮތުގައި ތިބި ބޮޑެތި މީހުންގެ ބަހަށް ރިއާޔަތްކޮށް، ގާތިލް މަރަން ހުކުމް ކުރިޔަސް، އެ ހުކުމް ސައްހަވާނެ ކަމަށް އިސްލާމީ ޝަރީއަތުގައި ބަލަމުން އަންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޝިހާމްގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ތިބުމުން އެ ކުދިންގެ ހައްގުގައި ބަސް ބުނީ ޝިހާމްގެ އޭރުގެ އަންހެނުންނެވެ. އެ ކުދިންގެ ހައްގުގައި އޭނާ ބުނެފައިވަނީ ނިޔާޒްގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.
އެހެންވެ، ހައި ކޯޓުން އިއްޔެ ވަނީ ނިޔާޒްގެ މަރުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ފަނޑިޔާރު ޝުއައިބުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
މަރުގެ ހުކުމަށް ފަސް އަހަރު، އިސްތިއުނާފް ފަސްވެއްޖެ
ދެ މީހެއްގެ މަރު: މައްސަލަ ނުފެށި ހަތަރު އަހަރު!
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
ގާތިލަކު މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ދެފިރިހެނުން ހެކި ނުދޭ ނަމަ މަރުގެ އަދަބުން ރެކެވެނީ!
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
މިރުޒާގެ މަރު: އެކަކު މަރުގެ އަދަބުން ސަލާމަތްވެއްޖެ
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި