Roadha Mihaaru
މުސްކުޅިއެއްގެ އެވޯޑް ރާނީ ގަބޫލެއް ނުކުރެއްވި

މުސްކުޅިއެއްގެ އެވޯޑް ރާނީ ގަބޫލެއް ނުކުރެއްވި

21 އޮކްޓޯބަރ 2021

އިނގިރޭސިވިލާތުގައި ނެރޭ ހަފުތާ މަޖައްލާއެއް ކަމަށްވާ "ދި އޯލްޑީ" އިން އެ ގައުމުގެ ރާނީ އެލިޒަބު ދޭކަށް މި އަހަރު އަރުވަން ނިންމި "އޯލްޑީ އޮފް ދި އިޔާ" ގެ އެވޯޑް ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގައި ނެރޭ ހަފުތާ މަޖައްލާއެއް ކަމަށްވާ "ދި އޯލްޑީ" އިން އެ ގައުމުގެ ރާނީ އެލިޒަބު ދޭކަށް މި އަހަރު އަރުވަން ނިންމި "އޯލްޑީ އޮފް ދި އިޔާ" ގެ އެވޯޑް ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.

މިހާރު އުމުރުފުޅުން 95 އަހަރުގެ ރާނީ އަށް އެވޯޑް ދޭން ނިންމައި އެވޯޑްގެ ޗެއާމަން ގައިލްސް، ރާނީގެ ޕްރައިވެޓް ސެކްރެޓަރީ ސާ އެޑްވަޑް ޔަންގަށް ޖުލައި މަހުގެ 30 ގައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރަނި ކަމަށް އަންނަ އަހަރު 70 އަހަރު ފުރޭ އެލިޒަބަތަށް "އޯލްޑީ އޮފް ދި އިޔާ" ގެ އެވޯޑް ދޭން ނިންމާފައިވާތީ އެކަމާ ރާނީ ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ސިޓީގެ ޖަވާބުގައި އޯލްޑީ އަށް ރާނީގެ އެސިސްޓަންޓް ޕްރައިވެޓް ސެކްރެޓަރީ ޓޮމް ލެއިންގް-ބޭކާ އޮގަަސްޓް މަހުގެ 21 ގައި ފޮނުއްވި ސިޓީގައި ވިދާޅުވީ އެވޯޑް ހައްގުވާ ކަމަށް ރާނީ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރާނީ އަށް އަރުވަން އެއަށް ވުރެ ހައްގު އެވޯޑަކަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. އެ ސިޓީގެ ކޮޕީއެއް ވެސް ބައެއް މީޑިއާތަކުގައި އާންމުކޮށްފައިވެ އެވެ.

"ރާނީ ގަބޫލެއް ނުކުރައްވާ އެކަމަނާ އަށް [ތި] އެވޯޑް ހައްގުވާ ކަމަކަށް. އަދި އެވޯޑްގެ ޝަރުތަށް ފެތޭ ކަމަކަށް ވެސް. ރާނީ ދެކެވަޑައިގަންނަވާ ގޮތުގައި މީހާގެ އުމުރު ވަޒަން ކުރާނީ އެ މީހަކު އަމިއްލަ އަށް އުމުރާ ގުޅޭ ގޮތުން ދެކޭ ގޮތެއްގެ މައްޗަށް." ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސިޓީ ނިންމަވާލައްވާފައި އޮތީ ރާނީގެ ފަރާތުން ހެޔޮ ދުއާތަކާ އެކީގަ އެވެ.

"ދި އޯލްޑީ" އިން ދޭ އެވޯޑަކީ ދުވަސްވީ މީހުންގެ ހިދުމަތްތައް އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. ފާއިތުވި 29 އަހަރުގެ ތެރޭގައި އެ އެވޯޑް އެކި ދާއިރާތަކުން ފާހަގަ ކޮށްލެވުނު ދުވަސްވީ މީހުންނަށް ދީފައިވެ އެވެ.