Roadha Mihaaru
ވޯކާގެ ދަރިފުޅުގެ ކައިވެނީގައި ބައްޕައަކީ ޑީޒެލް

ވޯކާގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާގައި ބައްޕަގެ ޒިންމާ ނެގީ ޑީޒެލް

25 އޮކްޓޯބަރ 2021

ނުރައްކާތެރި ކާރު އެކްސިންޑެންޓެއްގައި މަރުވެފައިވާ ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރީގެ ތަރި ޕޯލް ވޯކާގެ އަންހެން ދަރިފުޅު މެޑޯ ވޯކާގެ ކައިވެނީގެ ހަފުލާގައި ބައްޕައެއްގެ ޒިންމާ އެކްޓަރު ވިނި ޑީޒެލް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުރައްކާތެރި ކާރު އެކްސިންޑެންޓެއްގައި މަރުވެފައިވާ ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރީގެ ތަރި ޕޯލް ވޯކާގެ އަންހެން ދަރިފުޅު މެޑޯ ވޯކާގެ ކައިވެނީގެ ހަފުލާގައި ބައްޕައެއްގެ ޒިންމާ އެކްޓަރު ވިނި ޑީޒެލް ނަގައިފި އެވެ.

މިކަން މެޑޯ ވަނީ ކައިވެނީގެ ހަފުލާގެ ތެރެއިން ޑީޒެލް، 54، އާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި ވެސް ހާމަކޮށްފަ އެވެ. މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރާ މެޑޯ، 22، ވޯގް އަށް ބުނީ އޭނާގެ ކައިވެނީގެ ހަފުލާފައި ބައްޕަގެ ކޯ-އެކްޓަރު ބައްޕައެއްގެ ޒިންމާ ނަގައި ދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެހެންވެ އަބަދު ވެސް ޑީޒެލް އާއި އޭނާގެ އާއިލާ އަށް ޝުކުރުވެރިވާނެ ކަމަށް ބުންޏެވެ.

މެޑޯ ބުނި ގޮތުގައި ބައްޕަ 2013 ގައި މަރުވި ފަހުން، ޑީޒެލް އަކީ އަބަދު ވެސް އާއިލާގެ ހާލު ބަލައި ކަންކަމުގައި އަބަދު ވެސް އެހީތެރިކަންދޭ ހަމަ އާއިލީ މީހެއް ފަދަ މީހެކެވެ.

އުމުރުން 40 އަހަރުގައި ވޯކާ މަރުވި އިރު، އޭނާ "ފާސްޓް އެންޑް ފިއުރިއަސް" ގެ ހަ ފިލްމެއްގައި ބްރަޔަން އޯކޮނާގެ ރޯލު ކުޅުނެވެ. އެންމެ ފަހުން ވޯކާ ފެނުނު "ފާސްޓް އެންޑް ފިއުރިސް" ގެ ފިލްމަކީ އޭނާ މަރުވި ފަހުން 2015 ގައި ރިލީޒްކުރި އޭގެ 7 ވަނަ ފިލްމެވެ. އެ ފިލްމަކީ ވޯކާގެ ކެރިއަރުގެ ފަހު ފިލްމު ވެސް މެ އެވެ.

މެޑޯ ކުޑައިރު ބައްޕައާ އެކު.

ވޯކާގެ ހަމައެކަނި ދަރިފުޅު މެޑޯ އާއި ލޯބިވެރިޔާ ލުއީ ތޯންޓަން-އެލަން މި މަހުގެ ކުރީކޮޅު ކައިވެނިކުރީ ޑޮމިނިކަން ރިޕަބްލިކްގަ އެވެ. ކައިވެނީގެ ހަފުލާ ބޭއްވީ ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެންނެވެ.

ވޯކާ އެކު "ފާސްޓް އެންޑް ފިއުރިއަސް" ގައި މަސައްކަތްކުރި ޑީޒެލް އަކީ އެ ފިލްމު ސީރީޒް ފެށި ފަހުން އޭގެ ހުރިހާ ފިލްމެއްގައި ވެސް އެންމެ ނަގާ ކިޔާ އެއް އެކްޓަރެވެ. މީގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "އެފް 9" އެވެ.

ކުރިއަށް އޮތް ދެ ފިލްމާ އެކު 2001 ގައި ފެށި "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒް ނިންމައިލާނެ އެވެ.