Roadha Mihaaru
ބަންގާޅުން އޮސްކާ އަށް "ރިހާނާ"

ބަންގާޅުން އަންނަ އަހަރުގެ އޮސްކާ އަށް "ރިހާނާ މަރިޔަމް ނޫރު"

25 އޮކްޓޯބަރ 2021

އަންނަ އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ގައުމުތަކުން ފޮނުވާ ފިލްމުތައް ހޮވަމުން އަންނަ އިރު ބަންގްލަދޭޝް އިން ފޮނުވާ ފިލްމަކަށް "ރިހާނާ މަރިޔަމް ނޫރު" ހަމަޖައްސައިފި އެވެ

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ބާއްވާ 94 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ގައުމުތަކުން ފޮނުވާ ފިލްމުތައް ހޮވަމުން އަންނަ އިރު ބަންގްލަދޭޝް އިން ފޮނުވާ ފިލްމަކަށް "ރިހާނާ މަރިޔަމް ނޫރު" ހަމަޖައްސައިފި އެވެ

ކްރިޓިކުންނާއި ބެލުންތެރިންގެ ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ރިހާނާ މަރިޔަމް ނޫރު" އަކީ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރު ބެލެންސް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ހެދި މެޑިކަލް ކޮލެޖެއްގެ އަންހެން އެސިސްޓަންޓް ޕްރޮފެސަރަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. ޓައިޓްލް ރޯލު އަޒްމީރާ ހައްގު ބަދޯން ކުޅުނު އަދި އަބްދުﷲ މުހައްމަދު ސާދު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި އާފިއާ ޖާހީން ޖައިމާ އާއި ކާޒީ ސާމީ ހަސަން ހިމެނެ އެވެ. ސާދަކީ އޭނާގެ އަލަތު ފިލްމު 2016 ގެ "ލައިވް ފްރޮމް ޑާކާ" އިން ސިންގަޕޫރް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި މޮޅު ޑައިރެކްޓަރުގެ މަގާމާއި ފިލްމުގެ ބަތަލަށް މޮޅު އެކްޓަރުގެ އެވޯޑް ލިބުނު ފިލްމެކެވެ.

ސާދު، 36، ގެ ތިން ވަނަ ފިލްމު "ރިހާނާ މަރިޔަމް ނޫރު" އަކީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި 74 ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކޮށްގެން ބޮޑު ސަމާލުކަމެއް ލިބުނު ފިލްމެކެވެ. އެ ފެސްޓިވަލްގެ "އަންސާޓެއިން ރިގާޑް އެވޯޑް" އަށް އެ ނޮމިނޭޓް ވެސް ވި ފިލްމެވެ. އޭގެ އިތުރުން މެލްބަން، ބުސާން އަދި ލަންޑަން ފިލްމު ފެސްޓިވަލްގައި ވެސް "ރިހާނާ މަރިޔަމް ނޫރު" ޕްރީމިއާ ކޮށްފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ އޭޝިއާ ޕެސިފިކް ސްކްރީން އެވޯޑްސްގައި އަޒްމީރާ މޮޅު ބަތަލާގެ މަގާމަށް ވެސް ނޮމިނޭޓްވި އެވެ.

ދުނިޔޭގައި ފިލްމުތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، އޮސްކާ އަށް ބަންގްލަދޭޝް އިން ފިލްމުތައް ފޮނުވަމުން އަންނަނީ 2002 އިން ފެށިގެންނެވެ. އެކަމަކު މިހާތަނަށް އެ ގައުމުގެ ފިލްމެއް އެންމެ މޮޅު ބޭރު ފިލްމަށް ނޮމިނޭޓްވެފައެއް ވެސް ނުވެ އެވެ. އެންމެ ފަހުން ބޭއްވި އޮސްކާ އަށް ބަންގްލަދޭޝް އިން ފޮނުވި ފިލްމަކީ ގިނަ ޑައިރެކްޓަރުންތަކެއް ހިއްސާވި އެންތޮލޮޖީ ފިލްމު "ސިންސިއަލީ ޔޯސް، ޑާކާ" އެވެ.