Roadha Mihaaru
ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަން އެދެނީ

ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަަން މަޖިލީހުން އެދެނީ

20 އޮކްޓޯބަރ 2021

ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސިވިލް ސާވިސްގެ ޕާފޯމެންސް އޮޑިޓެއް ހަދަން މަޖިލީހުން އެދެން ފާސްކުރީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އިރު އެ ރިޕޯޓް ގަ އެވެ. އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކުރި ބަޖެޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް އެ އިސްލާހު ހުށަހުޅުއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި އޮތީ "ސިވިލް ސާވިސް ގައި މުވައްޒަފުންގެ ޕާފޯމެންސް އޮޑިޓެއް ހެދުމުގެ މަސައްކަތް، 2022 ވަނަ އަހަރުގެ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ވޯކް ޕްލޭންގައި ހިމަނައި، އެ މަސައްކަތްތައް ފެއްޓުމަށް" އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށެވެ. އެ އިސްލާހަށް ތާއީދުކުރެއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

އިލްޔާސް ހުށަހެޅުއްވި އިސްލާހު ފާސްކުރީ ވޯޓްގައި ބައިވެރިވެވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހާއި އެކު މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ވެސް ފާސްކުރީ 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ސިވިލް ސާވިސް މުވައްޒަފުުންގެ ޕާފޯމެންސް އޮޑިޓެއް ހެދުމަކީ މެމްބަރުން އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، ބަޖެޓް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ހުށަހެޅުމެއްގެ ގޮތުގައި އެކަން ހިމެނިދާނެ ކަަމަށް މިއަދުގެ ޖަލްސާގައި ފުރަތަމަ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

"ޕާފޯމެންސް އޮޑިޓެއް، ސަރުކާރު މުވައްޒަފުންގެ، ކޮންމެ އަހަރަކު ނުހެއްދެވުނު ނަމަވެސް ވީ މިންވަރަކުން ހައްދަވަމުން ގެންދެވުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރައްވާ،" އެމަނިކުފާނު ވިދާޅުވިި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް ލަފާކުުރާ ބަޖެޓް އެ އޮފީހުން މަޖިލީހަށް ހުށަހެޅި އިރު އެދިފައި އޮތީ 118.7 މިލިޔަން ރުފިޔާގެ ބަޖެޓަކަށެވެ. އެކަމަކު މަޖިލީހުން ފާސްކުރީ އެ ބަޖެޓް 90.3 މިލިޔަން ރުފިޔާއަށް ކުޑަކޮށްގެންނެވެ. އިލްޔާސް ހުށަހެޅުއްވި އިސްލާހުގައިވާ މަސައްކަތަށް ވަކި އަދަދެއްގެ ފައިސާ، ބަޖެޓްގައި ހިމަނައިފައެއް ނުވެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މީގެކުރިން ވެސް އެދުނު ގިނަ އޮޑިޓްތައް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ވަރަށް އަަވަހަށް ނިންމައިފަ އެވެ. އެ އޮފީހުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ދިރާސާކޮށް ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެމްބަރުން އޮޑިޓާ ޖެނެރަލް އަށް ޝުކުރު އަދާކުރެއްވި އެވެ.