Roadha Mihaaru
ބޮޑު މަޝްރޫއަކާ އެކު ޒުވާން ވޮލީ ޓީމެއް އެކުލަވާލައިފި

ބޮޑު މަޝްރޫއަކާ އެކު ޒުވާން ގައުމީ ވޮލީ ޓީމެއް އެކުލަވާލައިފި

26 އޮކްޓޯބަރ 2021

މުސްތަގުބަލަށް ބޮޑު މަޝްރޫއަކާ އެކު ޒުވާން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މުސްތަގުބަލަށް ބޮޑު މަޝްރޫއަކާ އެކު ޒުވާން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ މަސައްކަތް ފަށައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ އެކު ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ރޭ ބޭއްވި އިވެންޓެއްގައި ވަނީ، ގައުމީ 23 އަހަރުން ދަށުގެ ޓީމަށް ހޮވި 30 ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށް، "މޯލްޑިވްސް ނޭޝަނަލް ވޮލީބޯލް އެކްސެލެންސް ޕްރޮގުރާމް" ގެ ނަމުގައި އާ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފަ އެވެ.

ގައުމީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވީ 70 ވަރަކަށް ކުދިން ބައިވެރިވި ޓްރަޔަލްއެއްގެ ތެރެއިންނެވެ.

ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ފަތުހުﷲ ވަނީ ގައުމީ ލެވެލްގައި ކްލަބްތަކަށް ކޯޗުކަން ކޮށްދިނުމުގެ އިތުރުން ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ވެސް ކޯޗެއްގެ ގޮތުންނާއި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސީ 16 އަހަރު ގައުމީ ޓީމަށް ކުޅުމަށް ފަހު 2019 ވަނަ އަހަރު ކުޅުން ހުއްޓާލި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

ރޭ އިފްތިތާހު ކުރި އެކްސެލެންސް ޕްރޮގްރާމަކީ، ޒުވާން ކުޅުންތެރިން އެންމެ މަތީ ލެވެލްގައި ކުޅެން ތަމްރީނުކޮށް، ސީނިއާ ގައުމީ ޓީމަށް އަދި ޕްރޮފެޝަނަލް ވޮލީބޯޅަ ކުޅުމުގެ މަގު ފަހިކޮށްދޭން ފެށި ޕްރޮގުރާމެއް ކަމަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވަނީ ވިދާޅުވެފަ އެވެ.

މި އިވެންޓުގައި ޒުވާން ގައުމީ ޓީމަށް ނެގި 30 ކުޅުންތެރިންނާ އެކު ކޯޑް އޮފް ކޮންޑަކްޓެއް ވެސް އެކުލަވާލި އިރު، ރަނޭ އިތުރަށް ވިދާޅުވީ، މި ޕްރޮގުރާމަށް ހޮވުނު ކުދިންނަކީ ކުރިމަގުގައި އިންޓަނޭޝަނަލް ލެވެލްގައި ގައުމު ތަމްސީލުކުރަން ކުރެވުނު އިންވެސްޓެއް ކަމަށެވެ. އަދި ދުރާލައި ޒުވާން ޓީމުގެ މަސައްކަތް ފެށީ އަންނަ އަހަރު ބާއްވާ ޔޫތު މުބާރާތްތަކަށް ތައްޔާރުވުމުގެ ބޭނުމުގަ އާއި ސީނިއާ ޓީމަށް ޒުވާން ކުޅުންތެރިން ފޯރުކޮށްދޭ ޕޫލެއް ބޭއްވުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް ރަނޭ ވިދާޅުވި އެވެ.